Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ތިރީސްވަނަބައި)

" އާނ އެހެރަ އަންނަނީ؟…" އާއިން ތެދުވެގެން ދާން އުޅެނިކޮށް ފަރަހަނާޒް ބުންޏެވެ. އާއިން ބަލާލިއިރު، އެރިކްގެ އަތުގައި ހިފާލައިގެން ހެވިފައިހުރެ ޝައުން އާދެއެވެ. މީގެ އިރުކޮޅެއްކުރިން އެމޫނުން ފެނުނު އުދާސްކަމުގެ އަސަރުވެސް މިހާރަކު ނެތެވެ. އާއިން ހައިރާންވެފައި ބަލަންއިން މަންޒަރު ފެނުމުން ޝައުންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެރިކް އައިސް އޭނާގެ ގާތުން މާފަށް އެދުމުން އޭނާ އެހާފަސޭހައިން މާފުކުރީ އާއިންގެ ގާތުގައި ބުނެވުނު ބަސްތައް ތެދުކުރުމަށްޓަކައެވެ. މިހާރު އާއިން އެހުރީ އޭނާ ދެއްކި ވާހަކަ ގަބޫލުކޮށްގެންކަން އޭނާއަށް އެނގެއެވެ.

ދަތުރުގެ ބާކީއޮތް ބައިގައި ޝައުން އާއި އެރިކްގެ ކިބައިން ފެންނަމުން ދިޔަ ހިތްނޭދޭ މަންޒަރުތަކުން އާއިންގެ މޫޑު ގޯސްވިއެވެ. ކުޑައިރުންފެށިގެން އޭނާގެ ހިޔަނިފަދައިން ފަހަތުން ނުނެއްޓި އެކީގައި މަޖާކޮށް ސަކަރާތްޖަހައި އުޅުނު ޝައުން މިއަދު އެހެންމީހަކާ ގާތްވާ މަންޒަރު ފެނުމުން އޭނާގެ ހިތަށް ބުނަން ނޭނގޭފަދަ އުނދަގުލެއް ވަމުން ދިޔައެވެ. މީގެކުރިން ޝައުން އެފަދަ ގާތްގޮތަކަށް އުޅެފައިހުރީ ހަމައެކަނި އޭނާއާ އެކުގައެވެ. އިތުރު އެއްވެސް ފިރިހެނަކާއެކު ގާތްކޮށް އުޅޭމަންޒަރު އޭނާއަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން އެކަން ބަލައިގަންނަން އޭނާއަށް އުނދަގޫވަނީއެވެ. އަދި އަމުދުން ޝައުންއާ އެރިކްގެ މެދުގައި ލޯބީގެ ގުޅުމެއް އޮތުމަކީ އޭނާއަށް އެއްގޮތަކަށްވެސް ރުހެވޭނެ ކަމެއްނޫނެވެ.

" ކިހިނެއްވީ؟ ހާދަފާޑަކަށް ތިއިނީ؟…" ކުއްލިއަކަށް ދާދިގާތުން މާޒްގެ އަޑުއިވިފައި އާއިން ސިހުނެވެ.

" ކަމެއްނުވޭ….ދެންހަމަ ވަރުބަލި ފިލުވާލަން އިނީ…" އާއިން ހަމަޖެހިލަމުން ޖަވާބުދިނެވެ.

" އާން….އެއީ ޝައުންގެ ބޯއީ ފްރެންޑްތަ؟…އެދެމީހުން އުޅޭގޮތުން މަށަށް އެހެންހީވާތީ މިއަހާލީ؟…" ޝައުންއާއި އެރިކްއަށް ބަލަންއިނދެ މާޒް އަހާލިއެވެ.

" ނޭނގެ…ވެދާނެ…" ރުންކުރު ގޮތަކަށް އާއިން ޖަވާބުދިނެވެ.

" އައްދެ ހާދަފާޑަކަށް..އާންއަށްވެސް ނޭނގޭތަ؟…މަހީކުރީ އެހެންމީހަކަށް ނޭނގުނު ނަމަވެސް އާންއަށް އެނގޭނެކަމަށް….ޝައުން ނުބުނީމަ އެކަމާ ކަޓާފަތަ ތިއިނީ؟…" ހީލަމުން މާޒް އަހާލިއެވެ.

