Last Updated: April 20, 07:18
Saturday, April 20, 2024
މުނިފޫހިފިލުވުން

ދީީވާނާ 2 ( އެއްތިރީސްވަނަބައި)

" ކީއްވެތަ ކެތްނުވެގެން…" ދޮރުމަތީގައި ހުރި އާއިން ފެނިފައި ބުނަން އުޅުނު ޖުމްލަވެސް މެދުކެނޑުނެވެ. ކުރިމަތީގައި ހުރި ޝައުން ފެނިފައި ހިނދުކޮޅަކު އާއިންއަށްވެސް ބަލަން ހުރެވުނެވެ. ގަޔަށްދޫ އަތްކުރުޓީޝާޓަކާއި ކުރު ސޯޓްބުރިއެއްގައި ހުރިއިރު، އިސްތަށިގަނޑުވަނީ އެގޮތް މިގޮތަށް ހޭވިފައެވެ.

" އާން؟" ނުވަގުތެއްގައި އާއިން ފެނުމުން ހައިރާންވެފައި ޝައުންއަށް ބުނެވުނެވެ.

ޝައުންގެ އަޑުއިވިފައި އާއިން އަވަސް އަވަހަށް އިސްޖަހާލެވުނެވެ. އާއިންއަށް ވީގޮތުން ޝައުން އޭނާއަށް ހުރެވުނުގޮތާމެދު ވިސްނާލިއެވެ. ޝައުން އޭނާއަށް ހުރެވުނު ހާލާމެދު ލަދުގަތެވެ. އަދި އަވަސް އަވަހަށް އެތެރެއަށް ޖެހިލައި ކުޑަކޮށް ދޮރުފަތާ ނިވާވެލިއެވެ.
" އަހަރެން މިއައީ ޝައުންބަލާ….ތައްޔާރުވެގެން ނުކުމޭ…" އާއިން ދުރުބަލަންހުރެ ބުނެލިއެވެ.

" އަހަރެން ބަލާ ކީއްކުރަން؟…އަހަރެން ބަލިވެ ނުދާނަމޭ ބުނިން މަންމަމެންގާތު…." އާއިން އައީ ޝައުން ބަލާކަމުގައި ބުނުމުން ހައިރާންވީ ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން ޝައުން ބުނެލިއެވެ.

" އެހެންވީމައޭ ބަލާ މިއައީ….ބަލިވެއުޅޭއިރު އެކަނިއޮތުން ރަނގަޅެއް ނުވާނެއްނު….އަވަހަށް ތައްޔާރުވޭ! އަހަރެން މިތާ މަޑުކޮށްލާނަން" އެހެން ބުނުމަށްފަހު ޝައުންގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމެއްނެތި އާއިން ސޯފާއާދިމާއަށް މިސްރާބު ޖެހިއެވެ. ޝައުން އިންކާރު ކުރަން ހިތަށްއަރާފައިވެސް އާއިން ވާހަކަދެއްކިލެއް ގާތްކަމުން އިންކާރު ކުރުމުގެ ބަހެއް ބުނާކަށްވެސް ނުކެރުނެވެ. އެހެންކަމުން އޭނާ ކޮޓަރިއަށް ވަދެ ތައްޔާރުވުމަށް އަވަސްވެގަތެވެ.

އާއިން އިންތިޒާރު ކުރާތާ އިރުކޮޅެއްފަހުން ޝައުންގެ ކޮޓަރި ހުޅުވުނު އަޑުއިވުނެވެ. އާއިން ބަލާލިއިރު ޝައުންހުރީ ފެންވަރައި ތާޒާވެލައިގެންނެވެ. އަތްދިގު ޓޮޕަކާއި ޖީންސް އެއްލާފައި ހުރިއިރު، އިސްތަށިގަނޑުވެސް ވަނީ ރީތިކޮށް ފުނާއަޅާފައެވެ. އާއިންއާއި ޝައުން އެކުގައި ގެއިން ނުކުތްއިރު ޝައުންގެ ހިތުގައި ތަފާތު އެތަކެއް ސުވާލުތަކެއް އުތުރި އަރައެވެ. އޭނާ ބަލިވެ އޮތުމުން އާއިން އައީ އޭނާއަށް އަމިއްލައަށް ފެނިގެންބާއެވެ. ނޫންނަމަ ބޮޑުބޭބެ ބުނެގެން ނައިސް ނުކެރިގެން އައީ ހެއްޔެވެ؟ ކޮންމެގޮތަކުން އައިނަމަވެސް އާއިން އައީތީ އޭނާ އުފާވިއެވެ.
" ކުރިޔަށް އަރާބަލަ!…" ޝައުން ފަހަތު ސީޓަށް އަރަންފެށުމުން އާއިން އެދުނެވެ. ޝައުންވެސް ދެބަހެއްނެތި ކުރީސީޓަށް އެރިއެވެ. އާއިންއާ ގާތުގައި އިންނަން ޖެހިލުންވީ ނަމަވެސް އާއިންއާ ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ.

