Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޔާމީން ގިނަ ދުވަހަކަށް ޖަލުގައި ނުބެހެއްޓޭނެ: އަދުރޭ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި އެމަނިކުފާން ގިނަ ދުވަހު ޖަލުގައި ނުބެހެއްޓޭނެކަމަށް ޕީޕީއެންސީގެ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޔާމީން ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާންގެ ސަޕޯޓަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ މިވަގުތަކީ އެމަނިކުފާންގެ ސަޕޯޓަރުން އެކަތިގަޑަކަށްވެ ހިތްވަރު ކުރަންޖެހޭ ވަގުތެެއް ކަމަށެވެ.

"…އެއްވެސް ގޮތަކަށް ހިތްވަރު އެލުވާނުލައްވާށޭ، އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ގިނަ ދުވަހަކު ޖަލުގަ ނުހުންނާނެ، އެއަށްވުރެ މާ ވަރުގަދައަށް އަޅުގަނޑުމެންގެ ޓީމުން މިދަނީ މަސައްކަތް ކުރަމުން، އަދި ރައީސް ޔާމީނަކީ އެހެން ބަންދުގައި ބަހައްޓަން ޖެހެ ބޭފުޅެއްވެސް ނޫން" އަދުރޭ ވިދާޅުވިއެވެ.

ރައީސް ހައްޔަރުކުރުމާއި ގުޅިގެން ބޭރުގެ މީޑިއާތަކަށާއި، ބޭރު އެމްބަސީތަކަށް ދިއުމަށް ހަމަޖެހިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

މަނީލޯންޑްރިންގެ ތުހުމަތުގައި ރައީސް ޔާމީން ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ އިއްޔެ ހަވީރު ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމްއެވެ.