Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުވައިފި

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ތަހުނިޔާ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ދިވެހިންނަށް ތަހުނިޔާ ފޮނުވަމުން ވިދާޅުވީ، ދިވެހީންގެ ތަރައްގީއާއި ސުލްހަ މަސަލަސްކަމާއި އެއްބައިވަންތަކަން ގާއިމުކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހުން ކަމަށެވެ.

ރައީސް މިޓުވީޓު ފޮނުވާފައިވަނީ ވެސް ތާނައަކުރުން ލިޔެފައެވެ. ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. އެއީ 1999 ވަނަ އަހަރު ޔުނެސްކޯއިން އެގޮތަށް ނިންމުމާ ގުޅިގެންނެވެ.

މާދަރީ ބަހުގެ ދުވަހަކީ ރާއްޖޭގައި އަބަދުވެސް ފާހަގަކުރާ ދުވަހެކެވެ. ޚާއްސަކޮށް ސްކޫލް ދަރިވަރުންގެ މެދުގައި މާދަރީ ބަހަށް އަހުލުވެރިކުރަން ސްކޫލް ތަކުގައި ވަރަށް ގިނަ ހަރަކާތް ކުރިއަށް ގެންދެވެއެވެ.