ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފާ ވައުދަށް ތާއިދު ކުރައްވައި ޖުޑިޝަރީ އިސްލާހު ކުރުމަށް ސަރުކާރުގެ އެހީއަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެދިވަޑައިގެންފިއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކޮށް، ފަނޑިޔާރުގެ މިނިވަންކަން ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުގެ އެހީ ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ފަނޑިޔާރުގެ އިސްލާހު ކުރާއިރު މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެއީ ޝަރުއީ ދާއިރާގެ ހައިރާކީ ނިޒާމު ހަރުދަނާ ކުރުމާއި އިދާރީ ހިންގުމާ ބެހޭ އިޖުރާއަތުތައް އިސްލާހު ކުރުމާއި މުވައްޒަފުންގެ އިލްމާއި އަހުލާގު ހުރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. މިކަންކަން އިސްލާހު ކުރެވިއްޖެނަމަ މުޅި ޖުޑިޝަރީ އިސްލާހުވެގެންދާނެކަމަށެވެ.
ރާއްޖޭގެ ފަނޑިޔާރުގެ މިނިވަން ތަނަކަށް ހެދުމަށް ނުފޫޒުން އެއްކިބާ ކުރަންޖެހޭނެކަމަށާއި، ޖުޑިޝަރީއަށް ބާރު ފޯރުވައި ފަނޑިޔާރުންގެ ކަންކަމާއި ބެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެވެން ޖެހޭނެކަމަށް އުއްތުމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިވަން ފަނޑިޔާރުގެއަކަށް ބޭނުންވާ ބަޖެޓު ލިބެން ޖެހޭކަމަށާއި، ޖުޑިޝަރީއަކީ ކަންކަން ކުރުމަށް ސަލާން ޖަހަން ޖެހޭ ތަނެއްގެ ގޮތުގައި އޮވެގެން ޝަރުއީ ދާއިރާ ރަނގަޅު ނުކުރެވޭނެކަމަށެވެ.