" ނޫނޭ…ޝައުން ކުރާހުރިހާ ކަމެއް މަށަށް އެނގޭކަށް ނުވެސް ޖެހެއެއްނު….މަވެސް ނާޒްއާ އިންނަން އުޅުނުއިރު ޝައުން ގާތުގައެއް ނުބުނަން…" އާއިން ބުނެލިއެވެ.

" އެހެންތަ؟…އަދި މަށަށް ނޭނގޭކަމެއްތީ…މަހީކުރީ އަދިވެސް ކުޑައިރުގެ ގާތްކަން އޮންނަކަމަށް….އެކަމު ތިބުނި އެއްޗަކުން ހީވަނީ ދެމީހުންގެ މެދުގަ މިހާރު އެއްވެސް ގުޅުމެއް ނެތީހެން….އަނެއްކާ ކަމެއް ގޯސްވީތަ؟…" މާޒް ޝައުގުވެރިކަމާއެކު އަހާލިއެވެ. މިނޫނީ މާޒް މިފަދަ ގޮތަކަށް ޝައުންއާމެދު ވާހަކަ ދައްކާފައެއް ނުވެއެވެ. ޝައުންއަކީ އާއިންއަށް ކިހާ މުހިއްމު މީހެއްކަން ޚުދު މާޒްއަށްވެސް އެނގެއެވެ.

" ކީއްވެ ކުއްލިއަކަށް ތިހެން ތިއެހީ؟…އަހަރެމެންގެ މެދުގަ ގޯސްވާން އޮންނާނީވެސް ކޮންކަމެއްތަ؟…" އާއިން ހީލަމުން ޖަވާބުދިނީ މާޒް އިތުރަށް ސުވާލެއް ކޮށްފާނެތީ ބިރުން އިނދެއެވެ.

" މަށަކަށް ތިޔެއް ނޭނގޭ….އެކަމު އެނގޭ އެއްޗަކީ ތިއީ ކުރީގެ އާންއާ ޝައުން އުޅުނު ގޮތެއްނޫންކަން….ކުރިން އަހަރެން ހީކުރީ އާން މެރީކުރީމަ ނާޒްއަށް ވަގުތު ދޭންވެގެން ޝައުންއާ ދުރުވީކަމަށް….އެކަމު މިހާރު ފެންނަ މަންޒަރުން ތިދެމެދުގަ އެކުވެރިކަމެއްވެސް އޮތްހެން ހީނުވޭ….އަހަރެންނަށް އެހެން ހީވާތާ ލައްކަ ދުވަސްވެއްޖެ….އެކަމު އާން ހިތްހަމަ ނުޖެހިދާނެތީ އެހެން ނާހަންހުރީ…" މާޒް އޭނާގެ ހިތުގައި އޮތްގޮތަށް ބުންޏެވެ.

" ތިހީކުރީ ހަމަ ރަނގަޅަށް….ކުޑައިރުގެ ގާތްކަމާ އެކުވެރިކަން އަބަދު އެގޮތަކަށް ނޯންނާނެދޯ….ކައިވެނިކުރީމަ ބަދަލުކުރަން ޖެހޭ ކަންކަންވެސް ހުންނާނެއްނު…ހީކޮށްލާ އެއީކަމަށް އައި ބަދަލަކީ…ޝައުންވެސް ކައިވެނިކުރީމަ ހަމަ އޭނާއަށްވެސް އެބަދަލު އަންނާނެ….ވިސްނަން ޖެހޭ ކަންކަން ގިނަވާނެ…ވަގުތު ދޭންޖެހޭ މީހުންވެސް ގިނަވާނެ…އެހެންވީމަ ކުރީގަ އުޅުނުހެން އަބަދު އެކީގައެއް ނޫޅެވޭނެއްނު….އަހަރެމެން ދެމީހުންނަށްވެސް އެކަން ވިސްނޭ…." އާއިން ވަރަށް ސާދާކަމާއެކުގައި ހަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރިއެވެ.

