Last Updated: May 18, 09:24
Saturday, May 18, 2024
ކުޅިވަރު

ސަންޗޯގެ މޮޅުކުޅުމާއެކު ޑޯޓްމަންޑްގެ މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް

ރޭގެ މެޗުގައި ލެވަކޫސަން ކޮޅަށް ލަނޑުޖެހުމަށްފަހު ޑޯޓްމަންޑްގެ ސަންޗޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ޑޯޓްމަންޑް

ޖަރުމަން ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި ޖޭޑަން ސަންޗޯ ދެއްކި މޮޅުކުޅުމާއެކު ބަޔާ ލެވަކޫސަން އަތުން 3-2 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑްގެ މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.

މިއީ މި ސީޒަނުގައި ޑޯޓްމަންޑް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ހަތަރު މެޗުން އެއްވަރުވިއިރު އެއް މެޗުން ބަލިވެފައިވެއެވެ.

ރޭގެ ނަތީޖާއާއެކު ޑޯޓްމަންޑް ވަނީ ލީގު ތާވަލްގެ ދެވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު އަލުން ތިން ޕޮއިންޓަށް ފުޅާކޮށްފައެވެ. ޑޯޓްމަންޑަށް 23 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު ބަޔާން އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް 43 ޕޮއިންޓް ލިބިފައިވާއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ރެޑްބުލް ލިޕްޒީގު އެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ލެވަކޫސަން އިންނެވެ. ނަމަވެސް މި މެޗުގައި ކުރީން ލީޑްނެގީ ޑޯޓްމަންޑުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މިލަނޑުޖަހައިދިނީ ޑޭން-އެކްސެލް ޒަގަޑޫ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ވިންގާ ސަންޗޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައަކުން ޒަގަޑޫ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ލެވަކޫސަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކާއި ހަވާޓްޒް ތަނަވަސްކުރި ފުރުޞަތަކުން ކެވިން ވޮލާންޑް އެވެ.

ލެވަކޫސަން އާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޑޯޓްމަންޑް

އޭގެ މިނެޓެއްފަހުން، ޑޯޓްމަންޑަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ސަންޗޯ އެވެ. މިއީ އެ ޓީމުގެ އަބްދޫ ޑިއާލޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ސަންޗޯ އެއްފަހަރުން ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 9 ވަނަ ގޯލެވެ. މި ހާފު ނިމުނީ 2-1 އިން ޑޯޓްމަންޑް ކުރީގައިއޮވެގެންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ލެވަކޫސަންގެ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން ޑޯޓްމަންޑްގެ މާރިއޯ ގޮޓެޒޭ އެ ޓީމުގެ ލީޑް ފުޅާކޮށްދިންއިރު މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ލެވަކޫސަންގެ ޖޫލިއަން ބްރޭންޑްޓް ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް އެ ޓީމުގެ ޑިފެންޑަރު ޖޮނަތަން ޓާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލަކުން ފަރަގު ކުޑަކުރިއެވެ. މެޗު ނިމެން ދަނިކޮށް ލެވަކޫސަންގެ ކުޅުންތެރިން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތްތައް ޑޯޓްމަންޑްގެ ދިފާއީ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ.

މިއީ ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރޮއިސް އަށް އަނިޔާވިފަހުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ.

ޑޯޓްމަންޑަށް ދެން އޮތީ ލީގުގައި އަންނަ މާރިޗު މަހުގެ ދެވަނަ ދުވަހު ރަށުން ބޭރުގައި އޮގްސްބާގް އާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ހަތަރު ދުވަސް ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށެވެ.