Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

އަވަށު ބޯޑުތައް އުފެއްދީ ގާނޫނާ ހިލާފަށް!

ހިތަދޫ އަވަށު ބޯޑްގެ ރައީސް އިބްރާހީމް ޝިނާޒް (ކ) އާއި މޭޔަރު ސޯބެ: ބޯޑްތައް ގާނޫނާ ހިލާފް ކަމަށް ވަނީ ހުކުމްކޮށްފައި.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގައި އަވަށު ބޯޑްތައް ހަދައި، އެ ބޯޑްތަކަށް މީހުން އައްޔަންކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކަނޑަައަޅައިފި އެވެ.

ހިތަދޫ ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ ނޮވެމްބަރު 14، 2012 ގައި ހުށަހެޅި މައްސަލަ އާ ގުޅުގެން ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އަވަށު ބޯޑުތައް އުފައްދާފައި ވަނީ "ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާއި ރަށްރަށުގެ އަވަށު ބޯޑު އުފައްދައި ވަގުތީ ރައީސުންނާއި ނާއިބު ރައީސުން ހަމަޖައްސާފައި ގާނޫނު ނަންބަރު 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެމަގާމުތައް އުވާލުމަށް ކޯޓުން ހުކުމް ކުރާ ކަމަށެވެ.

މީގެ ކުރިން މި މައްސަަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެއީ ގާނޫނާ ހިލާފަށް އައްޑު ސިޓީ ކައުންސިލުން ނިންމި ނިންމުމެއް ކަމަށް ބުނެ، ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ވެސް ފޮނުވާފަ އެވެ.

އަވަޑު ބޯޑްތަކަށް ރައީސުންނާއި ނައިބު ރައީސުން އައްޔަން ކުރި މައްސަލަ ތަހުގީގުކޮށް އޭސީސީން މާޗް މަހު ކައުންސިލަށް ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ ކައުންސިލަރުންގެ އެ އަމަލުގެ ސަބަބުން ދައުލަތަށް 2،197،714.01ރ. މިލިއަން ގެއްލުން ވެފައިވާ ކަމަށެވެ.

އަދި އަވަށު ބޯޑްތަކަށް ރައީސުންނާއި ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ހަމަޖައްސާފައި ވަނީ "ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"ން ސިޓީ ކައުންސިލަށް ދީފައި ނުވާ ބާރެއްގެ ބޭނުންކޮށްގެން އެ ގާނޫނާ ހިލާފަށް ކަމަށެވެ.

އޭސީސީން ނެރުނު ރިޕޯޓްގައި އަދި ބުނެފައި ވަނީ ވަޒީފާތަކަށް ގާނޫނާ ހިލާފަށް އައްޔަންކޮށްފައިވާ މީހުން އެ ވަޒީފާތަކުން ވަކި ކުރުމަށް އޭސީސީން ކައުންސިލަށް އެޕްރީލް 10، 2012 ގައި ސިޓީއަކުން އެންގުމުން އެއާ އެއްގޮތަށް ވެސް ކައުންސިލުން އަމަލުކޮށްފައިނުވާ ކަމަށެވެ.