Last Updated: May 3, 11:40
Saturday, May 3, 2025
ދުނިޔެ

އެކްވެޑޯ އަށް 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިރުމަތީ އެކްވެޑޯ އަށް 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޔޫއެސް ޖިއޮލިޖިކަކް ސާވޭ އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ އެކްވެޑޯ އާއި ޕެރޫ އާއި ދެމެދު އޮންނަ ބޯޑަރު ކައިރިއަށް، އެކްވެޑޯ ގަޑިން ފަތިހު 05:17 ހާއިރު (ރާއްޖެ ގަޑިން މެންދުރުފަހު 15:17) ކަމަށެވެ.

އޭގެ 25 މިނެޓު ފަހުން ހުޅަނގު އެކްވެޑޯގެ ގަޔަކުއިލް ކައިރިއަށްވެސް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައެވެ.

އެކްވެޑޯގެ އެކި ހިސާބުތަކުގައި އެކި މިންވަރަށް ބިންހެލިފައިވާއިރު، ދެކުނު އެކްވެޑޯ އާއި އުތުރު ޕެރޫގެ ބައެއް ހިސާބުތަކަށް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

މި ބިންހެލުންތަކުގެ ސަބަބުން އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުންވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާއިރު، ޔޫއެސްޖީއެސް އިން ލަފާކުރާ ގޮތުގައި ބިންހެލުންތަކުގެ ބާރުމިނަށް ބަލާއިރު އެފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ހަފްތާ ބަންދުގެ ތެރޭގައި އެކްވެޑޯގެ އެކި ހިސާބުތަކަށް ކޮންމެ ދުވަހަކުވެސް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ސަބަބުން ބިންހެލުންތަކާއި ދިމާކޮށް ހިންގާނެ ރެސްކިއު އަދި ރިކަވަރީ އޮޕަރޭޝަންތަކަށް ހުރަސްއެޅޭނެ ކަމަށް ބެލެވެއެވެ.