Last Updated: June 10, 11:16
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ސްޕައިސް ގާލްސް" އަލުން އަންނަނީބާ؟

ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" އަލުން އެނބުރި މިއުޒިކްގެ ދުނިޔެ އަށް ނިކުންނަން އުޅޭ ވާހަކަތަކެއް ގަދަވެެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން 1994 ވަަނަ އަަހަރު އުފެދުނު އެ ބޭންޑްގެ މެމްބަރެއް ކަމަށްވާާ މެލަނީ ބްރައުން ބުނީ ބޭންޑްގެ ބައިވެރިން އަލުން އެއްތަންވެ، އެނބުރި އައުމުގެ ވާހަކަތަކެއް ދެެކެވެމުން އަންނަ ކަމަށެވެ. އެކަމަކު އެކަމަށް މުޅިން ގޮތެެއް ނިމިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފަސް މެމްބަރުން ހިމެނޭ އަދި އާންމުންގެ މަގުބޫލްކަން ވަރަށް ބޮޑަށް ހޯދާފައިވާ "ސްޕައިސް ގާލްސް" ގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އުމުރުން 38 އަހަރުގެ މެލަނީ އިތުރަށް ބުނީ މިދިޔަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި "ސްޕައި ގާލްސް" ޕާފޯމް ކުރުުމުގެ ކުރިން އެއީ ވެދާނެ ކަމެއް ކަމަށް މީގެ ކުރިން އެއްގޮތަކަށް ވެސް އެއްވެސް ބަޔަކު ގަބޫލް ނުކުރާ ކަމަށެވެ.

"އެކަމަކު އެކަން ހަމަ އެގޮތަށް ވެގެން ދިޔައީތާ. އެހެންވީމާ ހަމަ ކުރިއަށް އޮތް ތަނުގައި ސްޕައި ގާލްސް ފެނުމަކީ ވެދާނެ ކަމެއް. އެއީ ނުވާނެ ކަމެކޭ ނުބުނާނަން،" މެލަނީ ބުންޏެވެ.

މެލަނީގެ އިތުރުން އެ ބޭންޑްގައި ދެން ހިމެނެނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަންހެނުން އަދި ހަތަރު ކުދިންގެ މަންމަ ވިކްޓޯރިއާ ބެކަލް އާއި އެމާ ބަންޓަަަން، ގެރީ ހެލިވެލް އަދި މެލް ސީ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންސަޓްތައް ބާއްވައި، ކާމިޔާބް އަލްބަމްތަކެއް ވެސް ނެރެފައިވާ އިނގިރޭސީ ބޭންޑް "ސްޕައިސް ގާލްސް" ގެ މަސައްކަތް ހުއްޓާލީ 2000 ވަނަ އަހަރު އެވެ.
އެ ބޭންޑުން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި 1996 ގެ "ސްޕައިސް"، 1997 ގެ "ސްޕައިސް ވޯލްޑް"، 2007 ގެ "ގްރޭޓެސްޓް ހިޓްސް" އަދި 2000 ވަނަ އަހަރުގެ "ފޯއެވާ" ހިމެނެ އެވެ.

"ސްޕައިސް ގާލްސް" އަލުން އަންނަ ވާހަކަތައް ދެކެވެމުން އަންނަ އިރު، ވިކްޓޯރިއާ ބެކަމް ބޭންޑާ ދެން ނުގުޅޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ކޮންމެއަކަަސް "ސްޕައިސް ގާލްސް" އަލުން އަންނަން އުޅޭ ވާހަކައަކީ އެ ބޭންޑަށް ލޯބި ކުރާ އެތައް ފޭނުންނަކަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއްް ނެތެވެ.