އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އާއި އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން މާދަމާ އައްޑޫއަށް ވަޑައިގަންނަވާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އާއިޝަތު އަލީ އާއި ޑރ. ހުސެއިން އައްޑޫއަށް ވަޑައިގަންނަވަނީ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅިތައް ގެންގުޅޭ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭނުގެ ދަށުން ތަޢާރަފްކޮށްފައިވާ ރީޔޫސަބަލް (ބީ.ޕީ.އޭ ފްރީ) ފެންފުޅި އައްޑޫގެ ސްކޫލްތަކަށް ރަސްމީކޮށް ތައާރަފް ކުރުމަށެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހިތަދޫ ސްކޫލްގައެވެ. މި ރަސްމިއްޔާތުގައި އައްޑޫގެ 12 ސްކޫލަކާއި ފެންފުޅި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ 100 ދުވަހުގެ އެކްޝަން ޕްލޭނުގެ ދަށުން ހިންގާ ކެމްޕޭން ހަރަކާތެކެވެ.