Last Updated: June 16, 09:30
Tuesday, June 16, 2026
ޚަބަރު

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ހިތަދޫ އިން ހޯދައިފި

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ ހިތަދޫގައި ބަނގުރާ އުފައްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26 ވަނަ ދުވަހުގެ 13:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން ހިތަދޫގެ ފަޅު ގެއެއް ބަލައިފާސްކުރި އިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަަށް ބެލެވޭ ސަމާނާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.