Last Updated: May 18, 10:45
Saturday, May 18, 2024
މުނިފޫހިފިލުވުން

"ސްޕޭސް ޖޭމް" ގެ ސީކުއެލް ރިލީޒް ކުރާނެ ތާރީޚު ހާމަކޮށްފި

"ސްޕޭސް ޖޭމް" ގެ ދެވަނަ ފިލްމެއް ނެރޭނެކަމަށް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި އިއުލާންކޮށްފައިވާއިރު މި ފިލްމުގެ ސީކުއެލް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގައެވެ.

ވޯނާ ބްރަދާސްގެ މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ތަރި ލެބްރޮން ޖޭމްސްގެ އިތުރުން ބަގްސް ބަނީ އެވެ. މިއީ ފިލްމެއްގެ ބޮޑު ރޯލަކުން ޖޭމްސް ފެނިގެންދާ ފުރަތަމަ ފަހަރުކަމަށްވާއިރު މީގެކުރީން އޭނާ ވަނީ އެމީ ޝޫމާ އާއި ބިލް ހެޑާގެ 2015 ވަނަ އަހަރުގެ ކޮމެޑީ ފިލްމު "ޓްރެއިންރެކް" ގައި ސަޕޯޓިންގ ރޯލަކުން ފެނިގެންގޮސްފައެވެ.

މީޑިއާ ހަބަރުތައް ބުނާގޮތުން، މި ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި 1996 ވަނަ އަހަރު ނިކުތް "ސްޕޭސް ޖޭމް" ގެ ފުރަތަމަ ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެމެރިކާގެ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަންގެ އިތުރުން މިހާރުގެ ބައެއް ބާސްކެޓްބޯޅަ ކުޅުންތެރިންވެސް ފެނިގެންދިއުމަކީ ވަރަށް ގާތްކަމެކެވެ.

"ސްޕޭސް ޖޭމް" ގެ ސީކުއެލް ޑައިރެކްޓް ކުރަން ހަވާލުކޮށްފައިވަނީ އެޗްބީއޯގެ "ރެންޑަމް އެކްޓްސް އޮފް ފްލައިނެސް" ގެ މޭސްތިރިޔާ ޓެރެންސް ނެންސްއާ އެވެ. މި ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުން ފެނިގެންދާނީ މި އަހަރުގެ އޮސްކާ އަށް ނޮމިނޭޓްވެފައިވާ ސުޕަހީރޯ ފިލްމު ބްލެކްޕެންތާގެ ޑައިރެކްޓަރު ރަޔާން ކޫގްލާ އެވެ.

މި ފިލްމު ގެނެސް ދެނީ ޖޭމްސްގެ ހިއްސާ އޮންނަ ޕްރޮޑަކްޝަން ކުންފުނި ސްޕްރިންގް ހިލް އެންޓަޓެއިންމަންޓް ވެސް ހިއްސާވާ ގޮތަށެވެ.