Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އިދިކޮޅު ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރަން: އަލީ ވަހީދު

ޖުމުހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ބައިއަތު ހިފިޔަސް ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަދި އެޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށް ފަހު މަގާމު ދޫކުރައްވައި ޖޭޕީއާ ގުޅުނު އަލީ ވަހީދު މިފަހަކަށް އައިސް ޖޭޕީގެ ހަރަކާތްތަކުން ފެންނަ މިންވަރު ވަނީ މަދުވެފައެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ރޭ މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުން ނިކުމެ ޔާމީނަށް ނޫނެކޭ ބުނެފައިވަނިކޮށް އެމަނިކުފާނުގެ ތާއީދާއެކު އިންތިޚާބަށް ނިކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށެވެ.

އަދި ޖުމުހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް ހުންނެވީ ސަރުކާރަށް މެޖޯރިޓީ ހޯއްދަވަން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ވާހަކަފުޅުގައި ޖުމުހޫރީ ޕާޓީން ޓިކެޓު ދިން އުސޫލާމެދު ހިތްހަމަނުޖެހި ހުންނެވިކަން ފާހަގަކޮށްލެވެއެވެ. "ޓިކެޓް ދީފައި އެވާ ކަންތައްތަކުގައި އަޅުގަނޑު އުސޫލީ ގޮތުން ގަބޫލެއް ނުކުރަން އެގޮތަށް އެކަން ވެގެންދާން. އެހެނަސް ޕާޓީގެ އަޣުލަބިއްޔަތުން އެކަން އޮތީ ނިންމާފައި. ނަމަވެސް 22 ބޭފުޅުން އެއުސޫލަށް ވޯޓެއް ނުދޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި މަހިބަދޫ ދާއިރާގެ ޓިކެޓު ދީފައިވާ ސުނިލް އަތުން ޓިކެޓު އަތުލުމަށް ފަހު އެދާއިރާއަށް ވާދަނުކޮށް ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ތޯރިގަށް ތާއީދުކުރަން ވަނީ ނިންމާފައެވެ. އަދި ޕީޕީއެމުން ވެސް ވަނީ ބައެއް ކެންޑިޑޭޓުންގެ ޓިކެޓު އަތުލައި ޖޭޕީގެ ކެންޑިޑޭޓޫންނަށް ތާޢީދުކުރަން ނިންމާފައެވެ.