Last Updated: June 19, 13:36
Thursday, June 19, 2025
ޚަބަރު

މެލޭޝިއާ ދަތުރުފުޅަށްފަހު މައުމޫން މާލެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: އައްޑޫ ލައިވް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަންނަވައިފިއެވެ.

މައުމޫން މެލޭޝިއާ އަށް ވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދުގެ ދައުވަތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.

މި ދަތުރުފުޅުގައި މައުމޫން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޑރ.މަހާތީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ. މި ދައުވަތު ބޮޑުވަޒީރު މަހާތީރު ވަނީ ގަބޫލުފުޅުކުރައްވާފައެވެ.

ޑރ.މަހާތާރީއެކު މައުމޫން ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ މައުމޫން ޑރ.މަހާތިރާ ހިއްސާކުރެއްވިއެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާ ބެހޭގޮތުންނާއި ދެ ގައުމުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މައުމޫން އާއި މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު އަކީ ޒަމާންވީ ގާތް ދެ އެކުވެރިން ކަމަށްވާއިރު، މިދިޔަ އޮކްޓޫބަރު މަހު ވެސް މައުމޫން ވަނީ މެލޭޝިޔާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ. މައުމޫން އެފަހަރު މެލޭޝިޔާ އަށް ވަޑައިގެންނެވީ ބޭސްފަރުވާ އަކަށެވެ.