Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުން ދުވަހުން ދުވަހަށް ދިން ހިދްމަތް ތިން މަހަށް ލަސްވެއްޖެ

އިކޮނޮމިކް މިނިސްޓްރީން އައްޑޫގައި ގާއިމްކޮށްފައިވާ އޮފީހުން ދުވަހުން ދުވަހަށް ދެމުން ދިޔަ ހިދްމަތް ތިން މަހަށް ލަސްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މީގެ ކުރިން އެ އޮފީހުން ދުވަހުން ދުވަހަށް ދެމުން ދިޔަ ހިދްމަތް ލަސްވެ، މިހާރު އެ ހިދްމަތް ލިބުމަށް 3 މަސް ނަގައެވެ. އެގޮތުން މީގެ ކުރިން ދުވަހުން ދުވަހަށް ހަދަމުން ދިޔަ ފަރުދުންގެ ވިޔަފާރި ހުއްދަ އާއި ތިން ދުވަހުން ދެމުން ދިޔަ ކުންފުނިތަކުގެ ރަޖިސްޓްރީ ލިބުން މިހާރު ތިން މަސް ދުވަހަށް ލަސްވެފައިވާ ކަމަށެވެ.

ލާމަރުކަޒީކޮށް ރާއްޖެ ހިންގުމަށް އެންމެ ބޮޑު ވަކާލާތެއް ކުރަމުން އަންނަ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ހިދްމަތް ލަސްވެފައިވަނީ އެ ހިދްމަތް ސެންޓްރަލް ކުރުމާއި ގުޅިގެންނެވެ. 

ނިމިގެން ދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އައްޑޫގައި ގާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުން ވިޔަފާރި ނަން އޮންލައިންކޮށް އެޕްރޫވް ކުރުމަށްފަހު ފަރުދުންގެ ވިޔަފާރިއަކަށް ހުށަހެޅުމުން އެދުވަހުން އެދުވަހަށް ރަޖިސްޓްރީގެ އަސްލު ދޫކުރެއެވެ. އަދި ކުންފުންޏެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިއުން ހުށަހެޅުމުން ލަސްވެގެން ތިން ދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ އަސްލު ދޫކުރެއެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންގޮސްފައިވެއެވެ.

"އައްޑޫލައިވް" އާއި ވާހަކލަ ދެއްކި ބައެއް އާއްމު ރައްޔިތުން ބުނީ މިހާރު އަނެއްކާވެސް މިއޮތީ އިހު އޮތްގޮތަށް މާލޭގައި ހުންނަ މިނިސްޓްރީން ރަޖިސްޓްރީ ހެދުމަށްފަހު އައްޑޫއަށް ފޮނުވުމުން ލިބުނު ދުވަހަކުން ހިދްމަތްދޭ އުސޫލަށް ބަދަލުވެފައިކަމަށެވެ.

"މީ ލަމަރުކަޒީ ކުރުމަށް ވަކާލާތު ކުރާ ސަރުކާރުގެ ހާލަކީ، އައްޑޫގައި އެންމެ ރަނގަޅަށް ހިދްމަތް ދެމުން ދިޔަ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ އޮފީހަކި، މިހާރު މިހިރީ ހަމައެކަނި ނަންބޯޑެއް" އިކޮނޮމިކް އޮފީހުން ހިދްމަތް ހޯދަން ދިޔަ އާއްމު ރައްޔިތަކު ބުންޏެވެ.