" ހޫމް…ވެދާނެ ތިހެން ކަމަށްވެސް ވީ….އެކަމު ޝައުން އެފިރިހެނާއާއެކު އުޅޭތަން ފެނުނީމަ މަވެސް ރުޅިއާދޭ….އާންއަށް އެއްޗެއް ނުބުނެ ކެތްކުރެވޭތީ އަހަރެން އަޖާއިބުވަނީ…އައިރާބުނި އެއީ މުސްލިމެއްވެސް ނޫނޭ….އެކަމުވެސް ޝައުން ބުންޏޭ އޯކޭވާނޭ….މުސްލިމު ނޫން މީހަކާ ޝައުން ގުޅެން އާން ބޭނުންތަ؟…" ސީރިއަސް ރާގެއްގައި މާޒް އަހާލިއެވެ.

" އެއީ މުސްލިމެއް ނޫންތަ؟…" ހައިރާންވެފައި އާއިން އަހާލިއެވެ.

" ހޫމް…ކިޔާނަމުންވެސް އެނގެއެއްނު އެކަން…" މާޒް ޖަވާބުދިނެވެ.

" އިޒޫއަށްވެސް އެމީހުންގެ ގުޅުން އެނގޭހެނެއް ހިޔެއްނުވޭ….އެނގޭނަމަ އެކަން ކުރިޔަކަ ނުދޭނެ…." ވިސްނާލަމުން އާއިން ބުނެލިއެވެ.

އާއިންއާއި މާޒްއާ ދެމީހުން ހިތްހަމަނުޖެހިފައި އެރިކްގެ ވާހަކަ ދައްކަން ތިއްބައި އައިރާ ގޮވާލުމުން މާޒް ދިޔައެވެ. އާއިން އެކަނި އިނދެ ޝައުންއާމެދު ވިސްނާލިއެވެ. ޝައުން އެރިކް ދެކެ ލޯބިވޭ ހެއްޔެވެ؟ ނޫނީ އެރިކް ޝައުންދެކެ ލޯބިވާތީ އޭނާއާ ގުޅެން ވިސްނީ ހެއްޔެވެ؟ ނަމަވެސް އެރިކްއަކީ މުސްލިމަކަށް ނުވާއިރު، އެފަދަ ގުޅުމެއް ބާއްވަން ޝައުން ޚިޔާލުވެސް ކުރީ ކޮންފަދައަކުން ހެއްޔެވެ؟ ޝައުންއަކީ އެވަރުވެސް ނުވިސްނޭވަރު ކުޑަ ކުއްޖަކީ ހެއްޔެވެ؟

އެކަމާމެދު ވިސްނިވަރަކަށް އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ޝައުން ބޭނުންވާފަދައިން ކަންތައް ކޮށް ނުދެވުނު ނަމަވެސް ޝައުންއަށް ދެރައެއް ލިބޭކަށް ދުވަހަކުވެސް އޭނާ ނޭދެއެވެ. އޭނާއަށް ވެގެން ވިއްޔާ ދުނިޔޭގެ ހުރިހާ އުފަލެއްވެސް ޝައުންއަށް ހޯދައިދޭން އޭނާ ބޭނުންވެއެވެ. އަދިވެސް ޝައުންގެ ލޮލުން ކަރުނަ އޮހޭތަން ދުށުމަކީ އޭނާއަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. މިއަދުވެސް ޝައުން ކަމަކާ ރުއިކަން އެނގުނުފަހުން އޭނާއަށް އެންމެ ހިނދުކޮޅަކުވެސް ހަމަޖެހިލައިގެން ނުހުރެވުނެވެ. އެރިކްއާމެދު އެވަރަށް ވިސްނަން މަޖުބޫރުވީ ސަބަބަކީވެސް އެއީއެވެ. ޝައުން ލޯބިނުވީނަމަވެސް އެރިކް އޭނާގެ ބާރުގެ ބޭނުންކޮށްގެންވެސް ޝައުންއާއެކު ގުޅުމެއް ބާއްވަފާނެއެވެ. އެހެން ވެއްޖެނަމަ މުޅި އުމުރަށް ޝައުން ހިތާމަ ކުރަން ޖެހޭފަދަ ކަމެއްވެސް އެރިކްގެ ސަބަބުން ޝައުން ކޮށްފާނެއެވެ. އެހެން އެކަން ވާކަށް އޭނާ ނޭދެއެވެ.

