Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ހަރުކަށި ހިޔާލުތައް އިތުރުވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އިހްމާލުވެގެން: ރައީސް

ހަރުކަށި ހިޔާލުތައް ރާއްޖޭގައި އިތުރުވެގެން ގޮސްފައިވަނީ ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ" އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން ހަރުކަށި ވިސްނުމަށް ލެނބިގެންދާކަމަށެވެ.

ރައީސް ވިދާޅުވީ މުޖްތަމަޢުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ފަދަ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދިނުމަކީ، އެއްވެސް ބައެއްގެ މަޞްލަޙަތު ހުރި ގޮތެއް ނޫންކަމަށެވެ.

"އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން. އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި."

ރައީސު ވިދާޅުވިއެވެ.

ޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި، ޒުވާނުންނާ މެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގައި ތަޢުލީމީ މަރުޙަލާތައް ފުރިހަމަކުރަމުންކަމަށެވެ. އަދި، ކޮންމެ ޒުވާނަކީވެސް އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤު ހެޔޮ ޒުވާނަކަށް ހެދުންކަމުގައި ރައިސް ސޯލިހު ވިދާޅުވިއެވެ.

ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށާއި، މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެންވެސް އެދެނީ، ޞުލްޙަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެންކަމަށާއި، ސަރުކާރުން ކުރާ ކޮންމެ ކަމަކުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްކޮށްދިނުން ކަމަށެވެ. އަދި ތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ، ޞުލްޙަ ޤާއިމްވެފައިވާ ތަނެއްކަމަށް ޤަބޫލުކުރެވިފައި އޮތަސް ޙަޤީޤީ ޞުލްޙައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީކަމަށެވެ.