Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބާނީ ސޭންޑާސް އަނެއްކާވެސް ވެރިކަމަށް ކުރިމަތިލައްވަނީ

ޔޫއެސް ސެނެޓަރ ބާނީ ސޭންޑާސް

2020 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އުމުރުން 77 އަހަރުގެ ސެނެޓަރ ބާނީ ސޭންޑާސް ނިންމަވައިފި އެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމެރީގައި އޭނާ ވާދަކުރައްވާނެ އެވެ.

މިއީ ސޭންޑާސް ވެރިކަމަށް ކުރިމަތިލައްވަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އޭނާ ވަނީ ވާދަކުރައްވައިފަ އެވެ. އެފަހަރުގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް، ސޭންޑާސް ވަނީ ސިޔާސީ ދާއިރާގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައެވެ.

އޭނާގެ ސަޕޯޓަރުންނަށް ފޮނުވި އީމެއިލެއްގައި ސޭންޑާސް ވިދާޅުވެފައި ވަނީ އެމީހުން ފެށި ސިޔާސީ އިންޤިލާބު ނިމުމަކަށް ގެންނަ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކަވާ ސޭންޑާސް ވިދާޅުވާ ގޮތުގައި ޓްރަމްޕް އަކީ ރޭސިސްޓް ދޮގުވެރިއެއް ކަމަށެވެ.

2016 ވަނަ އަހަރު ބޭއްވި ޑިމޮކްރެޓިކް ޕްރައިމެރީ އިން ސޭންޑާސް ވަނީ ކުރީގެ ސްޓޭޓް ސެކްރެޓަރީ ހިލަރީ ކްލިންޓަން އާއި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންފަ އެވެ.

ސަޕޯޓަރުންނަށް ފޮނުއްވި އީމެއިލްގައި ވިދާޅުވެފައި ވަނީ ތިން އަހަރުކުރިން އެމީހުން ފާޅުކުރި ފިކުރުތަކަކީ ހައްދުފަހަނަޅާފައިވާ ޚިޔާލުތަކެއްކަމުގައި މީހުން ސިފަކުރި ކަމަށެވެ. ނަމަވެސް މިއީ 2016 ވަނަ އަހަރު ފެށި ސިޔާސީ އިންޤިލާބު ނިމުމަކަށް ގެނެސް، އެމީހުންގެ ޚިޔާލާއި ފިކުރު ތަންފީޒްކުރާ ވަގުތު ކަމުގައި އޭނާ ވިދާޅުވި އެވެ.