ދަތުރުނިމިގެން އައިއިރު، ދަތުރުގެ އެހެން ބައިވެރިންނަށްވެސް އެރިކްއާއި ޝައުންގެ އަމަލުތައް ފާހަގަ ކުރެވުނެވެ. އާއިންގެ އިތުރުން އިޒްޔަންވެސް ހުރީ ޝައުންއާމެދު ނުހަނު ކަންބޮޑުވެފައެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ބައްޕައާ އެވާހަކަ ދެއްކުމަށެވެ. ޝައުން އެރިކްދެކެ ލޯބިނުވާކަން ކަނޑައެޅިގެން އޭނާއަށް އެނގެއެވެ. ވީއިރު، އެރިކްއާއެކުގައި ޝައުން ގުޅުމެއް އުފެއްދުމުގެ ބޭނުމެއް އިޒްޔަންއަކަށް ނުވިސްނެއެވެ. ބައްޕައާ ވާހަކަދެއްކުމުގެކުރިން އިޒްޔަން ބޭނުންވީ ޝައުންއާ ވާހަކަދައްކާށެވެ.
ރޭގަނޑުގެ ކެއުމަށްފަހު ހުރިހާ އެންމެންވެސް ކޮޓަރިތަކަށް ވަދެއްޖެއެވެ. އުޝާވެސް މިއަދު މާބޮޑަށް ވަރުބަލިވުމުން މިރޭ އަވަހަށް ނިދައިފިއެވެ. ދަތުރުގެ ވަރުބަލިކަމާއެކުވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެހެންކަމުން އޭނާ ބޭރަށް ނުކުތެވެ. އޭނާ ބަދިގެއްވަދެ ކޮފީއެއް ގިރާލައިގެން އައިސް ސިޓިންރޫމު ސޯފައި އިށީނެވެ. ބެލްކަނީގައިހުރި ޝައުންއަށް ގޭތެރޭގައި މީހަކު އުޅޭހެން ހީވެގެން ބޯދިއްކޮށްލާފައި ބަލާލިއިރު އިޒްޔަން ފެނުނެވެ.

" ކޮކީ އަދިވެސް ނުނިދަނީތަ؟…" ޝައުން ފެނުމާއެކު ހައިރާންވެފައި އިޒްޔަން އަހާލިއެވެ.

" ހޫމް…ހަވީރު ނިދުނީމަ، ނިދި ނައީ…" ޝައުން ބުނެލިއެވެ.

" އާދެބަލަ މިތާ އިށީއްނަން….ދޮންބެ ބޭނުން ވާހަކައެއް ދައްކާލަން…" އިޒްޔަން އެދުނެވެ.

ޝައުން ދެބަހެއްނެތި އައިސް އިޒްޔަންގެ ގާތުގައި އިށީއްނަމަވެސް، އިޒްޔަން ދައްކަންއުޅެނީ އެރިކްގެ ވާހަކަހެން ހީވާތީ އޭނާ ކަންބޮޑުވިއެވެ.

" ކޮކީއާ އެރިކްއާ ކޮން ގުޅުމެއް އޮތީ؟…" އިޒްޔަން ސީދާ މައުލޫއިން ސުވާލުކުރިއެވެ.

" އެއީ…އެއީ ބޮސްގެ ދަރިފުޅު…" ހަގީގަތް ބުނަން ހިތަށްއަރާފަވެސް ޝައުން ޖެހިލުންވިއެވެ.

" ދެން ތިބުނަނީ ދެމީހުންގެ އިތުރު ގުޅުމެއްނެތޭތަ؟….އެކަމު މިއަދު ފެނުނު މަންޒަރުން ދޮންބެއަށް ދޭހަވީ އެހެން އެއްޗެއް….ބުނަދީބަލަ ހަގީގަތަކީ ކޮބާކަން…" އިޒްޔަން ވަރަށް ސީރިއަސްކަމާއެކު ބުނެލިއެވެ. ޝައުން އިރުކޮޅަކު ވިސްނަން އިނދެފައި ހަގީގަތް ކިޔައިދިނެވެ. އެރިކް އޭނާގެ ކައިވެންޏަށް އެދިގެން ޖަވާބުގެ އިންތިޒާރުގައި ހުރިކަމަށްވެސް ބުންޏެވެ.
" މަންމައާ ބައްޕައަށް އެނގޭތަ؟.." އިޒްޔަން އަހާލިއެވެ.

