Last Updated: April 18, 21:16
Thursday, April 18, 2024
ރިޕޯޓް

ކައުންސިލަށް ބާރު ދިނުމަށް ރައީސްގެ އެންގެވުމަށް ވަޒީރުންގެ އެއްބާރުލުމެއް ނުލިބޭ!

އައްޑޫ ސިޓީ ކައުންސިލަށް ބާރު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންނަށް އެންގެވި ނަމަވެސް އެ އެންގުމާއި އެއްގޮތަށް ބައެއް ވުޒާރާތަކުން ކައުންސިލަށް ބާރުތައް ބަދަލު ނުކުރުމާއި ގުޅިގެން ގިނަ ހިދްމަތް ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ބާރުތަކެއް ވަނީ އަތުލާފައެވެ. އެގޮތުން މަގު ހެދުމާއި، މަގު މަރާމާތު ކުރުމުގެ އިތުރުން އާއްމު މައިޒާން ބެލެއްޓުމާއި މިސްކިތްތައް ބެލެހެއްްޓުމުގެ އިތުރުން ގިނަ ކަންތައްވަނީ ކައުންސިލުގެ ބާރުގެ ތެރެއިން އުނިކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ ކައުންސިލް ތަކުން ވަކިކުރި ބާރު އަލުން ދިނުމަށެވެ. އެގޮތުން ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކައުންސިލަކަށް އެމަނިކުފާން ބައްދަލު ކުރެއްވީ އައްޑޫ ސިޓީ ކައުންސިލާއިއެވެ. ކައުންސިލްގެ ކަންބޮޑުވުން އަޑުއެއްސެވުމަށް ފަހު 2018 ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާއި ބައްދަލުކުރައްވައި ރައީސް ވަނީ ކައުންސިލަށް ބާރު ދިނުމަށް ނިންމަވާފައެވެ.

އެބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ބާރުތަކާއި، ކައުންސިލުންދޭ ހިދްމަތް ފޯރުކޮށްދިނުމަށް ކައުންސިލްތަކަށް ބާރުދީ، ސަރުކާރުގެ ވުޒާރާތަކުން ސިޓީ ކައުންސިލަށް ބަދަލު ކުރަންޖެހޭ މުވައްޒަފުންނާއި، ބަޖެޓާއި، އެންމެހާ ލިޔެކިއުންތައް ބަދަލު ކުރުމުގެ ކަންކަން ވުޒާރާތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

ރައީސް އޮފީހުން ވަނީ ކައުންސިލްތަކަށް ބާރު ދެއްވުމަށް ރައީސް ނިންމެވި ނިންމެވުމުން ދައުލަތުގެ 8 ވުޒާރާއަކަށާއި، ސިވިލް ސާވިސް އާއި ހިއްސާ ކުރައްވާފައެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ، "އައްޑޫލައިވް"އަށް ވިދާޅުވީ ކައުންސިލަށް ބައެއް މިނިސްޓްރީތަކުން ބާރު ދެމުން އަންނަ އިރު އަދިވެސް އެންމެ ރަނގަޅަށް ބާރުތައް ކައުންސިލަށް ލިބިފައި ނުވާކަމަށެވެ.

"އަޅުގަނޑު މިހާރުވެސް 4 ފަހަރު ޕްލޭނިން މިނިސްޓްރީ އާއި ބައްދަލުކޮށްފިން އަދިވެސް އެއްބަސްވުމަކަށް ނާދެވޭ، މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ޕަބްލިކް ވޯކްސް މިވަނީ ޕްލޭނިންގެ މިނިސްޓްރީގެ ދަށުގައި އެތަނުގެ ހުރިހާ ތަކެއްޗާއި މުވައްޒަފުންނަކީ ޕްލޭނިންގެ މުވައްޒަފުންނާއި ތަކެތި، އެކަމަކު އަދި މިހާތަނަށް އެތަނަށް ބޭނުންވާ އެއްވެސް ވަސީލަތެއް ޕްލޭނިން މިނިސްޓްރީން ފޯރުކޮށް ނުދޭ، ކައުންސިލުން ވެހިކަލް ތަކަށް ތެޔޮ އަޅައިގެން މަސައްކަތް މިކުރުވަނީ"

