Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

އިތުުރު ފިޔަަވައްސެއްގައި ހިތަދޫން ބިން ހިއްކާނެ!

އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކައި ދޭނެ ފަރާތެއް ހޯދުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ބިން ހިއްކުމަށް ފަހު، އިތުރު ފިޔަވައްސެއްގެ ދަށުން ހިތަދޫން އިތުރަށް ބިން ހިއްކާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ނަމަވެސް ދެވަނަ ފިޔަވަހީގައި ހިއްކާނީ ކިތައް ހެކްޓަރުގެ ބިން ކަމެއް މިނިސްޓްރީން ނުބުނެ އެވެ.

މިހާރު ހުޅުވާލާފައި އޮތް ފުރުސަތު ދަށުން ހިތަދޫން 17.7 ހެކްޓަރު، ފޭދޫން 41 ހެކްޓަރު އަދި މަރަދު އާއި މަރަދޫފޭދޫން 75 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. އަދި އެކަން ކޮންޓްރެކްޓަ ފައިނޭންސް އުސޫލްގެ ދަށުން ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހަމަ ވާނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހިތަދޫން މިހާރު ހިއްކަން ނިންމާފައި އޮތް 17.7 ހެކްޓަރުގެ އިތުރުން ވެސް، އިތުރު ފިޔަވައްސެއްގެ ދަށުން އެ ރަށުން ބިން ހިއްކާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހިތަދޫން ހިއްކަން ކަނޑައެޅިފައި އޮތީ ފުދޭ ވަރެއްގެ ކުޑަ އަދަދެއް ކަމަށާއި މިހާރު އިއުލާންކޮށްފައި އޮތް މަޝްރޫއު ނިމުމާ އެކު ހިތަދޫން އިތުރަށް ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ ކަަމަށެވެ.

ހައުސިން މިނިސްޓްރީން އައްޑޫގެ ހަތަރު ރަށެެއްގެ ބިން ހިއްކަން ނިންމުމާ ގުޅިގެން އެ މަޝްރޫއަކީ މި އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައި ނުވާ އަދި މާލީއްޔަތު ގާނޫނާ ހިލާފް ނިންމުމެއް ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަކީ މި އަހަރުގެ ބަޖެޓްގައި ހިމެނިފައި ނެތް މަޝްރޫއަކަށްވި ނަމަވެސް އެކަމަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެެއް ކަމަށެވެ. އަދި މިކަމަށް ހަރަދު ކުރާނީ ސަރުކާރުގެ ބަޖެޓުން ވީހާ ވެސް ކުޑަކޮށް ހަރަދުކުރެވޭ ގޮތަށް ބަލައިގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް މާލީއްޔަތު ކޮމިޓީން ބުނި ނަމަވެސް، ބިން ހިއްކުމުގެ މަޝްރޫއު އައްޑޫގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އައްޑު އަށް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.