" ކޮބާ އެރިކް؟…އޭނަ ނާދޭތަ ބަލިވެއުޅޭއިރުވެސް؟…" ކާރު ދުއްވާލަމުން އާއިން އަހާލިއެވެ.

" ނޫނޭ…އޭނަ އަންނައުޅުނު އަހަރެން ރެސްޓްކުރަން ބޭނުމޭ ބުނީމަ އޭނަ ނައީ..ކިހިނެއްވީ އޭނަގެ ވާހަކަ ތިއެހީ؟.." ޝައުން ޝައުގުވެރިކަމާއެކު އަހާލިއެވެ.
" ކަމެއްނުވޭ….ޝައުންގެ ލޯބިވެރިޔާވީމަ އޭނަވެސް ކަންބޮޑުވާނެތާ…އެހެންވެ މިއެހީ…" އާއިން ވަރަށް ނޫންކަމަށް ހެދެމުން ބުނެލިއެވެ.
" އާނ އޭނަ ވަރަށް ރަނގަޅު…ވަރަށް ކެއާރކުރޭ…ވަރަށް ލޯބިވޭ އަހަރެންދެކެ….އެހާ މުއްސަނދި މީހަކަށްވެހުރެވެސް އަހަރެން ކަހަލަ އާދައިގެ މީހަކާ ގުޅެން އުޅޭނީ ވަރަށް ހިތްތިރި މީހެއްވީމައެއްނު….އެއްވެސް ބޮޑާކަމެއްނެތް ހިތްހެޔޮ ރަނގަޅުމީހެއް އެއީ…" ޝައުން އޭނާއަށް ކުރެވުނު އެންމެ ބޮޑަކަށް އެރިކްއަށް ތައުރީފު ކުރަމުން ދިޔައެވެ. ޝައުންގެ ވާހަކަތައް އަޑުއަހަމުން ދިޔަވަރަކަށް އާއިންގެ ހިތުގައި އެރިކްއާމެދު ނުރުހުންތެރިކަން އިތުރުވަމުން ދިޔައެވެ.

" ކިތަންމެ ހިތްހެޔޮވެފަ ރަނގަޅުވިޔަސް….މުސްލިމެއް ނޫންނަމަ ކުރާނެ ފައިދާއެއްނެތް…." ފޫހިގޮތަކަށް އާއިން ބުންޏެވެ.
" އޭނަ އަހަރެން ދެކެ ވަރަށް ލޯބިވޭ…އެހެންވީމަ އަހަރެން ބުނެފިނަމަ އޭނަ އިސްލާމުވެސް ވާނެ…" ވަރަށް ޔަޤީންކަމާއެކު ޝައުން ބުންޏެވެ.
"ޝައުން ކީކޭ ހިތަށް އަރައިގެން އޭނަޔާ އިންނަން ތިއުޅެނީ؟…ދުނިޔޭން މުސްލިމުން ހުސްވީތަ، ކާފަރަކާ އިންނަން ތިއުޅެނީ؟" ނުރުހުންވީވަރުން ތަންކޮޅެއް ބާރަށް އާއިންއަށް ބުނެވުނެވެ.

