Last Updated: April 20, 18:01
Saturday, April 20, 2024
ރިޕޯޓް

ރަތް ޤައުމު: ޖޫން 29، 2013

ރާއްޖެއަށް އައި ތަރަށްޤީއާއި، ހިންގުމަށް ގެނެވުނު ބަދަލާއި، ތަޢާރަފު ކުރެވުނު އާ ނިޒާމްތަކުގެ ސަބަބުން ކުރީގައި ދިވެހިންގެ ތެރޭ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލިފައިވުމުގެ ސަބަބުން މިއަދު މިވަނީ ދިވެހިންގެ ތެރޭގައި ބައިބައިވަންތަކަން އުފެދިފައެވެ.

ސިޔާސީ ފިކުރުގެ ސަބަބުން އާއިލާތައް ރޫޅި ރަޙުމަތްތެރިކަމުގެ ގުޅުން ކެނޑުމުގެ އަސްލަކަށް ވެފައިވަނީ އެމީހަކު ޤަބޫލުކުރާ ފިކުރަކާ އަނެކަކު ޤަބޫލުކުރާ ފިކުރާ އެއްގޮތް ނުވުމުގެ އިތުރަށް ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި އެ ބަޔަކު ގަބޫލުކުރާ ގޮތްތަކެއްގެ މަތީގައި ދެމިތިބުން މާ މުހިންމުކަމަށް ބައެއް މީހުން ދެކޭތީއެވެ. އެކަމަކު ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ސިޔާސީ ފިކުރުގެ ސަބަބުން މިއަދު ބައިބައިވެފައި މިވާ މުޖުތަމައަކީ މީގެ އަހަރުތަކެއް ކުރިން އެކުގައި މޫދަށް ގޮސް، އެކުގައި ހަވީރު ހިނގަންގޮސް، އެކުގައި އެއް ސުފުރާއަކުން ކައި ބޮއެ، އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު ޤައުމީ ފެންވަރުގައި ފާހަގަކުރާ ކޮންމެ ޙަރަކާތެއް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިއުމުގެ ޤައުމީ ޖޯޝުގައި އުޅުނު ކުޑަކުޑަ މުޖުތަމައެއް ކަމެވެ.

ނަމަވެސް ހިތާމައަކީ މިއަދު އަހަރެމެންގެ މި ކުޑަ މުޖުތަމައުގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރަނީ ހަމަ އެކަނި ސިޔާސީ ހަރަކާތްތަކަށް ވެފައިވުމެވެ. ޙާއްސަ ގޮތެއްގައި ޤައުމީ މުހިންމު ދުވަސްތައް ކުލަ ގަދަ ގޮތެއްގައި މިހާރަކު ފާހަގައެއް ނުކުރެއެވެ. އެ ދުވަސްތައް ފާހަގަ ވެފައިވަނީ ހަމައެކަނި ކަލަންޑަރުގައި އެހެނިހެން ދުވަސްތަކާ ތަފާތު ގޮތަކަށް ތަންކޮޅެއް އަކުރު ބޮޑުކޮށް ހުންނަ ދުވަސްތަކެއްގެ ގޮތުގައި އެކަންޏެވެ.

މިކަމުގެ ސަބަބުން މި ޖީލާއި މީގެ ފަހުން އަންނަން އޮތް ޖީލްތަކަށް ޤައުމިއްޔަތުގެ މުހިންމުކަން ނޭގި ދިވެހިންގެ އަސްލާއި، މާޒީއިން ލިބިފައިވާ ފިލާވަޅުތަކާއި އިބުރަތްތައް އޭގެ އެންމެ އެދެވޭ ގޮތުގައި ބުނެނުދެވޭނެ ކަމީ ޝައްކެއްވެސްނެތް ކަމެކެވެ. އަދި ކުޑަކުދީންނަށާ ޒުވާނުންނަށް ޤައުމީ ބަޡަލުން ވެފައިވާ ޤުރުބާނީގެ އަގު ވަޒަންކުރަން ދަތިވާނެކަން ޔަޤީނެވެ. ރާއްޖެ އިސްލާމްވި ދުވަހާއި، ޤައުމީ ދުވަސް އަދި ޝަހީދުންގެ ދުވަހުގެ މުހިންމުކަން އޭގެ އެންމެ ފުން އަސަރާއި ޖަޒުބާތާއިއެކީ ބުނެ ނުދެވޭނެއެވެ.

ކިތަންމެ ތަފާތެއް ހުރިކަމުގައި ވިޔަސް އެކަން ވަކިކަމެއްގެ ގޮތުގައި ދެކި މި ޤައުމުގެ ރައްރިތުންގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައެއްވަންތަ ކަމުގެ ސަޤާފަތް ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިއްމާއެކެވެ. އަދި ސިޔާސީ ކުލަ ދޫކޮށް ޤައުމީކުލަ – ރަތް ކުލައިން ޒީނަތްތެރިވުމުގެ އާދަ މި ކުޑަ މުޖުތަމަޢުގައި އަށެގަނުވަން ޖެހެއެވެ.

މި މާތް މަޤުސަދު ޙާސިލްކުރުމަށްޓަކައި ޤައުމާމެދު ވިސްނައި ވީހާވެސް ގިނަ ޒުވާނުންނާއި ކުޑަކުދިން އެއްތަނަކަށް އެއްވެ ގައުމީ ރޫޙު އާލާ ކުރުމުގެ މަޤްސަދުގައި ޒުވާނުންތަކެއް އިސްނަގައިގެން "ރަތް ޤައުމު"ގެ ނަމުގައި 29 ޖޫން 2013 ވާ ހޮނިހިރު ދުވަހު އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫސިޓީގެ އިތުރުން މަލޭ ސިޓީ، ކޮލޮމްބޯ ( ސްރީ ލަންކާ)، ތުރިވަރަމްތަޕޫރަމް (އިންޑިއާ) އަދި ކުއަލަލަމްޕޫރް ( މެލޭޝިއާ)ގައި ކުރިއަށް ގެންދައުމަށް ހަމަޖެހިފައިވާ މި އިވެންޓު ފަށަން ހަމަޖެހިފައިވަނީ އެތަނެއްގެ ގަޑިން ހަވީރު 4:30 ގައެވެ. މި އިވެންޓުގައި އައްޑޫގައި ޒުވާނުންގެ ފުޓުބޯޅަ މެޗަކާއި ކުޑަކުދިންގެ ހަވީރެއް ހިތަދޫ ޒޯން ސްޓޭޑިއަމުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އެވަގުތު ބޮޑުބެރުގެ ޙަރަކާތްތައްވެސް ކުރިއަށް ދާނެއެވެ.