Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ފުރަތަމަ 100 ދުވަސް: ކޮމިއުނިކޭޝަން ސެކްރެޓަރީގެ ކުންފުންޏަކަށް 30 މިލިއަން ރުފިޔާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް 30 މިލިއަން ރުފިޔާ ޕީއެސްއެމުން ދިނުމުން އެކަމާ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދެވި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓްކޮށްގެން ބިގް އަށް ލިބެން ޖެހޭ 78 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުއެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިހާރު ވަނީ ދައްކާފައެވެ.

އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގި އިރު ބިގް ކުންފުންޏާއެކު ހަދާފައިވާ އެއްބަސް ވުމަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީއެއްގެ 15 އިންސައްތަ ބިގް ކުންފުންޏަށް ދޭން ޖެހޭ ގޮތަށް އެމްއެންބީސީގެ މާކެޓިންގ މަސައްކަތްތަކަށް އަގުކޮށް ހަދާފައިވާ 5 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ.

ބިގް ކުންފުންޏަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ހަސަން އިސްމާއިލް އަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އެއްބަޑު އެއްބަފާ މީހެކެވެ. ކުއްލި ގޮތަކަށް މިފަދަ ބޮޑު އަދަދެއްގެ ފައިސާ މި ކުންފުންޏަށް ދިނުމަކީ ގިނަ ސުވާލު އުފެދޭ ކަމެކެވެ.

2014 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ފާހަގަވި ކަންތައްތައް

އެމްއެންބީސީ އާއި ބިގްއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން 2014 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެމްއެންބީސީއަށް އާމްދަނީ ލިބޭ ބައިތަކުން 15 ޕަސެންޓް ދޭ ގޮތަށް އެއްބަސްވެ، އެ ކުންފުނީގެ އެކްސްކްލޫސިވް ސޭލްސް އެޖެންޓުކަން ބިގަށް ދިނީ ވާދަވެރި ބީލަމުގެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ.

އޮޑިޓަރުން އެގޮތަށް ނިންމެވި ސަބަބުތަކުގެ ތެރޭގައި ބިގަށް އެ މަސައްކަތް އެވޯޑްކުރީ މާކެޓިން ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ކުރި އިއުލާނެއްގެ ތެރެއިން ކަމަށް ވާއިރު އެ އިއުލާނުގައި އެކްސްކުލޫސިވް ސޭލްސް ރައިޓްސްގެ ވާހަކަ އާއި ސޭލްސް އިން ކޮމިޝަން ލިބޭނެ ކަމުގެ އެއްވެސް ވާހަކަ އެއް ހިމަނާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ބިގްގެ ޕާފޯމެންސް ބެލޭނެ އުސޫލެއް ނެތި ހަމައެކަނި ޓޯޓަލް ސޭލްސް އިން އެ ކުންފުންޏަށް ވަނީ 15 ޕަސެންޓްގެ ކޮމިޝަންގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ޖުމްލަ 5.8 މިލިއަން ރުފިޔާ ދީފައިކަން އޮޑިޓުން ހާމަވެ އެވެ. ނަމަވެސް އެ ކުންފުންޏަށް އެ އަދަދު ދިނުމުގައި ބަލާފައިވާ މިންގަނޑާއި އުސޫލެއް ވެސް ފެންނަން ނެތް ކަމަށް ވެސް އޮޑިޓްގައިވެ އެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން އިތުރު 6.8 މިލިއަން ރުފިޔާ ހޯދުމަށް ބިގުން ވަނީ އެމްއެންބީސީއަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ އަދަދުގެ ބަދަލުގައި ދެ ފަރާތުން އެއްބަސްވެގެން 5.5 މިލިއަން ރުފިޔާ ބިގަށް ދިނުމަށް އެމްއެންބީސީން އެއްބަސްވި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ނަމަވެސް އޭގެ ތެެރޭގައި ބިގްގެ ދައުރެއް ނެތި އެމްއެންބީސީ އަށް ލިބުނު އާމްދަނީން ވެސް ކޮމިޝަން ހޯދުމަށް އެދިފައިވާތީ ބިގަށް އިތުރަށް އެއްވެސް ފައިސާއެއް ނުދިނުމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ލަފާދީފައެވެ.