" އާން ކޮންކަމަކާތަ ތި ރުޅިއަންނަނީ؟…މީ އަހަރެންގެ ދިރިއުޅުން އަހަރެން ބޭނުން މީހަކާ އަހަރެން އިންނާނީ….އާންވެސް ނާޒްއާ މެރީކުރިއިރު އަހަރެން ފާޑެއްކީންތަ؟…ކައިވެނިކުރިއިރު ކުޑަމިނުން އަހަރެންނަށް އަންގާލީކީވެސް ނޫން….ދެން ކީއްވެ މިއަދު އަހަރެން އެރިކްއާ އިންނަން އުޅޭތީ އެކަމާ ފާޑުކިޔަންވީ؟…" ޝައުންވެސް ނުރުހިފައި ޖަވާބު ދިނެވެ.

" އަހަރެން އިނީ ނުލާހިކު ރަނގަޅު ދީންވެރި ކުއްޖަކާ….އޭނަގެ ސަބަބުން އަހަރެންނަށް ތެދުމަގު ލިބުނު…އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބާއްޖަވެރިވި…އެކަމު ޝައުން ތިއުޅެނީ ދެދުނިޔޭން ގެއްލޭވަރުގެ ކަމެއްކުރަން….ހެޔޮމަގެއް ލިބުމުގެ ބަދަލުގަ ނުބައިމީހަކާ އިނީމަ ނުބައި މަގަކަށް މަގުފަހިވާނީ…" ޝައުންއަށް ވިސްނައިދިނުމަށް އާއިން މަސައްކަތްކުރިއެވެ.

" އޭނަވެސް އިސްލާމުވީމަ ވާނީ އަހަރެމެން ކަހަލަ މުސްލިމަކަށް….ދެން ކޮބާ މައްސަލައެއް.؟…" ޝައުން އަނެއްކާވެސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.

" ކައިވެނި ކުރުމަށްޓަކާ އިސްލާމުވާ މީހާ ހަމައެކަނި ނަމެއްގަ އިސްލާމު އެވަނީ….އޭނަގެ ނިޔަތަކީ ކައިވެނިކުރުން، އިސްލާމު ވުމެއްނޫން…އެކަހަލަ މީހަކަށް ބަރޯސާވެގެން ކައިވެނިކުރާކަށް ހެޔޮވެސްނުވާނެ…އެމީހުންނަށް ދީނުގެ މާތްކަން އެނގި، ރަނގަޅުގޮތް ބޭނުންވެގެންނެއްނޫން އިސްލާމުވަނީކީ…ވަކި މަޤުސަދެއް ހާސިލް ކުރުމަށްޓަކާ…މަޤުސަދު ހާސިލްވީމަ ދީނުގެ ބޭނުން އެމީހުންނަކަށް ނޯންނާނެ…ދެން އެމީހުންގެ ގައުމަށްގޮސް ކޮންމެ ގޮތަކަށްވެސް އުޅެންވީ…." އާއިން ނުރުހިފައި ވާހަކަ ދެއްކިގޮތުން ޝައުން އިނީ ހައިރާންވެފައެވެ.

" އާން ތިހެން ބުނާއިރު، އާންވެސް ނާޒް ހާސިލްކުރާކަށް ނޫންތަ ނަމާދުކުރަން ފެށީ….ކުރިން އާންއަކީވެސް ހަމަ ނަމުގަ މުސްލިމެއް….މިހާރު މާދީންވެރިވެގެން އުޅުނަސް….އެހެންވީމަ އަހަރެންނަށް ބުނެވިދާނެ އާންވެސް ދީން ބޭނުންކުރީ މަޤުސަދު ހާސިލް ކުރާށޭ…ދެން ކޮބާ ފަރަގެއް؟…" މަލާމާތުގެ ރާގެއްގައި ޝައުން ބުނުމުން އާއިންގެ ރުޅި ކުރިއަށްވުރެވެސް ގަދަވިއެވެ.