" ނޫން…އެއްވެސް މީހަކަށް ނޭނގޭނެ…ދޮންބެގާތު އެކަނި މިބުނީ…" ޝައުން އޮޅުން ފިލުވައިދިނެވެ.

" ދެން ކޮންގޮތަކަށް ތި ވިސްނަނީ؟…" ޝައުންގެ ވިސްނުން ހުރިގޮތެއް ބަލާލުމަށް އިޒްޔަން އެހިއެވެ.

" މިހިތަށްއަރަނީ އާނއެކޭ ބުނަންވީއޭ….އެރިކްއަކީ ވަރަށް ރަނގަޅުމީހެއް….އަހަރެންދެކެ ލޯބިވޭ…އަޅާލާ…ރީތި މުއްސަނދި…އެހެންވީމަ ނޫނެކޭ ބުނަންވީ ސަބަބެއް ނުފެނޭ…." ވިސްނާލާފައި ޝައުން ބުންޏެވެ.

" ދެން އޭނާގެ ދީނޯ….އެއީ މުސްލިމަކަށް ނުވިޔަސް އެންމެ ރަނގަޅުތަ؟…" ޝައުންގެ މޫނަށް ބަލާލަމުން އިޒްޔަން އަހާލިއެވެ.
" ކްރިސްޓިއަނުންނާ މުސްލިމުންނާ ނީނދެވޭނެތަ؟…" މައުސޫމުގޮތަކަށް ޝައުން އަހާލިއެވެ.

" މުސްލިމު އަންހެނަކާ ކްރިންޓިއަން ފިރިހެނަކާ ނީނދެވޭނެ….އެއީ ހުއްދަކަމެއްނޫން….އެކަމުގެ ބައިވަރު ސަބަބުތައްވެސް އެބަހުރި…" އިޒްޔަން ޖަވާބުދިނެވެ. އަދި އެއީ ކީއްވެގެންކަން ވަރަށް ތަފްސީލާއެކީ ރަސޫލާގެ ހަދީޘްގެ އެހީގައި އޮޅުން ފިލުވައިދިނެވެ.

" އެރިކް އިސްލާމު ވެއްޖެއްޔާ އިނދެވޭނެތަ؟.." ޝައުން އޮޅުން ފިލުވަން ބޭނުންވިއެވެ.

" ހޫމް….އޭރުން ނެތް މައްސަލައެއް….އެކަމު އޭނާ އިސްލާމު ވެދާނެތަ؟…" ޔަގީންނުވާފަދަ ގޮތަކަށް އިޒްޔަން އަހާލިއެވެ.
" އެހެންވީމަ ތިވީނު….އެރިކް އިސްލާމު ވިއްޔާ އަހަރެން އިންނާނީ….އޭރުން ނެތެއްނު އެއްވެސް މައްސަލައެއް…" ޝައުން ބުނެލިއެވެ.

" އެކަމު ދޮންބެގެ ސުވާލެއް އެބައޮތް…ކީއްވެ އެރިކްއާ އިންނަން ތިއުޅެނީ؟….ދޮންބެއަށް ޔަޤީން ލޯބިނުވާކަން އޭނަދެކެ…" ޝައުންގެ މޫނަށް ބަލާލަމުން އިޒްޔަން ސުވާލުކޮށްލިއެވެ. އެވަގުތު ޝައުންގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. ތެދެކެވެ. އޭނާ އެރިކް ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެއެވެ. ނަމަވެސް އޭނާއަށް އެނޫންގޮތެއްވެސް ނެތެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟…ބޭނުންވެގެންނެއް ނޫންދޯ ތިއުޅެނީ އިންނަން…" ޝައުން ހިމޭނުން އިނުމުން އިޒްޔަން އަހާލިއެވެ.
" ލޯބިވާހާ މީހަކު ނޫނީ ބޭނުންވާހާ މީހަކު ލިބޭނެތަ؟…" ޝައުވާގެ ރާގެއްގައި ޝައުންވެސް ކޮށްލީ ސުވާލެކެވެ. އޭނާ އެބުނީ އާއިންގެ ވާހަކަ ކަން އިޒްޔަންއަށް އެނގެއެވެ.

