Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޔާމީން ދޫކޮށްލަން ކުރާ މުޒާހަރާއަށް ޖޭޕީ ނުދާނެ

ގާސިމް އާއި ޔާމީން، ފޮޓޯ: މިހާރު

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް އިން މިރޭ ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ޖުމުހޫރީ ޕާޓީން ބައިވެރިނުވާނެ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް، "އައްޑޫލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ޖޭޕީން ބައިވެރިވާން ޖެހޭ އެއްވެސް މުޒާހަރާއެއް މިވަގުތު ރާއްޖޭގައި ކުރަމުން ނުދާ ކަމަށެވެ.

އެހެންކަމުން ޖޭޕީ ސަޕޯޓަރުން މިރޭ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބާއްވާ މުޒާހަރާގައި ވެސް ބައިވެރިއެއް ނުވާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ނަމަވެސް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ، ޔާމީން ހައްޔަރުކުރުމުން އެކަމުގެ އުފަލުގައި ކުނޫޒުގައި ބޮނޑިބަތް ކެއްކުމަށް ޖޭޕީ ކައުންސިލް މެމްބަރަކު ޚިޔާލު ހުށައެޅުމުން، ޔާމީން ހައްޔަރުކުރުމަކީ ޖޭޕީން އުފާ ފާޅުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ، ކުނޫޒުގައި ވެސް ނުވަތަ އެހެން ތަނެއްގައި ވެސް ޖޭޕީ ސަޕޯޓަރުން، ޔާމީން ހައްޔަރުކުރުމުން އުފާފާޅުކުރުން ބުއްދިވެރިއެއް ނޫން ކަމަށެވެ. ގާސިމް ވަނީ ޖޭޕީ އިން ޕްރޮގްރެސިވް ކޮންގްރެސްއާއެކު ކޯލިޝަން ހަދާފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޖޭޕީން ވަނީ އެފަދަ އެއްވެސް މަޝްވަރާއެއް ހިނގާފައިނުވާ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.