" އަހަރެންނާ އެރިކްއާތަ އަޅާތިކިޔަނީ؟…އޭނަޔާ އަހަރެންނާ ހަމަ އެއްވެސް ތަފާތެއް ނެތޭތަ ތިބުނަނީ؟…އާނ އަހަރެން ގަބޫލުކުރަން ނާޒްއާ އިނުމުގެކުރިން އުޅުނީ ރަނގަޅަށްނޫންކަން….އެކަމު ނާޒްގެ ސަބަބުން އަހަރެން މިހުރީ ބަދަލުވެފަ….އަހަރެން މިހާރު ދީނަށް އުޅެނީ އުޅޭހިތުން….ނާޒްއަށް ދައްކާކަށްނޫން….އަދި އެހެންމީހަކަށް ދައްކާކަށްވެސް ނޫން….އެކަމު ޝައުންއަށް ކިހިނެއް ވިސްނޭނީ….ތިހުރީ އެރިކްގެ އަވައިގަ މާވަރަށް ވިއްޔަ ޖެހިފަ….އެހެންވީމަ އޭނަގެ ކުޑަވެސް ގޯސްކަމެއް ނުފެންނާނެއްނު…" އާއިންވެސް ޝައުންއަށް ވަރުގަދަ ރައްދެއް ދިނެވެ.
" އެންމެ ރަނގަޅޭ….އެރިކްއަކީ ކޮންމެ ކަހަލަ މީހަކަށްވިޔަސް އަހަރެން އޭނަޔާ އިންނާނަން….އަހަރެންގެ ސަބަބުން އޭނައަށް ތެދުމަގު ލިބިއްޖެނަމަ އެއީވެސް ކިހާ ރަނގަޅުކަމެއް….ނާޒްގެ ސަބަބުން އާން ބަދަލުވިފަދައިން އަހަރެންގެ ސަބަބުން އެރިކްވެސް ބަދަލުވެދާނެއްނު.." ޝައުން ވަރަށް އެކަށީގެންވާ ޖަވާބެއްދިނެވެ.

" ނާޒްގެ ސަބަބުން އަހަރެން އިސްލާހުވީ ނާޒްއަކީ ދީންވެރި ރަނގަޅު ކުއްޖެއްވީމަ…އަހަރެންނަށް މަގުދެއްކުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރީމަ….އެކަމު ޝައުން ކިހިނެއް މީހަކަށް މަގުދައްކާނީ….ފުރަތަމަ ޝައުން ހަމަ މަގަށް އަންނަން ޖެހެއެއްނު އެބަ….ޝައުންއަށް ހީވޭތަ ތިއުޅެވޭގޮތް ރަނގަޅުހެން…..ދީނީގޮތުން ވާޖިބުވެފައިވާ އަޅުކަންތައް އަދާކުރެވެނީ ކިހާވަރަކަށްކަން އެނގޭތަ؟…ތިހުރެވެނީ ކިހާބޮޑު ޣާފިލުކަމެއްގެ ތެރޭގާކަން އެނގޭތަ؟….ޝައުން ހަނދާންވެސް ނެތްކަންނޭނގެ ނަމާދެއްކުރި ދުވަހެއް…." އާއިން ތަޤުރީރު ދޭންފެށުމުން ޝައުން ހިމޭންވީނަމަވެސް އޭނާއިނީ ނާޒްއާ އޭނާއާ އަޅާކީތީ ލަދުގަނެ ދެރަވެސް ވެފައެވެ.

" ދެން އޯކޭ….އަހަރެން ބޭނުމެއްނޫން އިތުރަށް އަޑުއަހާކަށް….އަހަރެންނަށް އެނގޭ އަހަރެންމީ ގޯސްމީހެއްކަން….އާން ތިހުރީ ރަނގަޅު މީހަކާ އިނދެގެންނު…ދެން އެވީނު…." ޝައުން ދެރަވީނަމަވެސް އެކަން ރުޅީގެ ތެރޭގައި ފޮރުވަމުން އޭނާ ބުންޏެވެ. ނަމަވެސް ހިތަށް ތަދުވީވަރުން އިސާހިތަކު އޭނާގެ ލޮލުތެރޭގައި ކަރުނަ ގިނަވިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އާއިންއަށް ނުފެންނާހެން އަނެއްފަރާތަށް އެނބުރި ދުރުބަލަން ފެށިއެވެ.