" އެނގޭ އެމީހަކު ބޭނުންވާހާ މީހަކު ނުލިބޭނެކަން…އެކަމު ހަމަ ތާކުން ފެންނަހާ މީހަކާ އިނުމަކީ ބުއްދިވެރިގޮތެއްތަ؟….ރަނގަޅަށް ނުވެސްދަންނަން….އަމުދުން އެހެން ދީނެއްގެ އެހެން ގައުމެއްގެ މީހަކާ އިނުމުގެ މާނައަކީ ކޮބާ؟…އާން ނުލިބުނަސް ރާއްޖެއިންވެސް ރަނގަޅުމީހަކު ލިބިދާނެއްނު…." އިޒްޔަން ބެލީ ޝައުންއަށް ވިސްނަދެވޭތޯއެވެ.
އިޒްޔަން އޭނާގެ ވިސްނުން ހުރިގޮތް ޝައުންގެ ކުރިމަތީ ހާމަކުރިއެވެ. އެރިކްއާ ޝައުން ގުޅެން އޭނާ ގަބޫލު ނޫންކަން ފާޅުގައި ބުންޏެވެ. ޝައުން އެވާހަކަތައް އަޑުއެހިނަމަވެސް އޭނާ ދެންވެސް ބުނީ އެރިކްއާ ކައިވެނި ކުރަން ބޭނުން ކަމުގައެވެ. ލޯބިވާ މީހަކު ލިބޭނެ ކަމަށް ހުސް އުއްމީދުތަކެއް ކުރުމުގެ އެއްވެސް މާނައެއް ނެތެވެ. އާއިންގެ މަތިން ހަނދާން ނައްތާލައި ދިރިއުޅުމައިގެން ކުރިޔަށް ދިއުމަކީ އޭނާގެ އަޒުމެކެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އާއިން ނުފެން ހިސާބުގައި މުޅިއުމުރު ހޭދަކުރުމަށެވެ. އެރިކްއާ ކައިވެނިކުރަން ވިސްނާ އެންމެ ބޮޑު އެއްސަބަބަކީވެސް އެއީއެވެ. ދެކުދިން ވަރަށް ދަންވާންދެން ވާހަކަދައްކަން ތިއްބެވެ.

ޖެހިގެން އައި ހުކުރު ދުވަހު އާޒިމްގެ އެދުމަށް އާއިލާގެ އެންމެންނަށް ޚާއްސަ ކެއުމެއް ތައްޔާރު ކުރެވުނެވެ. ހުކުރު ނަމާދަށްފަހު ހުރިހާ އެންމެން ކެއުމަށް ޖަމާވި އިރުވެސް ޝައުންއެއް ނާދެއެވެ. އޭނާ ބަހަނާއެއް ދައްކާފައި އާއިންގެ ގެޔަށް ދާން ބޭނުންނުވީއެވެ. ޝައުން ނެތުމުން އެކަމާ އާއިން ސުވާލުކުރަން ބޭނުންވެފައި ހުއްޓައި އެސުވާލުކުރީ އާޒިމްއެވެ.

" ބޮލުގަ ރިއްސާތީ ނާދެވޭނޭ ބުނީ….ރޭވެސް ވަރަށް ދަންވަންދެން ހޭލާހުރި ކޮންމެވެސް ކަމެއްގަ…ހީވަނީ އައިރާގެ ހެދުމުގެ ކަމެއްގަހެން އުޅުނީ…." އިޒްޔަން އޮޅުން ފިލުވައިދިނެވެ.

" އެހެންތަ؟…އެކަމަކު އެހާބުރަކޮށް އުޅޭކަށް ނުވާނެއްނު…..އަނެއްކާ އޭނާ ބަލިވެ އުޅެނިކޮށް ކީއްވެ އޭނާ އެކަނި ބާއްވާފަ ތިއައީ؟…" އާޒިމް ޝައުންއާމެދު ކަންބޮޑުވިއެވެ.

