Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އަންނިގެ ތުހުމަތުތަކަށް އެމްއެންޑީއެފްއާއި ޕޮލިހުންގެ ޖަވާބެއް ބޭނުންވޭ: ނިހާން

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ބައެއް ގައުމުތަކުން ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން މީހުން ފޮނުވުމުގެ ނެޓުވާކުގައި ސަލާމަތީ ބާރުތަކުގެ އިތުރުން، ދައުލަތުގެ ބައެއް މުއައްސަސާތަކުން ބައިވެރިވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުކޮށްފައިވާ ތުހުމަތުތަކަށް އެމްއެންޑީއެފްއާއި ޕޮލިހުން ދިވެހި ރައްޔިތުންނަށް ޖަވާބެއް ބޭނުންވާ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ ދިވެހި އޮންލައިން ނޫސް "އަވަސް"ގައި މިކަމާއިގުޅޭ ގޮތުން ލިޔެފައިވާ ޚަބަރެއް ޓްވިޓާގައި ޝެއަރ ކުރުމަށްފަހުގައެވެ.

ރާއްޖޭގައި ހަރުކަށި ދީނީ ހިޔާލު ފެތުރިފައިވާ މިންވަރުގެ މައްޗަށް "ޗެނަލް ނިއުސް އޭޝިއާ" އިން އުފެއްދި ޑޮކިޔުމެންޓަރީއަށް ދެއްވި އިންޓަވިއުގައި، ނަޝީދު ވިދާޅުވީ، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ނުފޫޒުގަދަ މަގާމުތަކުގައި ތިބެގެން، ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާތްގަނޑަކަށް 46 މިނެއްޓުގެ ދިގު އެ ޑޮކިޔުމެންޓަރީގައި، ރާއްޖޭގައި ފެތުރިފައިވާ ދީނީ ހަރުކަށި ވިސްނުމާއި ގުޅޭގޮތުން ގިނަ ބައެއްގެ އިންޓަވިއުތައް ވަނީ ހިމަނައިފަ އެވެ.