ދައުލަތަށް ބޮޑު ގެއްލުމެއް ލިބެން އޮތް ނިންމުމެއް، އިސްތިއުނާފް ނުކުރީ ކީއްވެ؟

މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެމްއެންބީސީ އާއި ބިގާ ދެމެދު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް މި އަދަދު އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި ފައިސާތަކެއް އިތުރުވެފައިވާތީއެވެ.

މައުމޫލާތު ލިބިފައިވާ ގޮތުގައި ޕީއެސްއެމުން ބިގް އަށް 30 މިލިއަން ރުފިޔާ ދެއްކީ ޕްރައިވެޓައިޒޭޝަން ބޯޑުން އަދި ފިނޭންސް މިނިސްޓްރީގެ ގާނޫނީ ލަފަޔާއެކުއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބެން އޮތް ނިންމުމެއް އޭރުގެ ޕީއެސްއެމުން މަތީ ކޯޓުތަކުގައި އިސްތިއުނާފް ނުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެނގިފައިވާ ގޮތުގައި ބައެއް މައްސަލަތަކަކީ އެކަމެއްގެ ސަބަބުން ދައުލަތަށް ނުހަނު ބޮޑު ގެއްލުންވާ ކަމެއް ނަމަ، އިސްތިއުނާފު ކުރުމުގެ މަރުހަލާ ފަހަނަ އަޅާ ދިޔަނަމަވެސް މަތީ ކޯޓުތަކަށް އިސްތިއުނާފު ކުރެވޭނެ ކަންކަމެކެވެ.

އެހެން އެކަން އޮތް ކަމަށްވާނަމަ މިހާރުގެ ޕީއެސްއެމްގެ ބޯޑުން މި މައްސަލަ އިސްތިއުނާފް މަރުހަލާއަށް ނުގެންގޮސް ފައިސާތައް ބިގް އަށް 1 އަހަރު ދުވަހުގެ ތެރޭ ދައްކާ ނިންމުމަށް މިހާ އަވަސް އަރުވާލައިގެން އުޅޭ ސަބަބާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން އަންނަނީ މި ފައިސާ ދައްކަންޖެހޭނީ ޕީއެސްއެމްގެ އޭރުގެ ވެރިންގެ އަތުން ކަމަށްވެސް ބުނަމުންނެވެ. އެގޮތުން 78 މިލިއަން ރުފިޔާ އަށް އަދަދު އިތުރުވީ އެ ފަރާތްތަކުގެ އިހުމާލުން ކަމަށްވާއިރު، އެ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެމްއެންބީސީގެ ދަރަނި ޕީއެސްއެމް އަށް، ގާނޫނީ ބަހުސެއް!

މި މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި މި ފައިސާ ދައްކަން ހުކުމްކޮށްފައިވަނީ އެމްއެންބީސީގެ މައްޗަށެވެ. ނަމަވެސް އެ ހުކުމުގައި ޕީއެސްއެމްގެ ނަމެއް ނެތް ނަމަވެސް އެ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ދައްކާފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުން އެގޮތަށް ކަނޑައަޅާފައިވާތީއެވެ.

ބައެއް ގާނޫނީ ފަރާތްތަކުން ބުނާގޮތުން އެމްއެންބީސީގެ މުދަލާއި ފައިސާ، ޕީއެސްއެމަށް ބަދަލުކޮށްފައިވާތީ އެ ދަރަނި ޕީއެސްއެމްގެ ބޮލުގައި އެޅޭނެ ޖާގަ އެބައޮތެވެ.

