ސ. ހިތަދޫގައި ރޭ ފަތިހު އިންޑިޔާގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު 4 ޖަހާކަށްހާއިރު ބިދޭސީ މީހާއަށް ހަމަލާދީފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ހިޔާދޭގޭގެ ކައިރިންނެވެ.
މިހާދިސާގައި ބިދޭސީ މީހާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކަށް ހިތަދޫ ރީނަޖަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އޭނާގެ ބޮލަށާއި މޫނަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޒަހަމްކޮށްލާފައިވާ ބިދޭސީ މީހާއަކީ ހިތަދޫގައި ރުއް އަރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހެކެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ އިރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.