Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

ދެ ކޮމިޝަނަށް ބާރުދޭން ބޭނުން ނުވާ މެމްބަރުންތަކެއް އެބަތިބި: ރިޔާޒު

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރުދޭން ބޭނުން ނުވާ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވި ކަމަށް ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވުމާ ގުޅިގެން ދެ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓަށް ނޭހި މިއަދުގެ ޖަލްސާ ވެސް ވަނީ ނިންމާލާފައެވެ. މަޖިލީހުގެ ކޯރަމް ހަމަވާނީ 43 މެމްބަރުން ހަމަވުމުން ކަމަށްވާއިރު، މި ބިލަށް ވޯޓަށް އަހަން ބެލިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 42 މެމްބަރުންނެވެ.

މިކަމާ ގުޅިގެން "ރާއްޖެ ޓީވީ" އަށް ރިޔާޒު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބިލަށް ވޯޓަށް އެހި ވަގުތު މެމްބަރުން މަޖިލީހަށް ވަޑައިނުގަތް ސަބަބު މިހާރު ވަރަށް ސާފު ކަމަށާއި އެގޮތުން މި ދެ ކޮމިޝަނަށް ބާރުތައް ދޭން ބޭނުން ނުވާ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވިކަން ހާމަވާ ކަމަށެވެ. އެގޮތުން އެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަނީ ވޯޓަށް އެހޭޭ ވަރަށް އަދަދު ހަމަވިޔަ ނުދޭން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ހަމަ ގައިމުވެސް ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ވަކިވަކިން އެނގޭނެ މިއަދު މި ވޯޓަށް އަހާނެކަން. އެ ބޭފުޅުން މިތަނަށް ވަޑައިގަންނަވަން ވެސް ވަޑައިގެންނެވި. މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވަޑައިނުގަތުމުގެ ސަބަބުން އަދަދު ހަމަނުވީ. އެހެންވީމަ މިއަދު ވަރަށް ސާފުކޮށް އެކަން ފެނިގެދިޔަ ކަމަށް ގަބޫލުކުރެވޭ" ރިޔާޒު ވިދާޅުވިއެވެ.

މިއަދު ޖަލްސާ އަށް ވަޑައިނުގަންނަވާ މެމްބަރުންގެ ތެރޭގައި ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުންތަކެއް ވެސް ހިމެނޭ ކަމަށާއި އެގޮތުން އެ ބޭފުޅުންނާ ސުވާލުކޮށް އެޅި ފިޔަވަޅެއް ފަހުން ހާމަކުރައްވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންނަށް ވަކިވަކިން އަޅުގަނޑު ވެސް އެންގިން، މިއަދު މަޖިލިސް އޮންނާނެ ކަމާއި މަޖިލީހުގައި މިކަންކަން އޮންނާނެކަން. އެހެންވީމަ އެއާ ހިލާފުވި ފަރާތްތަކުގެ މައްސަލަތައް ބަލާ އެ ޕާޓީއެއްގެ ކަމާބެހޭ ގުނަވަނަކުން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލުކުރަން" ރިޔާޒު ވިދާޅުވިއެވެ.

ދެ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓަށް އެހޭގޮތް ނުވިއިރު، އެ ބާރުތަށް ނުލިބުމުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިސްފައިވާ އެ ކޮމިޝަންތަކުން ވަނީ ބުނެފައެވެ.