ޕްރައިމަރީގައި ނާކަމިޔާބުވާ ފަރާތްތަކަށް ވެސް އިންތިޚާބުގައި ވާދަކުރެވޭ ގޮތަށް ނިންމާފައިވާ ނިންމުމަކީ އެމްޑީޕީއަށް އަމާޒުކޮށް އެޕާޓީއަށް ގެެއްލުން ދިނުމަށް ނިންމާފައިވާ ނިންމުމެއްކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުޅި ރާއްޖޭގައި ފުޅާގޮތެއްގައި ވާދަވެރި ޕްރައިމެރީއެއް މިފަހަރުވެސް ބޭއްވި ހަމައެކަނި ސިޔާސީ ޕާރޓީއަކީ އެމް.ޑީ.ޕީ. ކަމަށްވާއިރު، ޕްރައިމެރީގައި ނާކަމިޔާބުވާ ފަރާތްތަކުގެ ވާހަކަ ނަންގަނެ، ސްޕްރީމް ކޯޓުން އެ ނިންމުން ނިންމަވައި، އިންތިޚާބީ ތާރީޚުތަކަށް ބަދަލު އަންނާނޭ ގޮތަށް ޢަމަލުކުރައްވާފައިވަނީ އެ ޕާރޓީއަށް އަމާޒުކޮށްގެން، މަޖިލިސް އިންތިޚާބުގައި އެ ޕާރޓީއަށް ގެއްލުން ދިނުމުގެ ގޮތުން ކަމަށެވެ.
އަދި ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމެރީ އިން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނޭ ގޮތަށް މިދިއަ ސަރުކާރުން ފާސްކުރި ޤާނޫނަށް ސްޕްރީމް ކޯޓުން ވާގިވެރިވުމުގައި މިހުރިހާ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވުމާއެކު ކުއްލިއަކަށް އަނެއްކާ ވެސް އިންތިޚާބީ ތާރީޚުތަކަށް ބަދަލު އަންނާނޭ ގޮތްތަކަށް ޢަމަލުކުރެއްވުމަކީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯއްދަވައިދެއްވުމަށް ކުރެއްވި ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
"ސްޕްރީމް ކޯޓަކީ ސޫއު މޯޓޯގެ އުސޫލުން އަމިއްލައަށް އެކިއެކި ޤާނޫނުތައް ނަންގަވައިގެން އެ ޤާނޫނުތަކުގެ މާއްދާތަކާއި ބާބުތައް މީގެ ކުރިން ބާތިލުކުރައްވާފައިވާ ކޯޓެއްކަން ވެސް ފާހަގަ ކުރަމެވެ. ނަމަވެސް މިހާތަނަށް ވެސް މިދިއަ ސަރުކާރުން ފާސްކުރި މި ޤާނޫނުގެ މާއްދާ ބާތިލުކުރައްވާފައި ނުވެއެވެ. ހަމައެފަދައިން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އެހެން އެއްވެސް ޕާރޓީއަކަށްވުރެ ކުރިން އެމް.ޑީ.ޕީ އިން ކެންޑިޑޭޓުން ހޮވައި، ފުރިހަމައަށް ތައްޔާރުވެ، ކެމްޕޭނުގެ މަސައްކަތް ފަށާފައިވަނިކޮށް، އިންތީޚާބީ ތާރީޚުތަކަށް ބަދަލުގެނައުމަކީ މި ޕާރޓީއަށް އަމާޒުކުރައްވައިގެން މި ޕާރޓީއަށް ގެއްލުންދެއްވުމުގެ ގޮތުން ހިންގަވާފައިވާ ޢަމަލެއްކަމަށް ދެކެމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނިގޮތުގައި ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް ޢަމަލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭންޖެހޭނެ ކަމަށެވެ.