Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުން އަމާޒުވަނީ އެމްޑީޕީ އަށް!

އަފްޝަން ލަތީފު

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުން އަމާޒުވަނީ އެމްޑީޕީ އަށް ކަމަށް އެ ޕާޓީގެ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝަން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު އެމްޑީޕީން ހައިރާންވާ ކަމަށާއި ޕްރައިމަރީއެއް ހަމައެކަނި ބާއްވާފައި އޮތީ އެމްޑީޕީގައި ކަމުން މި ނިންމުން އަމާޒުވަނީ އެމްޑީޕީ އަށް ކަމަށެވެ.

އަދި މި ނިންމުމާ މެދު ޕާޓީގެ ލީޑަޝިޕްގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށާއި އެގޮތުން ލީޑަޝިޕުން ނިންމާ ގޮތް ފަހުން ހާމަކުރާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީން ބަލިވި ފަރާތްތަށް އިންތިހާބުގައި ވާދަކުރުމުން ފިޔަވަޅު އަޅާނެތޯ ސުވާލުކުރުމުން އަފްޝަން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސަތުތަކާއި ވަކި އުސޫލުތަކެއް އެބަހުރި ކަމަށާއި އެގޮތުން މިފަދަ ކަންތައްތަކެއް ކުރި ފަރާތްތަކަށް ޕާޓީން މީގެކުރިން ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ޕާޓީން ފިޔަވަޅު އަޅުއްވާނެ ކަމަށް. އަޅުއްވާ ފިޔަވަޅެއް ފަހުން ހިއްސާ ކުރާނަން" އަފްޝަން ވިދާޅުވިއެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އެވެ.

މީގެއިތުރުން ޖާބިރު އާއި އަހުމަދު މުހައްމަދު އަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ދެ ބޭފުޅުންނެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.