" އޭނަ މިގަޑީގަ އޮތީ ނިދާފަ….އެހެންވީމަ ދެން އުނދަގޫ ނުކުރަން އައީ…" އަޒީފާ ޖަވާބުދިނެވެ. އެންމެންގެ ވާހަކަތައް އަޑުއަހަން އިންއިރު އާއިންގެ ހިތުގައި ތަފާތު ޚިޔާލުތައް ހިނގަމުން ދިޔައެވެ. ޝައުން އެކަނި ބާއްވާފައި އައުން އެއީ ރަނގަޅު ޚިޔާލެއްކަމުގައި އޭނާ ނުދެކެވެ. އެރިކް ހުންނަނީ ޝައުން އެކަނިވާނެ ފުރުސަތަކަށް ބަލަބަލައެވެ. އެހެންކަމުން މިއީ އެރިކްއަށް ދެވުނު ފުރުސަތަކަށް ނޫނީ ނުވާނެއެވެ.

" ކޮބާ އެރިކް؟…އޭނާ ނުގެންނަންތަ؟…" އެންމެ ފަހުން އާއިން އެހިއެވެ.

" އެރިކްގެ ޚަބަރެއްނުވޭ މިއަދު އަދި….ދެން އެހެންނޫނަސް އާއިލާމީހުން އަންނަން ޖެހޭ ކެއުމަކަށް ކޮންމެހެން އޭނަ ގެނައުމުގެ ބޭނުމެއްވެސް ނެތެއްނު…" އިޒްޔަން ޖަވާބުދިނެވެ. އިޒްޔަންގެ ވާހަކަ ހުރިގޮތުން، އޭނާވެސް އެރިކްއާ ގަޔާނުވާކަން އާއިންއަށް އެނގުނެވެ. އެހެންނަމަވެސް މިއަދު ގޭގައި މަޑުކުރީ ހަމައެކަނި ބޮލުގައި ރިއްސާތީ ނޫންކަމުގައި އޭނާގެ ހިތްބުނަމުން ދިޔައެވެ. އެހެންކަމުން އާއިން ބޭނުންވީ އެކަމުގެ ހަޤީޤަތް ބަލަން ޚުދު އޭނާ ދިއުމަށެވެ.

" މިވަގުތު ކޮންތާކަށް ތިދަނީ؟…" ކާމޭޒު ކައިރިން އާއިން ތެދުވުމުން އާޒިމް އަހާލިއެވެ.

" އަހަރެން އެބައަންނަން ކުޑައިރުކޮޅަކުން…" އާއިން ހުއްޓިލާފައި ޖަވާބުދިނެވެ. އާއިން ކެއުން ދޫކޮށްފައި ދާނީ ވަރަށް މުހިއްމު ކަމެއްގައި ކަން އެނގޭތީ އާޒިމްވެސް އިތުރު ސުވާލެއް ނުކުރެއެވެ.

ކުޑައިރުކޮޅެއްފަހެވެ. ނިދިފައި އޮތް ޝައުންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ކަންނެތްކަމާއެކު ލޯހުޅުވާލަމުން އޭނާ ފޯނު ބަލާލިއެވެ. އެރިކްގެ ކޯލެއްކަން އެނގުމުން ފޫހިކަމާއެކު އޭނާ ފޯނު ބޭއްވުމަށްފަހު ލޯމަރާލިއެވެ. އެރިކް ތަކުރާރުކޮށް ގުޅަން ފެށުމުން އޭނާ ފޯނު ސައިލެންޓަށްލިއެވެ. އިރުކޮޅެއްފަހުން ބޭރުން ބެލްޖެހި އަޑުއިވިއްޖެއެވެ. އެންމެފަހުން އެރިކް ގެޔަށްވެސް އައީއޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް އަޅާނުލާ އޮތުމަށް ލޯމަރައިގެން އޮތެވެ. ނަމަވެސް ތަކުރާރުކޮށް ބެލްއަޅާތީ ބޮލަށް އުނދަގޫވެގެން އޭނާ ތެދުވިއެވެ.

" ފަހުން ގުޅާނަމޭ ބުނީމަވެސް ކެތްނުވެގެން އެންމެފަހުން އައީނު.." ޝައުން ކުދި ކިޔަމުން ގޮސް ކޮޓަރިން ނުކުތެވެ. އަދި ލަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ.

" ބުނީމެއްނު ފަހުން ގުޅާނަމޭ….ދެން…" ދޮރުމަތީގައި ހުރި އާއިން ފެނިފައި ބުނަން އުޅުނު ޖުމްލަވެސް މެދުކެނޑުނެވެ.

ނުނިމޭ