Last Updated: April 24, 12:56
Wednesday, April 24, 2024
ރިޕޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޭނުމަކީ ކޮބާ؟

ރައްޔިތުންގެ މަޖިލިސް އިދާރާ - ފޮޓޯ: މަޖިލިސް

ބޯމަތިވަމުން މި އަންނަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. ކެމްޕެއިން ކުރުމުގެ ފޯރީގައި ކެންޑިޑޭޓުންނާއި އެ ފަރާތްތަކަށް ތާއީދުކުރާ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މަޖިލީހަށް އިންތިހާބު ކޮށްފިނަމަ ފުއްދަވާނެ ކަމަށް ބުނެ ގިނަ ވައުދުތަކެއް ވެސް އަންނަނީ ވަމުންނެވެ. ނަމަވެސް ފަސް އަހަރުގެ ދައުރަކަށް މަޖިލީހަށް ރައްޔިތުން މި ހޮވާ މެމްބަރުންގެ ބޭނުމަކީ ކޮބައިކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދި ގާނޫނީ ދާއިރާގައި ފުންނާބު އުސް ބޭފުޅަކު ވިދާޅުވީ މަޖްލިސް މެމްބަރުންނަކީ ކޮން ޒިއްމާއަކާއިގެން ކޮން މަސްއޫލިއްޔަތެއް އަދާ ކުރަން ދާބައެއްކަން ރައްޔިތުންނަށްވެސް އަދި ބައެއް މެމްބަރުންނަށްވެސް ނޭގޭ ކަމެވެ.

އިންތިހާބުގައި ވާދަކުރާ ބައެއް މެމްބަރުންގެ މިއަދު އަޑު ހަރުކޮށް ދައްކާ އެއްވާހަކައަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ވާހަކައެވެ. އަދި ސަރުކާރާއި ނުގުޅި ކަންކަން ނުކުރެވޭނެ ވާހަކައެވެ.

"އަޅުގަނޑުމެންނަށް މިއަދު މިއިވެނީ ތިމަންނާ މިއީ ސަރުކާރު އެމްޕީންނޭ، ސަރުކާރު އެމްޕީންނޭ، ސަރުކާރާއި އެކީގައޭ، އެ ކީއްވެގެންތޯ ސަރުކާރާއި އެކީގައޭ ތިބެން މި ކިޔަނީ، މިއީވެސް މައްސަލައެއް ނޫންތޯ، ދެން ކޮން ބައެއްތޯ ޖަވާބުދާރީ ކުރުވަނީ ސަރުކާރު، ރައްޔިތުންނަށް އިނގެން އެބަ ޖެހޭ ރައްޔިތުންގެ މަޖްލީހުގެ މެމްބަރަކީ އެއީ ސަރުކާރު މެމްބަރަކަށް ވިއަސް އެެހެން މެމްބަރެއް ވިޔަސް އެމީހުންގެ ޒިއްމާއެއްކަން ސަރުކާރު ޖަވާބު ދާރީ ކުރުވުމަކީ، ދެން ކިހިނެއްތޯ ސަރުކާރު ޒިއްމާދާރު ކުރުވާނީ"

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވާއިރު މިއީ ރައްޔިތުން ފުންކޮށް ވިސްނަވަން ޖެހޭ ކަމެކެވެ. ތިމަންނާމެން ތަމްސީލް ކުރަން ފޮނުވާ މަޖްލިސް މެމްބަރަށް އެމީހެއްގެ ޒިއްމާ ބަރާބަރަށް ސާފުވޭތޯ ރައްޔިތުން ބަލަން ޖެހެއެވެ.

