Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

"ކޮމިޝަންތަކުގެ ބިލް ފާސްނުވަނީ މެމްބަރުންގެ މަސްލަހަތު އޮތުމުން ކަމަށް ބެލެވޭ"

ރައީސުލް ޖުމުހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ދިނުމަށް ހުށައަޅާފައިވާ ތަހުގީގީ ބާރުތައް ދިނުމަށް މަޖިލީހުގެ ބައެއް މެމްބަރުން ނޭދެނީ އެ މެމްބަރުންގެ މަސްލަހަތު އޭގައި ހިމެނޭތީ ކަމަށް ގަބޫލުކުރެވޭ ކަމަށް ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ވަނީ ތިން ފަހަރު މަތިން ބިލަށް ވޯޓަށް އަހަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެމްޑީޕީއާއި ޖޭޕީގެ މެމްބަރުންތަކެއް މަޖިލީހުގައި ތިބެމެ، ޖަލްސާއަށް ހާޒިރުނުވުމުގެ ސަބަބުން ވޯޓަށް ނޭހިފައިވާއިރު އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ބައެއް ކަންތައް ހަމަނުވާ ކަމަށް ބުނެ އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާލާފައެވެ.

ޖޭޕީގެ 10 މެމްބަރަކު ކޯރަމް ހަމަކުރަން ބޭނުންވާ ޖަލްސާއަށް ހާޒިރުވެފައިނުވާއިރު ރިޔާޒް ވިދާޅުވީ ހުރިހާ ޖޭޕީގެ މެމްބަރުންނަށް ވޯޓުގައި ބައިވެރިވުމަށް އެންގި ކަމަށާއި ވަކިން ވެސް ބައެއް މެމްބަރުންނަށް އަންގާފައިވާނެ ކަމަށެވެ.

ޖުމުހޫރީ ޕާޓީން އެޕާޓީގެ މެމްބަރުންގެ ތެރެއިން ހާޒިރުނުވާ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި ނަމަވެސް އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.