Last Updated: March 29, 17:22
Friday, March 29, 2024
ޚަބަރު

ޕެޕާ ސްޕްރޭ ބޭނުންކުރީ އެންމެ ކުޑަ މިންވަރަށް: ޕޮލިސް

ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރަށް ދެއްކުމަށް އިއްޔެ ހަވީރު އައިޖީއެމްއެޗަށް ގަނައި ވަގުތު އެތަށް އެއްވި އެއެމަނިކުފާންގެ ސަޕޯޓަރުން މައިތިރިކުރުމަށް ޕެޕާ ސްޕްރޭ ބޭނުންކުރީ ހާލަތާއި ގުޅޭ އެންމެ ކުޑަ މިންވަރަށްކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައި ވަގުތު އެމަނިކުފާންގެ ސަޕޯޓަރުންވަނީ އައިޖީއެމްއެޗްގެ ހުޅަނގު ގޭޓުން ވަދެ އަޑުގަދަކޮށްފައެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި މީހުންތައް ނެރެލާފައެވެ. އެއްވި މީހުންގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމާއި ގުޅިގެން ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

މި ހާދިސާ އާއި ގުޅިގެން ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން މިއަދު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކެވުމަށް ގެންނެވި ވަގުތު އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު އެ ހޮސްޕިޓަލުގެ ހުޅަނގު ގޭޓުން ވަދެ، ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ސެންޓަރުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން ތަކުރާރުކޮށް އެތަނަށް އެއްނުވުމަށް އެންގިކަމަށެވެ.

ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަޑުގަދަކޮށް ގަދަކަމުން ހޮސްޕިޓަލްގެ ތެރެއަށް ވަދެގަތުމަށް އުޅުމުން އެމީހުން މައިތިރިކުރުމަށް ޕެޕާ ސްޕްރޭ ބޭނުން ކުރަން ޖެހުނު ކަމަށެވެ.

ފުލުހުން ބުނީ މީހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާނީ އެހާލަތުގައި ބޭނުން ކުރަންޖެހޭ އެންމެ ކުޑަ މިންވަރަށް ކަމަށެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ބާރުގެ ބޭނުން ކުރެވުނު ގޮތް ރިވިއު ކުރުމަށް އެކުލަވާލާފައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ" އިން ހާދިސާ ރިވިއުކޮށް ދިރާސާ ކުރާއިރު މި ހާދިސާ ރިވިއު ކުރާނެކަމަށެވެ.