Last Updated: May 18, 10:45
Saturday, May 18, 2024
ކުޅިވަރު

އެމްބާޕޭގެ ރެކޯޑަކާއެކު ޕީއެސްޖީ އަށް 17 ޕޮއިންޓްގެ ލީޑެއް

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ނީމްސް އަތުން 3-0 އިން ޕީއެސްޖީ މޮޅުވިއިރު އެ ޓީމަށް މި މެޗުގައި ކާމިޔާބުކޮށްދިން ދެލަނޑާއެކު ކިލިއަން އެމްބާޕޭ ވަނީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ލީގުގައި އެންމެ އަވަހަށް 50 ގޯލް ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ.

މި މެޗުގައި ކާމިޔާބުކުރ ދެ ލަނޑާއެކު އެމްބާޕޭ ވަނީ ޕީއެސްޖީގެ ފޯވާޑްލައިންގައި ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ އާއި އުރުގުއޭގެ އެޑިންސަން ކަވާނީ އަށް އަނިޔާވި ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުގައިވެސް ލަނޑުޖަހާފައެވެ.

ރޭގެ މޮޅާއެކު ޕީއެސްޖީން ވަނީ ލީގުގެ އެއްވަނައިގައި 17 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. 25 މެޗުން ޕީއެސްޖީ އަށް 68 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލިއްލޭ އަށް ލިބިފައިވަނީ 26 މެޗުން 51 ޕޮއިންޓެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮލިމްޕިކް ލިޔޯން އޮތްއިރު ހަތަރުވަނައިގައި އޮތް ސެއިންޓް އެޓިއެން އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމަށް ލީޑް ނަގައިދިނީ ކްރިސްޓޮފާ ކުންކޫ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކުންކޫ މިލަނޑުޖަހައިދިނީ އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ދިން ބޯޅައަކުންނެވެ.

މި ހާފުގައި ޕީއެސްޖީގެ އެމްބާޕޭ ދެ ލަނޑުޖަހައިދިން ނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ދެ ގޯލް ވެސް ގަބޫލުނުކޮށްފައެވެ. އޭނާ ފުރަތަމަ ގޯލް ފޮނުވާލިއިރު އޮފްސައިޑް މަގާމެއްގައި ހުރިއިރު ދެވަނަ ގޯލް ފޮނުވާލުމުގެކުރީން ބޯޅައިގައި އޭނާ އަތްލުމުންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޕީއެސްޖީގެ ލީޑް ފުޅާކުރުމަށް އެމްބާޕޭ އަށް ތިން ފުރުޞަތުލިބި ބޭކާރުވެފައިވާއިރު އެ ޓީމުގެ ދެވަނަ ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ އެމްބާޕޭ އެވެ. މި ގޯލާއެކު އޭނާ ވަނީ ލީގުގައި 50 ގޯލް ހަމަކޮށްފައެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޖަހައިދިނީވެސް އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ ކުންކޫ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ކުޅުނު 20 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 22 ވަނަ ގޯލެވެ.

ޕީއެސްޖީ އަށް ދެން އޮތީ ފްރެންޗް ކަޕްގެ ކުއާޓާ ފައިނަލްގައި އަމިއްލަ ދަނޑުގައި ޑިޖޮން އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅެވޭނީ މި މަހުގެ 27 ވަނަ ދުވަހު ރާއްޖޭގަޑިން 01:10 ގައެވެ.