" ޝައުން އަހަރެން ނުބުނަމޭ ޝައުންއަކީ ގޯސް ކުއްޖެކޭ….އެކަމު ރަނގަޅުކުރަން ޖެހޭ ކަންކަން ހުންނާނެއްނު…." ޝައުން ދެރަވީހެން ހީވުމުން އާއިން މަޑުމައިތިރި ކަމާއެކުގައި ބުންޏެވެ. ނަމަވެސް ޝައުން އިތުރަށް ޖަވާބެއް ނުދިނެވެ. އާއިން އެތައްފަރަހަކު ޝައުންއާ ވާހަކަދެއްކުމަށް މަސައްކަތް ކުރުމުންވެސް ޝައުން ޖަވާބެއް ނުދިނެވެ. އެހެންކަމުން އާއިންވެސް ހިމޭކަން ޚިޔާރުކުރިއެވެ. ޝައުންއާ އެހައި ހަރުކަށިކޮށް ވާހަކަދެއްކުނީތީ އޭނާދެރަވެސްވިއެވެ. މާލެދެވޭންދެންވެސް ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. ޝައުން ހިތާހިތުން އާއިންއާމެދު ޝަކުވާ ކުރަމުން ދިޔައެވެ. އޭނާ އެރިކްއާ އިންނަން އެއުޅެނީ އާއިންއާ ދުރަށްދިއުމަށްކަން އާއިންއަށް ވިސްނޭނެ ނަމައެވެ. އާއިންއަށް އޭނާގެ ފަރާތުން ކުޑަނަމަވެސް އުނދަގުލެއްވާން ނޭދޭތީއެވެ. އަދި ނާޒްފަދަ ރަނގަޅު ކުއްޖަކަށް އޭނާގެ ފަރާތުން އިތުރަށް ދެރައެއްލިބިދާނެތީ ބިރުންނެވެ. އޭނާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އާއިންގެ ނަޒަރުގައި ފަރަހަނާޒްފަދަ ފުރިހަމަ އަންހެނަކަށް ދުވަހަކުވެސް އޭނާއަކަށް ނުވެވޭނެއެވެ. އެފަދަ ކުއްޖަކަށް ވާކަށްވެސް އޭނާ މިހާރު ބޭނުމެއްނޫނެވެ.

ދިގުދަތުރަކަށްފަހު އާއިންއާއި ޝައުންއަށް އެމީހުންގެ މަންޒިލަށް އާދެވިއްޖެއެވެ. އާއިންއާއި ޝައުންއަށް އާދެވުނުއިރު، އާއިން ގިނައިރުވެގެން އެހެންމީހުން ޝަކުވާކުރަނީއެވެ.

" އަނހާ…ޝައުން ގޮވައިގެންތަ ތިއައީ؟…" އާއިންގެ ފަހަތުން ވަތް ޝައުން ފެނުމުން އުފާވެފައި އަޒީފާ އަހާލިއެވެ.

" އަހަރެމެން މިކިޔަނީ އާން މިހާ ހިނދަކަށް ކޮންތާކަށްބާއޭ ދިޔައީ….ޝައުން ބަލާދޯ ތިދިޔައީ…އެހެންނޫންވާނީ އަދިވެސް އެކުއްޖާ ބަލިވެއޮއްވާ އާންގެ އަރުތެރެއިން އެއްޗެއް ނުދިރޭދޯ…." ހީލަމުން އަޒީފާ ބުންޏެވެ.

" އާން އާދޭ ކާން….އަހަރެމެން މިތިބީ އާން ނާންނާތީ ނުކާންވެގެން…" އާއިންއާ މުޚާތަބު ކުރަމުން އިޒްޔަން ބުނެލިއެވެ.
" ތެދެއް ދަރިފުޅުމެން ކާންދޭ….ބައްޕަމެން ކައިފިން މިހާރު…." ޝައުންއަށް ބަލާލަމުން އަމީން ބުނެލިއެވެ.

އާއިންއާއި އިޒްޔަންއާއި މާޒް ކާންއެރުމުން އުޝާއާއި އައިރާއާއި ޝައުންވެސް އެމީހުނާ ބައިވެރިވިއެވެ.

" ކޮބާ ނާޒްވެސް އަންނަންވީނު…" އަޔާނާއަށް ކާންދިނުމަށް މަޝްއޫލުވެގެންއިން ފަރަހަނާޒަށް ގޮވާލަމުން އުޝާ ބުންޏެވެ.

