Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ޕާކިސްތާނު ބޮޑުވަޒީރުގެ ވާހަކައަށް ތާއީދު ކުރުމުން އަލީ ޒަފަރު ހޫނު ފެނަށް

އިންޑިއާގެ ޕުލްވާމާއަށް ދިން ޓެރަރިސްޓް ހަމަލާއާއިބެހޭ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގައުމާއި މުޚާތަބްކުރައްވާ ދެއްކެވި ވާހަކަފުޅަށް ތާއީދުކޮށް ޓްވީޓް ކުރުމުން ބޮލީވުޑްގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަލީ ޒަފަރުއަށް އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އިންޑިއާއިން، ޕުލްވާމާއަށް ދިން ހަމަލާގެ ޒިންމާ އަޅުވާފައިވަނީ ޕާކިސްތާނު ބޮލުގައެވެ. އެހެން ނަމަވެސް އިމްރާން ޚާން ދެއްކެވި ވާހަކަފުޅުގައި ވަނީ އެއްވެސް ހެއްކެތްނެތި އެމީހުންގެ ބޮލުގައި އިލްޒާމް އިންޑިއާއިން އެޅުވީ ކަމަށް ވިދާޅުވެފައެވެ. ޓެރަރިޒަމް އާއި ދެކޮޅަށް އެގައުމުން 15 އަހަރު ހަނގުރާމަ ކޮށްފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޓެރަރިޒަމްގެ އެކި ހަމަލާތަކުގައި ޕާކިސްތާނުގެ 70،000 އަށްވުރެ ގިނަ މީހުން ފުރާނަ ގޮސްފައިވާ ކަމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރުވަނީ ވިދާޅުވެފައެވެ. ޕާކިސްތާނުން އެފަދަ ހަމަލާއެއް ޕުލްވާމާއަށް ދީފައި ނުވާނެ ކަމަށާއި އެކަން ސާބިތުކޮށް ދެވިއްޖެނަމަ އެ ގައުމުން އަޅަންޖެހުނު ފިޔަވަޅެއް އެ ފަރާތަކާއިމެދު އަޅާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަލީ ޒަފަރު ކުރި ޓްވީޓެއްގައި އޭނާ ވަނީ "ވަޓް އަ ސްޕީޗް" ބުނެ އިމްރާން ޚާން ޓެގް ކޮށްފައެވެ. އެ ޓްވީޓާއެކު ގިނަ އިންޑިއާގެ ރައްޔިތުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ދެން އެނބުރި ބޮލީވުޑަށް އައިސްނުވާނެ ކަމަށާއި އެއީ ވަރަށް ހަރާންކޯރު މީހެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

https://twitter.com/AliZafarsays/status/1097775995493539840

އަލީ ޒަފަރުވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "މެރޭ ބްރަދަރ ކީ ދުލްހަން". "ޑިއަރ ޒިންދަގީ"، "ޗަޝްމެ ބައްދޫރު"، "ތެރޭ ބިންލާދިން"، " ޓޯޓަލް ސިޔާއްޕާ'، އަދި "ކިލް ދިލް" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.