Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރު ނުކުރެވޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް ވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އަދި ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުވެސް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މި އަމުރާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އެވެ.

މީގެއިތުރުން ޖާބިރު އާއި އަހުމަދު މުހައްމަދު އަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ދެ ބޭފުޅުންނެވެ.

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ނަމަވެސް ކުރިން ވެސް ރޭވިފައިވާ ގޮތަށް އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.