Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަނީ ލޯންޑްރިން މައްސަލާގައި އެމްއެމްއޭގެ ވެރިންތަކަކަށް ދައުވާ ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެެމްޕީއާރުސީ)އިން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށް އެފައިސާއިން މަނީ ލޯންޑަރިން ކުރިކަމުގެ ތުހުމަތުގައި އެމްއެމްއޭގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ނިންމައިފިއެވެ.

އޭސީސީގެ ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ފައިސާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ އެސްއޯއެފް ގެ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރ ކުރި މައްސަލައެއް އެމްއެެމްއޭގެ އެފްއައިޔޫއިން ބެލި ނަމަވެސް އެމައްސަލަ ތަހްގީގު ކުރުމަށް ނުފޮނުވާކަން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ބުނީ މިމައްސަލަ އިތުރަށް ތަހްގީގު ކުރުމަށް ނުފޮނުވައި އޮތީ ވަކި ބައެއްގެ ނުފޫޒުންކަމަށާއި އެކަމާއި ގުޅުން ހުރި ފަރާތްތަކަށް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާކުރި އެފްއައިޔޫއިން ބެލުމަށްފަހު ތަހްގީގު ކުރުމަށް ނުފޮނުވި މައްސަލާގައި އޭސީސީން ވަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އާއި ކުރީގެ އެފްއައިޔޫ ހެޑް އާތިފް ޝަކޫރު އާއި އެފްއައިޔޫގެ އިތުރަށް މަސައްކަތް ކުރި މުވައްޒަފެއްގެ އިތުރުން ބައެއް އެހެން މީހުންގެ ބަޔާން ނަގާފައެވެ.

އޭސީސީއަށް އާތިފް ޝަކޫރު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެސްއޯއެފް ކުންފުންޏާއި ގުޅުންހުރި ބައިވަރު ޓްރާންސެކްޝަންތަކެއް ހަދާފައިވާކަމާއި އެމް.އެމް.ޕ.އާރ.ސީ އާއި އެސް.އޯފް.އެފް ޕްރައިވެޓް ލިމިޓެޑްއާ އޮތް ލިންކް ފެންނަށް އޮތް ކަމަށާއި އެގޮތުން، އެސް.އޯފް.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޓްރާންސެކްޝަންތައް ހިނގަނީ ކިނެއްތޯއާއި، އެސް.އޯފް.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ވަދެފައި، ފައިސާ ނުކުމެގެން ދަނީ ކިހިނެއްތޯއާއި، އަދި ފައިސާތައް ދަނީ ކޮންކޮން އެކައުންޓްތަކަކަށްކަން އެނގެން އޮތުމުން، އެކަމަކީ ކަމާގުޅުންހުރި ތަޙްޤީޤީ އިދާރާ އަކުން ތަޙްޤޤް ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވިގެން، އެ އެނަލިސިސް ރިޕޯޓާއެކު އެމަޢުލޫމާތު ގަވަރުނަރު އާޒިމާ އާއި ހިއްސާ ކުރިކަމަށެވެ.

މި ވާހަކަ ގަވަރުނަރު އަޒީމާ އާއި ހިއްސާ ކުރުމުން އެފްއައިޔޫ ޔުނިޓަކީ އެންމެ ހަތަރު މުވައްޒަފުން އެކުލެވޭ ކޮމެޓީ އެއްކަމަށާއި މިވަގުތު ފޯކަސްކުރާނީ ބޭރު ޤައުމުތަކުން ހިންގާ ވަގު ފައިސާ ( ބްލެކް މަނީ) ގެ ޓްރާންސެކްޝަންތައް ބަލައި އެނަލައިޒް ކުރުމަށްކަމަށާއި، ބްލެކްމަނީ ނޫން އެހެން އެއްޗެއްސައިގެން އުޅުމަށް މި ވަގުތު ރިސޯސްއެއް ނެތްކަމަށް ވިދާޅުވިކަމަށެވެ.