" ތެދެއް…މަންމައަތަށް ދީފަ ދަރިފުޅުދޭ ކާން…" ފަރަހަނާޒްގެ އަތުގައިހުރި ބަތްތަށިއަތުލަމުން ޒާހިދާ ބުންޏެވެ. އެހެންކަމުން ފަރަހަނާޒްވެސް ހީލާފައި ގޮސް ކާމޭޒުދޮށުގައި އިށީނެވެ. އިއްތިފާޤުން ޝައުންއަށް އިންނަންޖެހުނީ ސީދާ އާއިންއާއި ފަރަހަނާޒްގެ ކުރިމަތީގައެވެ. ހުރިހާ ޒުވާނުން އެއްތައްންވުމުން މާޒްގެ ކައިވެނީގެ ވާހަކަ ފެށުނެވެ. ކުރިޔަށް ނިންމަންހުރި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. ހުރިހާ އެންމެން ވާހަކައިގައި ބައިވެރިވަމުން ދިޔައިރުވެސް ޝައުންއިނީ ހިމޭނުންނެވެ. ފަރަހަނާޒަށް އެކަން ފާހަގަ ކުރެވިގެން ޝައުންގެ ތަބީއަތް މާބޮޑަށް ގޯސްވީތޯ އަހާލުން ޝައުން ނޫނެކޭ ބުނެ ބޯހަލުވާލިއެވެ.

" ކޮކީ ޑޮކްޓަރަށް ދައްކަން ދާންވީނު….އަނެއްކާ މައިގްރެއިންގެ އުނދަގޫ މާބޮޑުވެދާނެ…" އިޒްޔަން ލަފާދިނެވެ.

" ނޫނޭ…އަހަރެން ރަނގަޅޭ…ކުޑަކޮށް އަރާމުކޮށްލީމަ ރަނގަޅުވާނެ….އަހަރެން ނާންނަން އުޅެނިކޮށްވެސް ވެއްޖެވިއްޔަ ގަދަކަމުން ގެންނަން…" ޝައުން ނުރުހިފައި ބުނެލި ޖުމްލައިން އާއިންއަށް ބަލާލެވުނެވެ.

" ސޮރީވަރަށް ބޮޑަށް….ތިހާ ހިތްހަމަ ނުޖެހޭނެކަން އެނގޭނަމަ ނުގެނައީމުސް…." އާއިން ދެރަވެލާފައި ބުންޏެވެ.

" ކޮން ސޮރީ ބޮރީއެއް ތިކިޔަނީ….ކަލޭމެން ދެމީހުން ނުވާނެ ދުވަހަކުވެސް ބޮޑެއް…ބަސްއަހައިގެން ކެވޭތޯ ބަލާބަލަ ދެންވެސް…" ސަމާސާ ރާގަކަށް މާޒް ބުނެލީ މާހައުލުގެ ވައި ބަދަލުވާން އުޅޭހެން ހީވުމުންނެވެ. އާއިންއާއި ޝައުންވެސް އިތުރު އެއްޗެއް ނުބުނެއެވެ. ނަމަވެސް އިޒްޔަން އިނީ އެދެމެދުގައިވި ހަމަހިމޭންކަމުގެ އަސްލު ހޯދަން ބޭނުންވެފައެވެ. ޝައުން އެހާބޮޑަށް ހިތްހަމަ ނުޖެހިފައި އިން ސަބަބެއް ހޯދަން ބޭނުން ވެފައެވެ.

ކައިނިމިގެން ހުރިހާ އެންމެންވެސް ސިޓިންރޫމަށް ޖަމާވިއެވެ. ދެން ކުރިޔަށް ދިޔައީ އަނެއްކާވެސް ކައިވެނީގެ ވާހަކަތަކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ހަވާލުކުރެވިފައިވާ މަސައްކަތެއް ގޮސްފައިވާ ހިސާބު ކިޔައިދިނެވެ.

" ކޮބާ ހެދުން ކިހާ ހިސާބަކަށް ގޮސްފިތަ؟…" ޝައުން އެއްޗެއް ނުބުނެ އިނުމުން މާޒް އަހާލިއެވެ.

