Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި

ޝިމާ ނާފިޒު - ފޮޓޯ: ފޭސްބުކް

ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިން އެއިން ދަތުރުކުރި ޝިމާ ނާފިޒު ގެއްލުނު މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އެމްއެންޑީއެފްގެ ސެންޓްރަލް ކޮމާންޑުން ކުރަމުން އަންނަ އިރު އެމައްސަލައިގެ ތަހްގީގު ފަށާފައިވާކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

ހުކުރު ދުވަހުގެ ހަވީރު ލ. ކައްދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލާފައިވަނީ ލ. ގާދޫ އާއި ސިކްސް ސެންސަސް އާއި ދޭތެރެއިން ޑިންގީއަށް ތެޔޮއެޅުމަށް އުޅުމުގެ ތެރޭގައި ޖެހި ރާޅަކުން ކަމަށް ޑިންގީން ދަތުރު ކުރި އިބްރާހިމް ފަޒީލް ވަނީ ބުނެފައެވެ. ފަޒީލް ބުނީ އޭނާ ފަތާފައި، ސިކްސް ސެންސަސްއަށް އެެރޭ ޝިމާ އަތަށް ހަމަކާއި ފޯނެއް ދިނުމަށް ފަހުކަމަށެވެ.

ފަޒީލްގެ ވާހަކަތަކަށް އިތުބާރު ނުކުރެވޭތީ ޝިމާގެ އާއިލާ އާއި ސިފައިން ވަނީ ލ. ގާދޫ ބަލަން ފަށާފައެވެ.

މި މައްސަލައިގެ ތަހްގީގު ފުލުހުން ކުރަމުންދާ އިރު އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.