Last Updated: April 25, 10:47
Thursday, April 25, 2024
ދުނިޔެ

ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް ނުދިނުމަށް އިންޑިޔާއަށް އިންޒާރުދީފި

އިންޑިއާގެ ޖައްމޫ އަދި ކަޝްމީރްގެ ޕުލްވާމާގައި މިދިޔަ ބުރާސްފަތި ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނަށް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ ޕާކިސްތާނުންވެސް މަޑުން ނުތިބޭނެ ކަމަށް ބުނެ ބޮޑުވަޒީރު އިމްރާން ޚާން، އިންޑިޔާއަށް އިންޒާރު ދީފިއެވެ.

މިހަމަލާގައި އިންޑިޔާ ފުލުހުންގެ 40 ފުލުހަކު މަރުވެފައިވާއިރު ޕާކިސްތާނުން ވަނީ އެއީ ޕާކިސްތާނުން ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ޕާކިސްތާނުގެ ބައިވެރިވުމެއް އޮތްކަމުގެ ހެއްކެއް ދެއްކުމެއް ނެތި ފިޔަވަޅެއް ނޭޅުމަށް އިމްރާން ޚާން، ޓީވީ މެދުވެރިކޮށް އެރުވި ބަޔާނެއްގައި ބުނެފައިވެއެވެ.

ޖަވާބުގައި އިންޑިޔާއިން ބުނެފައިވަނީ އިމްރާން ޚާންގެ އިންޒާރަކީ ބަހަނާ ދެއްކުމުގެ ގޮތުން ނެރުނު ބަޔާނެއް ކަމަށެވެ. އިންޑިޔާއިން ވަނީ އިމްރާން ޚާންގެ ބަޔާނުގައި އެ ހަމަލާ ކުށްވެރިކޮށްފައިނުވާ ކަމަށާއި ހަމަލާގައި މަރުވި ފުލުހުންގެ އާއިލާތަކަށް ތައުޒިޔާވެސް ރައްދު ކޮށްފައިނުވާ ކަމަށެވެ.

އަދި އެހަމަލާގެ ޒިންމާ ނަގާފައިވާ "ޖައިޝީ މުޙައްމަދު" ހަނގުރާމަވެރި ޖަމާއަތަކީ ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށާއި އޭގެ ވެރިޔަކީ ޕާކިސްތާނު މީހެއްކަން އެންމެނަށް ވެސް އެނގޭ ހާލު ޕާކިސްތާނުން އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ ސަރުކާރުގެ އިހުމާލު، ކުރީގެ ހަމަލާތަކެކޭ އެއްފަދައިން މިފަހަރު ވެސް އޮތް ކަން ސާބިތުވާ ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ ކުރިން އެ ހާދިސާއަށް ޖަވާބުދާރީ ނުވެވުނީ ސައުދީގެ އަމީރު މުހައްމަދު ބިން ސަލްމާން އެގައުމަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ކަމަށެވެ.

އިންޑިޔާ ޖާސޫސީ އިދާރާއިން ވަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އަތެއް، މިހަމަލާގައި ވާކަމަށް ތުހުމަތުކޮށްފައެވެ. އިންޑިޔާ އަސްކަރިއްޔާއިން މިހަމަލާއަށް ބަދަލު ހިފާނެ ކަމުގެ ނިޝާނެއް އަދި ދީފައެއް ނުވެއެވެ.