Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް، ގއ. ވިލިނގިލި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ގއ. ވިލިނގިލި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ވިލިގިނލި ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަކުރެއްވުމުގައި، ވިލިނގިލީ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާއި، ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން ކައުންސިލް މެންބަރުން ރައީސް އާއި ހިއްސާ ކުރެއްވިއެވެ.

އެގޮތުން، ވިލިނގިލީގައި ފުރިހަމަ ނުވާ އުމްރާނީ ވަސީލަތްތަކާއި، އަސާސީ ޚިދުމަތްތައް ހުރިކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތާއި، ރަށުގެ އިޖުތިމާއީ ތަރައްޤީ އަށާއި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކައުންސިލުން ރާވާފައިވާ ކަންކަންވެސް ރައީސް އާއި ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ވިލިނގިލީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ސަރުކާރުގެ ތެރެއިންހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރަށްރަށުގެ ކައުންސިލްތަކާއެކު ބާއްވަވާ މިފަދަ ބައްދަލުވުންތަކުގެ ބޭނުންފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަތުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.