"އަޅުގަނޑުގެ ދެކޭ ގޮތުގައި މަޖްލިސް މެމްބަރަަކަށް މައިގަނޑު މިއޮންނަނީ ހަތަރު ކަމެއް، އެއީ އޭނާގެ ޒިއްމާ މި ފެށެނީ ގާނޫނު ހެދުމާއި ހިސާބުން ދެން ސަރުކާރު ޖަވާބުދާރީ ކުރުވުން، ދެން ބަލަން ޖެހެނީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދްމަތް ފޯރުކޮށްދޭތޯ އެކަން ކަށަވަރު ކުރުން ދެން އޭގެ ފަހުން ބަޖެޓު ހެދުމުގައި މެމްބަރެއްގެ ޒިއްމާއެއް ބަޖެޓް އިންސާފުވެރިކަމާއި އެކު ރައްޔުންނަށް ބެހިގެންދޭތޯ ބެލުން، މިއީ މައިގަނޑު މެމްބަރުންގެ ޒިއްމާއަކީ"

ގާނޫނޫ ހެދުން

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މައިގަނޑު ޒިންމާ ފެށެނީ ގާނޫނު ހެދުމާ ހިސާބުންނެވެ. މި ދައްކަނީ އެއްގޮތަކަށް ވެސް "ޗަރުކޭސް" ކުޅޭ އުސޫލުން ގާނޫނުތަކެއް ހަދާ ވާހަކައެއް ނޫނެވެ. ވަކީލް ވިދާޅުވި ގޮތުގައި ގާނޫނު ހެދުމުގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭނީ ގައުމުގައި ހުރި ކަންކަން ރަނގަޅު ކުރުމަށެވެ. އަދި އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމަށްޓަކާ ގެންނަންޖެހޭ ސިޔާސަތުތަކަށް ގާނޫނީ ބާރު ދިނުމަކީ ވެސް ގާނޫނުތައް ހެދުމުގައި ބަލަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު ހެދުމުގައިވެސް މެމްބަރުގެ ޒިއްމާ ވަރަށް ބޮޑު، ހަދާ ގާނޫނު ވާން ޖެހޭނެ ދިވެހި އެންމެހާ ރައްޔުތުންގެ ލާބައާއި މަންފާއަށް ހެދޭ ގާނޫނެއްކަމަށް، އަޅުގަނޑުމެން ރައްޔުތުން އެބަ ބަލަން ޖެހޭ ގާނޫނު ހަދަން ފޮނުވަނީ އެފަދަ ގާބިލް މީހެއްތޯ، ގާބިލް ނޫން މީހަކު ގޮސް ކިހިނެތްތޯ މުޅި ރައްޔުތުންނަށް ގާނޫނެއް ހަދާނީ"

ރައްޔިންގެ މަންދޫބުންގެ ގޮތުގައި މަޖްލިސްއަށް ފޮނުވޭ މީހުންގެ ގާބިލްކަން ކަނޑައެޅުމަކީ ރައްޔިތުންގެ ޒިއްމާއެކެވެ. ނާގާބިލް މީހުން މަޖްލިސްއަށް ފޮނުވުމުން ކަންކަން ވެގެންދާ ގޮތް މިހާރު ހިނގަމުންދާ މަޖްލިސް ތެރެއިން ރައްޔިތުންނަށް ފެންނާނެއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރު ޖަވާބު ދާރީ ކުރުމަށް ރައްޔިތުންގެ ފަރާތުން ކަނޑައަޅާ މަންދޫބުންނެވެ. ސަރުުކާރުގެ މިސްރާބު ކަތިވެއްްޖެނަމަ އެކަން ހަމަ މަގަށް އަޅުވައި ސަރުކާރު ޖަވާބު ދާރީ ކުރުވަން ޖެހޭނީ މަޖްލިސް މެމްބަރުންނެވެ.

އޭރަކު އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަކީ ކޮންމެ މަޖްލިސް މެމްބަރެއްގެ ޒިއްމާއެކެވެ.

ވަކީލް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަކީ ވަކި ޕާޓީއެއްގެ މެމްބަރެއްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ޒިންމާއެއްކަން ރައްޔިތުންނަށް އިނގެންޖެހޭ ކަމަށެވެ.

"އެކަމަކު މިހާރު އެންމެން ވެސް މި ކިޔަނީ ތިމަންނަ ސަރުކާރާ އެއްކޮޅޭ، ތިމަންނަ ސަރުކާރާ އެކީގައޭ. މިހާރު އެންމެން ސަރުކާރާ އެކީގަ. ސަރުކާރާ އިދިކޮޅުގައި ވެސް ނެތް ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެކަކު ވެސް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވާނަމަ އެމީހެއްގެ ޒިންމާއެކޭ އެއީ ސަރުކާރާއި އަދި ކުންފުނިތަށް ވެސް ޒިންމާދާރު ކުރުވުން"

އޭނާ ވިދާޅުވިއެވެ.

