Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސިމާދު ވަނީ މަރާލާފައި، އިންސާފު ހޯދައިދީ: އާއިލާ

ގއ. ވިލިނގިލީގައި މިދިޔަ އާދީއްތަ ދުވަހު މަރުވެފައި އޮތްވާ ފެނުނު ސ. ހިތަދޫ، ހިޔާލީގެ، ހުސެއިން ސިމާދު މަރާލާފައިވާކަަށް ތުހުމަތުކޮށް އެމައްސަލަ ބަލައިދިނުމަށް އެދި އާއިލާގެ ފަރާތުން ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ސިމާދުގެ ކޮއްކޮ ސަދީފު "އައްޑޫލައިވް"އަށް ބުނީ އޭނާގެ ބޭބެގެ މަރާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ޝައްކު އުފެދޭ ކަންތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކަމާއި ބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ.

ސިމާދު މަރުވެފައިވަނީ ވަގުން ހިފަން ޖަހާފައިވާ "ކަރަންޓު ދަންތުރަ"އެއްގައި ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ސިމާދުގެ އާއިލާއިން ބުނެފައިވަނީ ސިމާދު ކަރަންޓުގައި ޖެހިގެން މަރުވީކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ. އެކަމުގައި އިތުރު އެހެންކަމެއް ހިމެނޭ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

"ސިމާދު ކަރަންޓުގައި ޖެހުނީކަމަށް ބުނާއިރު، އޭނާއަށް ވަނީ އަނިޔާކޮށްފައި، ކަރަންޓުގައި ޖެހުނު މީހެއްގެ މޭކަށިގަނޑުން ދެ ކަށި ބިނދޭނީ ކިހިނެއް؟ އަނެއްކޮޅުން ލޮލަށް އެއްޗެއް ހަރާފައިވޭ"

ސިމާދު މަރުވެފައި އޮތްވާ ފެނުނީ ހަރުގެ ބަލަހައްޓާ ސައީދު ހަސަން އަށެވެ. ސައީދު ހަސަން އަކީ އެރަށުގެ އިންޖީނުގޭގައި މަސައްކަތް ކުރާތާ 30 އަަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖްރިބާ ކާރު އިލްކްޓްރީޝަނެކެވެ. އެރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ސިމާދު ޖެހުނު ކަރަންޓު ދަންތުރަ ހަދާފައިވަނީ ސައިދު ހަސަންއެވެ. އަދި ސިމާދުގެ މަރުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީވެސް ސައީދު ހަސަން އެވެ.

މި މައްސަލާގައި މިހާތަނަށް ސައިދު ހަސަން ފިޔަވައި އިތުރު މީހެއްގެ ބަޔާން ފުލުހުން ނަގާފައިނުވެއެވެ.

ސަދީފު ބުނީ އޭނާގެ ބޭބެގެ މަރާއި އެހެން ކަންތައްތަކެއް ގުޅިފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. އަދި އެކަން ބަލައި ތަހްގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ސައީދު ހަސަންގެ މައްސަލަ ބަލަން ޖެހޭކަމަށް އޭނާ ބުންޏެވެ.

"މީގައި ސައިދު ހުސަން ދައްކާ ވާހަކަވެސް ދެކޮޅު ނުޖެހޭ، އެކަން ފުލުހުން އިތުރަށް ބަލަން ޖެހޭ، އަނެއްކޮޅުން ސިމާދު ގެންގުޅުނު ފޯނު ހޮސްޕިޓަލުން ވަނީ ފުލުހުންނާއި ހަވާލު ކުރުމުގެ ބަދަލުގައި އެހެން ބަޔަކާއި ހަވާލުކޮށްފައި، އެނގިފައިވާ ގޮތުގައި އެފޯނު ސިމާދު ގެންގުޅެނީ ކޯޑެއް ނުޖަހާ، އެކަމަކު މިހާރު ފޯނު އޮތީ ލޮކް ކޮށްފައި"

