ސ. ހިތަދޫގައި ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިންޑިއާ މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގައި ގޮން ޖެހުންތަކެއް ހުރި ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރ އަލީ މޫސާ ވިދާޅުވީ ބަލި މީހާގެ ހާލު ސީރިއަސް ކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާކަމަށެވެ.
ބިދޭސީ މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ބޮލާއި، ލޮލަށް އަދި މޫނަށް ވަނީ ފުން ޒަހަމްތަކެވެއް ލިބިފައެވެ. އެގޮތުން އެ ހަމަލާގައި ބިދޭސީ މީހާގެ ކަނާއަތު ލޯވަނީ އެއްކޮށް ހަލާކުވެފައެވެ. އޭނާގެ ލޮލުގެ ފެނުން ގެއްލިފައިވާއިރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ އޮތީ ހޭނެތިފައެވެ.
ހޮސްޕިޓަލުން ބުނީ އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުން އެނގޭނީ ސީޓީ ސްކޭން ހަދައިގެން ކަމަށެވެ
ޒަހަމްކޮށްލި ބިދޭސީ މީހާއަކީ ހިތަދޫގައި އުޅޭތާ ގިނަ ދުވަސްވެފައިވާ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އެތެރެވެފައިވަނީ ހިތަދޫ މީހެއްގެ ނަމުގައެވެ.
މިހާދިސާ އާއި ގުޅިގެން އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ހޮސްޕިޓަލުން މިހާރުވަނީ އޭނާ ރާއްޖެ އެތެެރެ ކުރި ފަރާތަށް އަންގާފައެވެ. ނަމަވެސް އަދިވެސް އޭނާ ފުރުވާލެވޭ ގޮތް ހަމަޖެހިފައި ނުވެއެވެ.
"ހޮސްޕިޓަލުން މިހާރު އޭނާގެ ސްޕޮންސަރއަށް އަންގައިފި، މާލެ ގެންދިއުމަށް، އެކަން އަދި ހަމަނުޖެހޭތީ ހޮސްޕިޓަލުންވެސް ވަރަށް ކަންބޮޑުވޭ ބަލިމީހާގެ ކޮންޑިޝަން ހުރި ގޮތުން"
މި މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު އެެއްވެސް ތަފްސީލެއް ހާމަ ނުކުރެއެވެ.