" ހެދުމުގެ ވާހަކަ ނުދައްކާ…އެކުއްޖާ ފަކީރު ނުނިދާ ހުރެގެންވެސް ހެދުން ނިންމާނެ…" ޝައުން އެއްޗެއް ބުނުމުގެކުރިން މަޖާވެފައި އުޝާ ބުންޏެވެ.
" ދޮންބޭ ހިނގާބަލަ އަހަރެން ގެޔަށް ލައިދޭން…" އާދޭހުގެ ރާގެއްގައި ޝައުން އެދުނެވެ.

" ނޫން…ޝައުން ނުދާތި….އެތައް ދުވަހެއްފަހުން ތިއައީވެސް….އެހާއަވަހަށް ނުދާތި ޕްލީޒް….އަހަރެންގެ އަތުގަ ހުންނާނެ ބޭސް…..ހިނގާ ކޮޓަރިއަށް ގޮސް ބޭސްކައިޖެއް ޖައްސާލަން….އޭރުން ރަނގަޅުވާނެ…" ޝައުންގެ އަތުގައި ހިފާފައި ނަގަމުން އައިރާ ބުންޏެވެ. ޝައުން އިންކާރުކުރަން ބޭނުންވި ނަމަވެސް އައިރާ އެވަރަށް އެދުނީތީ އޭނާ ދިޔައެވެ.

" އަން މިބޭސް ކާލައިގެން ޖައްސާލާ…" ތަދުކަނޑުވާ ބޭހެއް ދިނުމަށްފަހު ކައިރީގައިހުރި ސައިޑްކަބަޑުމަތީހައިހުރި ފެންޖަގުން ތައްޓަށް ފެންއަޅާފައި ޝައުންގެ އަތަށް ދިނެވެ.

" ތޭންކްސް…" ޝައުން ހީލަމުން ޝުކުރު އަދާކުރިއެވެ.

" ދެން ނިދާލާ…." އައިރާ އޭސީ އޮންކޮށްލުމަށްފަހު ކޮޓަރިން ނުކުތެވެ. ޝައުން އެނދުގައި ހަމަޖެހިލާފައި ގައިގާ ކުއިލްޓް އަޅާލަމުން ލޯމަރާލިއެވެ. އިސާހިތަކު އޭނާ ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ.
ކައިވެނީގެ ތައްޔާރީތައް ވަމުންދާ ގެޔަކަށްވާތީ ކޮންމެމީހަކަށްވެސް އަވަދިނެތި ކުރާނެކަމެއް ވެއެވެ. އުޝާއާއި އައިރާ އަވަދިނެތި އުޅުނީ މެހެމާނުންނަށް ދޭނެ ހަދިޔާއަކާ ބެހޭގޮތުން މަޝްވަރާކުރުމުގައެވެ. މާޒްއާއި އިޒްޔަން އަދި އާއިންވެސް އެމީހުން ބުކްކޮށްފައިވާ ހޮޓެލް ބަލަން ދިއުމަށް ތައްޔާރުވިއެވެ. ވެޑިން ޕްލޭނަރއިންގެ އެހީގައި އެތަން ތައްޔާރުކުރަށް މިއަދު ފަށަންވަނީ ހަމަޖެހިފައެވެ.
" އައިރާ…ކޮބާތަ ދޮންބެ ދިން ފައިލް….ހޮޓަލަށްދާއިރު ބޭނުންވާނެ…" މާޒްމެންނާއެކު ބޭރަށް ނުކުންނަން ގޮސްފައިވެސް ކުއްލިއަކަށް ހަނދާންވެގެން އާއިން އެނބުރި ގޭތެރެއަށްވަނެވެ.

" ދޮންބެ ގޮސް ނަގާބަލަ! އަލަމާރި ހުޅުވާލާއިރު ފެންނަން އޮންނާނެ….މިގަޑީގަ ވަރަށްބިޒީ…." ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އެއިން ގޮތަށް އިނދެ އައިރާ ބުންޏެވެ. އާއިންވެސް މަޑުކުރުމެއްނެތި ގޮސް އައިރާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިތެރެ އަނދިރިކޮށް އޮތުމުން ބޮކިދިއްލާލުމަށްފަހު އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާއަށް ހުއްޓެވުނީ އެނދުގައި ރީތިކޮށް ނިދާލާފައި އޮތް ޝައުން ފެނުމުންނެވެ. އާއިންއަށް ބޭއިޚްތިޔާރުގައި އެނދާއިގާތަށް ޖެހެވުނެވެ.