ނަމަވެސް އެމްއެންބީސީ އަދި ޕީއެސްއެމް އަކީ ވަކި ޤާނޫނީ ދެ ޝަހުސު ކަމަށްވާއިރު އެމްއެންބީސީ ގެ ދަރަންޏަކަށް ޕީ.އެސް.އެމް އިން ޒިންމާވާން ޖެހޭނެ އެއްވެސް ޤާނޫނީ އުސޫލެއް ނެތް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި މިއީ މަގާމުގެ ނާޖާއިޒު ފައިދާ ހޯދައިގެން ބަޔަކަށް ނުހައްގު މަންފާއެއް ހޯދާދިނުން ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ ފިނޭސް މިނިސްޓަރު އަދި ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުން ފުރިހަމައަށް ނަގަންޖެހޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓަރ އަމީރު މި ފައިސާ ބިގް ކުންފުންޏަށް ދޫކޮށްފައިވަނީ ބަންޑާރަ ނައިބް ރިއްފަތު އާއި މަޝްވަރާ ކުރެއްވުމަށްފަހު ބަންޑާރަ ނައިބްގެ ލަފާގެ މަތިންނެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް، ޒީރޯ ޓޮލެރެންސް ކޮބާ؟

2014 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި އެމްއެންބީސީގެ އެކްސްކުލޫސިވް ސޭލްސް އެޖެންޓުކަން ބިގް އަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ވަނީ ހާމަވެފައެވެ. އަދި މި ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ މި ރިޕޯޓުގައި ލަފާ ދެއްވާފައެވެ.

ރައީސް ސޯލިހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުން އެންމެ ފާހަގަވި އެއް ކަމަކީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވި ވިދާޅުވުމެވެ. މިއީ ރައީސްގެ އެ ސިޔާސަތު އިސްކުރަންޖެހޭ ވަގުތެވެ.

އެމްއެންބީސީގެ އެކްސްކުލޫސިވް ސޭލްސް އެޖެންޓުކަން ބިގް އަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވާއިރު، ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރާކަމަށްވާނަމަ މި މައްސަލަ އަލުން ބަލަންޖެހެއެވެ. ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރަކާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހަކަށްވުމުން މިއީ ނުބަލާ ދޫކޮށްލަންޖެހޭ ވަރަށް ވުރެ ދައުލަތަށް ގެއްލުން ބޮޑު މައްސަލައެކެވެ. މޫނަށް އަދި ކަނދުރާ އަކަށް ބެލުމެއް ނެތި މިކަންކަން ކުރި ފަރާތްތަށް ޖަވާބުދާރީ ކުރުވަން ޖެހެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި މައްސަލަ އިސްތިއުނާފް ކުރުމުގެ މަރުހަލާ އަށް ނުގެންގޮސް 30 މިލިއަން ރުފިޔާ ބިގް އަށް ދައުލަތުގެ މީޑިޔާ ހިންގާ ކުންފުނިން ދިނުމަކީ ރައީސް ސޯލިހުގެ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދިނުމުގެ ސިޔާސަތު މިހާރުވެސް ފޫގޮސްފައިވާ ކަމުގެ ހެއްކެކެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ތަފާތު ނަން ނަމުގައި ކެމްޕެއިންތައް ފެށި ނަމަވެސް ދައުލަތުގެ މަގާމުތަކުގައި ތިބެގެން އެހެން ފަރާތްތަށް ނުހައްގުން ކޮރަޕްޝަން މެދުވެރިކޮށް މުއްސަނދިކޮށްދޭ "ވަގުން" ޖަވާބުދާރީ ނުކޮށް ރައްޔިތުންގެ ޖީބުން މި ފައިސާތައް ދައްކާހާ ދުވަހަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެއެވެ.

ކޮރަޕްޝަނަކީ ހަމައެކަނި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހުމެއް ނޫނެވެ. ބިޑްނުކޮށް ޕްރޮޖެކްޓް އެވޯޑް ކުރުމާއި ގާތްގުޅުން އޮންނަ މީހުންގެ ވިޔަފާރި ޕްރޮމޯޓް ކުރުމާއި މަސައްކަތްނެތި އެތައް ބައިވަރު ސިޔާސީ މަގާމް އުފައްދައި ސިޔާސީ ފައިދާއަށްޓަކައި ބަހައި ދައުލަތުގެ ފައިސާ ބޭކާރުކުރުމަކީ ވެސް ހަމަ ކޮރަޕްޝަނެވެ.