Last Updated: June 19, 13:36
Thursday, June 19, 2025
ޚަބަރު

މައުމޫން އާއި ޔާމީންގެ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރިން: ޣައްސާން

މައުމޫނާއި ދަރިކަލުން ގައްސާނު.. ފޮޓޯ: ވީމީޑިއާ

ކުރީގެ ރައީސް މައުމޫން އަބްދުލައްގައްޔޫމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރެއްވި ކަމަށް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މައުމޫން އާއި ޔާމީނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، މައުމޫން ވަނީ 2016 ވަނަ އަހަރުތެރޭ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު ވެސް އަނބުރާ ގެންދަވާފައެވެ. މައުމޫންގެ މި ނިންމެވުމާއެކު ޕީޕީއެމް ވެސް ދެ ފަޅިއަކަށް ބެހުނުއިރު އެމަނިކުފާނުގެ ދަރިކަލުން ޣައްސާން ހުންނެވީ ޔާމީންގެ ފަޅީގައެވެ.

އޮންލައިން ނޫސް އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަމުން ޣައްސާން ވިދާޅުވީ ދެބަސްވުމެއް ހައްލުކުރެވޭނީ ވާހަކަދައްކައިގެން ކަމަށާއި އެގޮތުން އޭނާ ހުންނެވީ ދެ ފަރާތާއި ވެސް ވާހަކަދެއްކޭނެ ފަދަ ހިސާބެއްގައި ކަމަށެވެ.

އަދި މައުމޫން އާއި ޔާމީނާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުން ހައްލު ކުރުމަށާއި އަދި އާއިލީ ގުޅުންތައް އަލުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި މިފަހަރު އެކަން ކާމިޔާބުނުވި ނަމަވެސް މުސްތަގުބަލުގައި އެކަން ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވާހަކަދެއްކީ މެދުގައި ހުރި މީހެއްގެ ހައިސިއްޔަތުން. ދެ ފަރާތަށް ވެސް ވަރަށް ހެޔޮއެދޭ މީހެއްގެ ގޮތުން. މިކަން ހަމަ ހަގީގަތުގައި ވެސް ހައްލު ކުރުމަށް އިސްކުރާ މީހެއްގެ ހައިސިއްޔަތުން. އެއްކޮޅުގައި ހުންނެވީ އަޅުގަނޑުގެ ލޯބިވާ ބައްޕަ. އަނެއްކޮޅުގައި ވެސް ހުންނެވީ އަޅުގަނޑުގެ ބޮޑުބޭބެއެއް. ދެފަރަތާ ވާހަކަދައްކައިގެން ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައީ. އެހެން ނަމަވެސް ހުރިހާ ކަމަކީ ކާމިޔާބުވާ ކަމެއް ނޫން. މިފަހަރު ކާމިޔާބުނުވެ އެ ދިޔައީ" ޣައްސާން ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ޣައްސާން ގުރައިދޫ ދާއިރާ އަށް ވާދަކުރައްވާއިރު، އެ ދާއިރާ އަށް ޣައްސާންގެ ބައްޕާފުޅުގެ ފަރާތްޕުޅުން ވެސް ކެންޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެކަމާ ގުޅިގެން ޣައްސާން ވިދާޅުވީ އެއީ ހިތްނުތަނަވަސްކަން އޮތް ކަމެއް ނޫން ކަމަށެވެ.

އަދި ސިޔާސީ ހިޔާލުތަފާތުވުން އަބަދުވެސް އާއިލާތެރޭ އޮންނަ ކަމަށާއި ނަމަވެސް ވަރަށް ކުރިއަށްދަނީ ވަރަށް ބަދަހިކަމާއެކު އާއިލީ ގުޅުންތައް ބާއްވައިގެން ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.