ސިމާދުގެ ގެއްލިގެން އެރޭ އިރާކޮޅުން ފެށިގެން ތިން ފަހަރެއްގެ މަތިން ފުލުހަށް ހުށަހެޅިއެވެ. އެގޮތުން އެންމެ ފަހުން ފުލުހަށް ރިޕޯޓުކޮށްފައިވަނީ އެރޭ 10 ޖެހި އިރުއެވެ. ފުލުހުަށް ތިން ފަހަރެއްގެ މަތިން ރިޕޯޓު ކުރުމުންވެސް ސިމާދު ހޯދުމަށް މަސައްކަތްކޮށްފައި ނުވެއެވެ. އެކަމާއިވެސް އާއިލާއިން ސުވާލު އުފައްދައެވެ.

ސަދީފު ބުނީ ސިމާދު ކަރަންޓުގައި ޖެހިގެން މަރުވިކަމަށް ބުނާއިރު، އެރޭ ކަރަންޓު ކެނޑިގެން ފެނަކައަށް ރިޕޯޓު ކުރިކަމެއް އަދި މިހާތަނަށް އެނގިފައި ނުވާކަމަށެވެ.

"އަހަރެމެންނަށް އެނގިފައިވާ ގޮތުގައި މިގޮތަށް ކަރަންޓްގައި ޖެހިއްޖެނަމަ ފޮށިންވެސް ވައްޓާނެ، އަދި އެތަނަކުން ކަރަންޓުވެސް ކެނޑޭނެ، އެހެން ނޫނިއްޔާ އެބައުޅޭ މައްސަލައެއް، އަދި ކަރަންޓުގައި ޖެހިގެން މަރުވިކަމަށް ބުނާއިރު އޭނާގެ ހަށިގަނޑު އެގޮތަށް ނޯންނާނެ"

ސިމާދުގެ މަރާއި ގުޅިގެން އާއިލާއިން ޝައްކު އުފައްދާއިރު ސިމާދު މަރުވެފައި އޮތްވާ ފެނުނު ދުވަހު އެރަށުގައި ތަފާތު ގޮތްގޮތްތަކަށް ވާހަކަ ފެތުރުނެވެ. އެެއްބަޔަކު އެމަރުގެ މައްސަލަ ގުޅުވީ މިދިޔަ ޑިސެމްބަރ މަހު ވިލިނގިލީގައި ހުންނަ ބޭންކު އޮފް މޯލްޑިވްސް ބްރާންޗު ފަޅާލައި 14 މިލިއަނަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލަ އާއިއެވެ. އެމައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިމާދު ހިމެނެއެވެ.

ސިމާދު އާއި އެކު އެމައްސަލާގައި ހައްޔަރުކުރި އެންމެންވެސް ވަނީ ކޯޓުން ދޫކޮށްލާފައެވެ. އަދި ގެއްލުނު ފައިސާގެ ތެރެއިން ބޮޑު ބައެއް އަދިވެސް ނުފެނޭއިރު ސިމާދުގެ މަރުގެ މައްސަލަ އެ ހާދިސާ އާއި ގުޅުވައެވެ.

ސިމާދުގެ އާއިލާއަށްވެސް ބަޔަކު މީހުން މިފަދަ މައުލޫމާތުތަކެއްވަނީ ހިއްސާކޮށްފައެވެ. އަދި އެމައުލޫމާތުވެސް އާއިލާއިން ވަނީ ފުލުހުންނާއި ހިއްސާކޮށްފައެވެ.

އާއިލާއިން ބޭނުންވަނީ މި މައްސަލައިގެ އިތުރު ތަހްގީގު ހިންގައި މިކަން ހިނގައިދިޔަ ގޮތް ސާފުވުމަށެވެ. އަދި ގަސްދުގައި ކޮށްފައިވާ ގާނޫނީ ކުށަކުން ސިމާދު މަރުވި މައްސަލައިގެ އިންސާފު ލިބުމެވެ.