" ތިހެން އޮންނައިރު ކިހާ މައުސޫމު…އެކަމު ތީ ހާދަ ގޮތްދޫނުކުރާ ބޯހަރު ކުއްޖެކޭ….ކީއްވެތަ އަހަރެން ދައްކާ ވާހަކަ ޝައުންއަށް ނުވިސްނެނީ….އަހަރެން އެހުރިހާ ވާހަކައެއް ދެއްކީ ޝައުންއަށް ރަނގަޅަކަށް….ޝައުންނަށް ނޭނގޭތަ އަހަރެން އަދިވެސް ޝައުންއާމެދު ވިސްނާކަމެއް…އަހަރެން ޝައުންމަތިން ހަނދާން ނައްތާލީކީ ނޫނޭ….އަބަދުވެސް ހަނދާންވޭ….އަހަރެންމީ އަބަދުވެސް ޝައުންގެ ބެސްޓް ފްރެންޑޭ….ކައިރީގަ ނޫޅުނަސް އަބަދުވެސް އަހަރެން އެދެނީ ޝައުން އުފަލުގަ ހުރުމަށް…އަހަރެން ކިހިނެއްތަ ހަދާނީ ޝައުންއަށް ވިސްނަދޭން؟" ޝައުންގެ މޫނަށް ބަލަންހުރެ އާއިން ހިތާ ހިތާ ކިޔަމުން ދިޔައެވެ.

އާއިން ވިސްނަން ހުއްޓައި ޝައުން ކުޑަކޮށް ފުރޮޅިލުމުން އޭނާ ސިހުނެވެ. އަދި އަވަސް އަވަހަށް އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ.
" އާން…އަހަރެންދަނީ.." އާއިން ފައިލް ނަގައިގެން ހިނގައިގަތް ވަގުތު ޝައުންގެ އަޑުއިވިފައި އޭނާ ހުއްޓުނެވެ. އަދި ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޮތީ ކުރިންވެސް އޮތްގޮތަށް ދެލޯމަރައިގެންނެވެ. އާއިން މަޑުމަޑުން އެނދާގާތަށް ޖެހިލިއެވެ. އޭރުވެސް ޝައުން ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައެވެ. އާއިން ކުޑަކޮށް ގުދުވެ އެކިޔާ އެއްޗެއް ސާފުވޭތޯ ބެލިއެވެ.

" ދޮންބޭ…އާން ރުޅިއޭ…އާންބުނީ އަހަރެން ގޯހޭ…..ދޮންބޭ…" ދިނީގައި އޮވެގެން ޝައުން ވާހަކަދައްކަމުން ދިޔައެވެ.
"ދުރަށްދާނަން…އެއްކޮށްދާނަން…ދުވަހަކުވެސް ނާންނާނަން….އާންރުޅިއޭ…" އިރުކޮޅަކު ހިމޭނުން އޮވެފައި އަނެއްކާވެސް ޝައުން ވާހަކަދެއްކިއެވެ.
ކުޑައިރުއްސުރެ ޝައުންއަކީ ނިދީގައި ވާހަކަ ދައްކާ ކުއްޖެކެވެ. ޝައުން ކަމަކާމެދު ވިސްނާނަނަމަ އެކަން ގަދަވެއެވެ. އެކަމާ އެންމެގިނައިން ޖޯކްޖަހާ މީހަކީ އާއިންއެވެ. އޭނާ ޝައުން ދައްކާ ވާހަކަތައް ރިކޯޑްކޮށް ހަދައިގެން ފަހުން ޝައުންއަށް ގޯނާކޮށް ހަދައެވެ. ނަމަވެސް މިއަދު ޝައުންގެ ވާހަކަތައް އަޑުއަހާފައި އޭނަ ދެރަވިއެވެ.

ނުނިމޭ