އަސާސީ ހިދްމަތް ކަށަވަރު ކުރުން

މީގެއިތުރުން އަސާސީ ހިދުމަތްދޭކަން ކަށަވަރުކުރުމަކީ ވެސް މަޖިލިސް މެމްބަރުންގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ކަންކަމާ ހަވާލުވެފައިވާ ފަރާތްތަށް އެކަންކަން ކުރޭތޯ ނުވަތަ ނޫންތޯ ބެލުމާއި އަދި ނުކުރާ ކަމަށްވާނަމަ ނުކުރަނީ ކީއްވެކަން ބެލުމަކީ ވެސް މަޖިލިސް މެމްބަރުންގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ފަރާތްތަށް ޒިންމާދާރު ކުރުވަން ހުންނަ މީހާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ އުދެލި ހިފައިގެން، ފަކީރާ ހިފައިގެން ފަޅު ކޮންނަން ހުންނަންޖެހޭ މީހެއް ނޫނޭ. މަޖިލީހަށް ހޮވަންޖެހޭނީ ރަނގަޅު މީހާ. ވޯޓުލާން ޖެހޭނީ ރަނގަޅު މީހާއަށް. ޕާޓީއަކަށް ނޫން ބަލަންވީ"

އޭނާ ވިދާޅުވިއެވެ.

ބަޖެޓް އިންސާފުވެރިކުރުވުން

ހަތަރުވަނަ ނުކުތާއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ބަޖެޓު އިންސާފުވެރިކަމާ އެކީ ބެހުމުގެ މަސައްކަތް މަޖިލިސް މެމްބަރުން ކުރުމެވެ. އެގޮތުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ 50 އިންސައްތަ މާލެ އަށް ދިނުމަކީ އެއްވެސް ހާލެއްގައި ބަޖެޓު އިންސާފުވެރި ކަމާއެކީ ބެހުމުގެ ގޮތުގައި ނުބެލެވޭނެއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ހައްގުވާ މިންވަރު އެކި ދާއިރާތަކަށް ދޭންޖެހޭކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.

"ބަޖެޓު އިންސާފުވެރި ކަމާއެކީ ބެހުމަކީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހަމަ ބޮލަކަށް ބަހާފައި ދިނުން. މިއީ ހަމަ އެންމެންގެ ލާރި. އެކަމަކު ޕީއެސްއައިޕީ އިވެންސްޓުމެންޓުގެ 50 އިންސައްތަ މިހާރު މި އޮންނަނީ މާލެ އަށް ދީފައި. މި ކަންކަން މިހެން ހުރިއިރު މިހާރު އުފެދޭ ސުވާލަކީ ކާކުތޯ މަޖިލިސް ޒިންމާދާރު ކުރުވާނީ. ޑިމޮކްރެސީއެއްގައި ސަރުކާރު ޒިންމާދާރު ކުރުވާނެ ބަޔަކު ވެސް ތިބެންޖެހޭ"

އޭނާ ވިދާޅުވިއެވެ.

18 ވަނަ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު މިއަދު ފެންނަ މަންޒަރުތަކުން ޔަގީންވަނީ މަޖިލީހަށް އަދި ކޮންމެ މީހަކު ހޮވައިގެން ކަންކަން ރަނގަޅު ނުކުރެވޭނެ ކަމެވެ. ކަންކަން ރަނގަޅު ކުރެވޭނީ ކަމަށް ގާބިލު މީހުން އިންތިހާބުކޮށްގެން ކަމެވެ.

މިއަހަރުގެ އޭޕްރީލް ހަވަނަ ދުވަހު ރައްޔިތުންގެ އަތްމަތީގައި މަޖިލީހަށް މި ދެންނެވި ފަދަ ގާބިލު މީހުން އިންތިހާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ޕާޓީއަށް ނުބަލައި މަޖިލިސް މެމްބަރުންގެ ޒިންމާ އާއި ބޭނުން އެންމެ ރަނގަޅަށް އަދާކުރެވޭނެ ފަރާތްތަށް އިންތިހާބު ކުރުން ވަރަށް މުހިއްމެވެ.