"ގަޖިނީ" އާއި "ހައުސްފުލް" ފަދަ ފިލްމްތަކުން ފެނިފައިވާ ޒުވާން ބަތަލާ ޖިއާ ހާން ދަން ޖެހިގެން ރޭ މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖިއާ ދިރިއުޅޭ މުމްބާއީގެ ސަންގީތު ސާގަރު ބިލްޑިންގެ އެޕާޓްމަންޓްގައި ދަންޖެހިފައި ހުއްޓާ ފެނުނީ ރޭ 11:00 ޖަހާ އެހާކަށްހާ އިރު އެވެ. އަދި މި ހާދިސާ ހިނގި އިރު ޖިއާ އާ އެކު ދިރިއުޅޭ އޭނާގެ މަންމަ ރާބިއާ އަމީން އާއި ދައްތަ ގެއަކު ނޫޅެ އެވެ.
ޖިއާ ދޯޕައްޓާއެެއް ބޭނުންކޮށްގެން ދަން ޖެހިފައި ހުއްޓައި ފެނުނީ އެ މީހުން ގެއަށް އައުމުން ކަމަށް، މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ފުލުހުން ބުންޏެވެ.
ޖިއާގެ މަރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފުލުހުން ބުނީ އޭނާ އަމިއްލަ އަށް މަރުވީ ކޮން ސަބަބަކާ ހުރެކަން އަދި ސާފު ނުވާ ކަމަށެވެ. އަދި ޖިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދައި ޑޮކްޓަރުންގެ އޮޓޮޕްސީ ރިޕޯޓަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި ހާދިސާ އާ ބެހޭ ގޮތުން އެ ހިސާބުގަނޑުގެ އަވަށްޓެރިންނާއި އަދި އެ ނޫން ފަރާތްތަކާ ވެސް ސުވާލުކޮށް އިތުރަށް މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އަމީތާބް ބައްޗަން އާ އެކު 2007 ވަނަ އަހަރު "ނިޝަބްދު" އިން ބޮލީވުޑަށް ތައާރަފްވި ޖިއާގެ މަރުގެ ހަބަރު ރޭ އެެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި އާންމު ކުރީ ބަތަލާ ދިއާ މިރްޒާ އެވެ. އެއީ ދަންވަރު 1:45 ގަ އެވެ.
އޭގެ ފަހުން ބޮލީވުޑްގެ ގިނަ ތަރިންތަކަަކަށް މި ހަބަރާ އެކު ބޮޑު ޝޮކެއް ލިބިފައިވާ އިރު، ބައެއް ތަރިން ވަނީ މިކަމާ ގުޅޭ ގޮތުން ޓްވީޓް ވެސް ކޮށްފަ އެވެ.
ޖިއާގެ މަރާ ބެހޭ ގޮތުން އަމީތާބް ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ "މި ވާހަކަ ގަބޫލް ނުކުރެވޭ ކަމަށާއި މިއީ އަނެއްކާ ތެދު ވާހަކައެއްތޯ" އާ މެދު އަމީތާބް ވަނީ ސުވާލުކޮށްފަ އެވެ.
ޖިއާގެ މަރާ ގުޅިގެން ޓްވީޓްކޮށްފައިވާ އިތުރު ތަރިންގެ ތެރޭގައި ޝާހިދު ކަޕޫރު، ބިޕާޝާ ބާސޫ، ސޯނޫ ސޫދު، ރިތޭޝް ދޭޝްމުކް، މަނޯޖް ބަޖްޕާއީ އަދި ވީރް ދާސް ފަދަ ތަރިން ހިމެނެ އެވެ.
މީގެ އިތުރުން ޖިއާގެ ފުރަތަމަ ފިލްމް "ނިޝަބްދު" ގެ ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ ވެސް، އޭނާގެ މަރާ މެދު ހިތާމަކޮށް ޓްވީޓްކޮށްފައިވެ އެވެ.
ލަންޑަނަށް އުފަން އުމުރުން 25 އަހަރުގެ ޖިއާ އެންމެ ފަހުން ޓްވީޓެއްކޮށްފައި ވަނީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.
އެ ޓްވީޓްގައި އޭނާ ވަނީ ޓްވިޓާ އާ ދުރުގައި އުޅެވޭތީ މައާފަށް އެެދިފަ އެވެ. އަދި ބައެއް ހަނދާންތައް އާ ކުރަން ވަގުތު ބޭނުންވާ ކަމަށް ޖިއާގެ އެ ޓްވީޓްގައި ބުނެފައިވެ އެވެ.
ޖިއާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ލާރާ ދައްތާ އަދި ދީޕިކާ ޕަދްކޯން އާ އެކު 2010 ވަނަ އަހަރުގެ "ހައުސްފުލް" އިންނެވެ.