Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގާސިމް ރައީސްކަމަށް ގެންނަންޖެހޭ: އަދުރޭ

ރާއްޖެ ހަމަ މަގަށް އެޅުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ކަމުގެ މަގާމަށް ގެންނަންޖެހޭ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މިހާރު އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމު އިސްތިއުފާ ދެއްވުމަށްފަހު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުވުން ކަމަށެވެ.

"އެ ސަރުކާރުގެ ރައީސަކަށް އަޅުގަނޑުމެން ތާއީދުކުރާނީ ގާސިމް އިބްރާހިމް. ގާސިމް ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެން އެބަޖެހޭ މި ރާއްޖެ ހަމަ މަގަށް އަޅުވަން. ހަމަ މަގަށް އަޅުވައިގެން ނޫނީ ދިވެހި ރައްޔިތުން ބޭނުންވާ މިސްރާބަކަށް މި އޮޑި ދަތުރެއް ނުކުރާނެ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު ޔާމީން ހައްޔަރުކުރުމަކީ ޖުމްހޫރީ ޕާޓީގެ މެމްބަރުން އުފާފާޅުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ގާސިމް ވަނީ އެގޮތަށް ކަންކަން ނުކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް އިލްތިމާސްކޮށްފައެވެ.

"ކުނޫޒުގައި ވެސް ނުވަތަ އެހެން ތަނެއްގައި ވެސް ޖޭޕީގެ މީހުން ރައީސް ޔާމީން ބަންދުކޮށްގެން އެއީ އުފަލެއް ކަމުގައި ދެކިގެން ކަމެއް ކުރުން ބުއްދިވެރިއެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

މިސަރުކާރު އައުމުގެ ކުރިން ގާސިމް ވަނީ އެކި ފަހަރު މަތިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ފާޑުކިޔުންތަކާއެކު ގާސިމްގެ ވިޔަފާރިތަށް އިނދަޖައްސާލުމަށް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާއިރު، ގާސިމް އާއި އޭނާގެ ދަރިކަލުން ސިޔާދު ގާސިމް ޖަލަށްވެސް ލާފައިވެއެވެ.

ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކާއި ޖުމްހޫރީ ޕާޓީއާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި ޕީޕީއެމް އަށް ބައެއް ގޮނޑިތައް ދޫކުރުމަށް ޖޭޕީން ނިންމާފައިވާކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރެން ފަށާފައެވެ.