Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

އިންޑިއާ ޕާކިސްތާނުން ހަމަލާ ހުއްޓާލައި، ވާހަކަ ދައްކަން ރާއްޖެއިން ގޮވާލައިފި

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ފާއިތުވި ދެ ދުވަހު ވައިގެ ހަމަލާ ބަދަލުކޮށް ދެގައުމުގެ މަސްރަހު ހޫނުވެފައިވަނިކޮށް، ހަނގުރާމަ ހުއްޓާލައި ދެގައުމުން ވާހަކަ ދައްކަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ އެއް ގައުމުން އަނެއް ގައުމުގެ ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތަށް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލައި ވާހަކަ ދެއްކުމަށް ގޮވާލާކަމަށެވެ.

ރާއްޖެއަކީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރާ ގައުމެއް ކަމަށާއި އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އިންޑިއާ ސިފައިން ދަތުރުކުރަމުން ދިޔަ ބަހަކަށް ހަމަލާދީ 42 މީހުން މަރާލި މައްސަލަ ކުށްވެރި ކުރާ ކަމަށެވެ.

ދިވެހި ސަރުކާރުން ބުނީ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަމަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން، ހާއްސަކޮށް ސައުތު އޭޝިއާގެ ގައުމުތަކަށް ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާނެކަމަށެވެ.

ކަޝްމީރުގެ ބޮމުގެ ހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރި ވައިގެ ހަމަލާތަކުގައި އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ޕާކިސްތާނުން ވަނީ ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފައެވެ. މި ހަމަލާއަށް ފަހު ޕާކިސްތާނުން ވަނީ މަޝްވަރާއަށް ގޮވާލާފައެވެ.