އައްޑު ލިންކް ރޯޑްގައި ހުކުރު ދުވަހު ހިނގި ސައިކަލް އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ހަސަން މަނިކާ މާލެ ފޮނުވައިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އޮފިޝަަލަކު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ހިތަދޫ ޕްރިޓީވިލާ ހަސަން މަނިކާ، 58، ގެ ހާލު ބަލާލަން މިއަދު ވެސް އައިޖީއެމްއެޗަށް ގުޅި ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، އޭނާ ނޭވާލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިކޮޅުން [އައްޑޫން] ފޮނުވާލި ފަހުން ވެސް އޭނާގެ ހާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭ. ހާލު އަދިވެސް ހަމަ ސީރިއަސް،" އޭނާ ވިދާޅުވި އެވެ.
ހަސަން މަނިކާ މާލެ ފޮނުވާލީ އިއްޔެ ރޭ ދަންވަރު އެވެ. އޭނާ އަށް ލިބިފައިވާ ގެެއްލުންތަކުގެ މޭ ކަށިގަނޑު ނުވަ ތަނަކުން ބިންދައިގެން ގޮސް، މޫނާއި ކަންފަތަށް ވެސް ބޮޑެތި ގެެއްލުންތަކެެއް ލިބިފައިވެ އެވެ.