Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަދިވެސް ޑިންގީވެސް ނުފެނޭ: އެމްއެންޑީއެފް

މިދިޔަ އާދީއްތަ ދުވަހު ލ. ގަމުން މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، 19 އަހަރުގެ އަންހެނަކު ގެއްލިފައިވާއިރު އަންހެން މީހާ ހޯދުމަށް އެމްއެންޑީއެފުން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި 19 އަހަރުގެ ޝިމާ ހޯދުމަށް މިއަދުވެސް ގެއްލުނު ސަރަހައްދު ވައިގެ މަގުންނާއި ކަނޑުގެ އަޑިވެސް ޑައިވްކޮށްގެން ބަލާފައިވެއެވެ. ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން 5 މޭލުގެ ބޮޑު ސަރަހައްދެއް ވައިގެ މަގުން ހެލިކޮޕްޓަރުން ބަލާފައިވާއިރު ގެއްލުނު ޝިމާ އަދި ޝިމާ ދަތުރުކުރި ޑިންގީގެ އެއްވެސް ހިލަމެއްވެސް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަދި މިއަދުވެސް އެމްއެންޑީއެފްގެ ޑައިވަރުންނާއި ކޯސްޓު ގާޑުން ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށް މީޑީޔާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ބުނެފައިވެއެވެ.