ރައީސް ޔާމީންގެ ވެރިކަމުގައި އެސަރުކާރު ދިފާއުކޮށް ބޮޑެތި ބަޔާން ނެރެ ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުމުގައި އިސް ދައުރެއް އަދާކުރި ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ހާލާ ހަމީދު އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރުމުން ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެއްޖެއެވެ.
ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމު ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރުމާއި ގުޅިގެން އދ ގައި ހިމެނޭ 41 ގައުމެއް ގުޅިގެން ނެރުނު ބަޔާން އޭރު ދޮގުކޮށްފައިވަނީ ހާލާއެވެ.
ހާލާ އޭރު ވިދާޅުވެފައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓާ ބެހޭގޮތުން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ 2013 ގައި ރާއްޖެ ވަޑައިގަތް އދ. ގެ މަންދޫބު ކަމަށެވެ. އޭރު އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުން ވެސް އދ. ގެ މަންދޫބު ތައްޔާރު ކުރެއްވި ރިޕޯޓަށް ތާއީދުކުރި ކަން ހާލާގެ ބަޔާނުގައި އޭރު ފާހަގަ ކުރެއްވި އެވެ.
ހާލާ އޭރު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ޒިިޔާރަތްކޮށްފައިވާ ކަމަށާއި އެ ޓީމު އެންމެ ފަހުން ވަޑައިގެންފައި ވަނީ ވެސް ހަފްތާއެއްހާ ދުވަސް ކުރިން ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށެވެ. އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާއަކު ރާއްޖެ އައުމަށް ދައުވަތު ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ
ހާލާ ވަނީ ސޯޝަލް މީޑިއާގައި އޭރުގެ އިދިކޮޅު ފަރާތްތަކަށާއި، ކުރީގެ ރައީސް މައުމޫންއަށް އަމާޒުކޮށް ފާޑުކިޔާފައެވެ.
In Geneva for the High Level Segment of the 40th Session of the Human Rights Council. Will be speaking at 2 pm (Geneva time) tomorrow. It was 11 years ago that I addressed the Council last in the capacity as the then FM.
webcast link is https://t.co/Bi0A1RAEJG pic.twitter.com/u9AMwUf1Va
— Abdulla Shahid ? (@abdulla_shahid) February 24, 2019
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 40ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާލާ އާއި އެކު ނަންގަވާފައިވާ ފޮޓޯ ތަކާއި ގުޅިގެން ހިތް ހަމަނުޖެހުން ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އަދިވެސް މި ސަރުކާރުން އުޅުއްވަނީ ހާލާ "ކިހިލި" ޖަހައިގެންކަމަށެވެ. އަދި މިއީ އިސްލާހަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް ކުރި މަލާމާތެއްކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.
އަބްދުﷲ ޝާހިދު ވަނީ ހާލާ އާއި އެކު ބައްދަލުވުންތަކުގެ ހަވާސާގައި އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވާފައިވާފައެވެ.
ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބަކަށް ޑރ. ހާލާ ހަމީދު އައްޔަންކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 22 ޑިސެމްބަރ 2015 ގައެވެ.