ސޯބެ ވިދާޅުވީ ޕަބްލިކް ވޯކްސްގެ މަސައްކަތް ކައުންސިލާއި ހަވާލުކުރުމުގެ ބަދަލުގައި މިނިސްޓްރީން އަންގާފައިވަނީ އެކަން މޮނިޓަރކޮށް އެމިނިސްޓްރީން އަންގާ މީހަކަށް ރިޕޯޓު ކުރުމަށް ކަމަށެވެ.

"މިހާރު މިވާ ގޮތުން ކައުންސިލުން މިޖެހެނީ ޕަބްލިކް ވާކްސްގެ މަސައްކަތް ކޮންމެ ދުވަހަކު ބަލައި މޮނިޓަރކޮށް މިނިސްޓްރިއަށް ރިޕޯޓު ކުރަން، އެތަނުގައި ތިބޭ މުވައްޒަފުން އެބަބުނޭ ތިމަންނާމެންނަށް ކައުންސިލަކުން އަމުރެއް ނުކުރެވޭނެއޭ، ތިމަންނާމެން މީ މިނިސްޓްރީގެ މުވައްޒަފުންނޭ، ވަރަށް ބޮޑު ކޮންފްލިކްޓެއްގެ ތެރޭގައި މިވަނީ"

ޕަބްލިކް ވާކްސްއިން މަގު ހަދާއިރު އެތަނުގައި ވެހިކަލްތައް ވަނީ ވަރަށް ބޮޑު މަރާމާތު ބޭނުންވެފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބަޖެޓެއް ކައުންސިލަށް ލިބިފައި ނުވެއެވެ. އެހެންވެ މިހާރު މަގު ހެދުމުގެ ހަރަދުތައް ހަމަޖައްސަނީ ކައުންސިލްގެ ބަޖެޓުގެ ތެރެއިންނެވެ.

ސޯބެ ވިދާޅުވީ ޕަބްލިކް ވާކްސްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވެސް ބައެއް ކަންކަން ކައުންސިލާއި ހަވާލުކޮށްފައިވާ އިރު ހަވާލު ކުރި ކަންކަމަށް މިނިސްޓްރީގައި ހަމަޖެހިފައިވާ ބަޖެޓު ކައުންސިލަށް ނުލިބޭ ކަމަށެވެ.

"މިނިސްޓްރީ ތަކުން ބާރުތައް ދޫކޮށްލާއިރު ގިނަ ފަހަރު މިދެނީ މުސާރަ، އެކަމަކު މިނިސްޓްރީ ތެރޭގައި އައްޑޫގައި ކަންކަން ކުރުމަށް މިއަހަރަށް ބަޖެޓު ކުރެވިފައި ހުންނަ ފައިސާ ކައުންސިލަށް ނުލިބި ހިދްމަތް ފޯރުކޮށްދިނުމަށް ވަރަށް ދަތި، މިސްކިތްތައްވެސް އެހެން، ފޮޅައި ސަފުކުރުމަށް ކުރިން އޮތީ ބަޔަކާއި ހަވާލުކޮށްފައި، ކައުންސިލަށް ބަދަލުކޮށް އެމީސް މީހުންނާއި އެކު ހަދާފައިވާ އެގްރިމެންޓު ބާޠިލް ކޮށްލީ، އެކަމަކު އެ ބަޖެޓެއް ކައުންސިލަށް ނުލިބޭ، އެކަންކްން ހައްލު ކުރެވޭތޯ މަސައްކަތް ކުރަނީ"

ސޯބެ ވިދާޅުވީ ބަޖެޓުގެ ކަންކަން ހަމަޖެއްސޭތޯ މިނިސްޓްރީ ތަކާއި މަޝްވަރާ ކުރަމުން އަންނަކަމަށެވެ.