ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ގައުމަށް ވަފާތެރި އިހުލާސްތެރި ބޭފުޅެއްގެ ގޮތުގައި، ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސިފަކުރައްވައިފިއެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން ގާސިމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަކީ ގައުމަށް ވަފާތެރި އިހުލާސްތެރިއެއް ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ގާސިމް ލައްވާ ބިރު ދައްކައިގެން ކަންކަން ކުރެވިދާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެއީ ވާނެ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވެފައިވެއެވެ.
Rayyithunge Majileehuge Raees Maamigili dhaairaage Izzaiytheri member Hon. Qasim Ibrahim akee Gaumah vafaatheri Ikh’ulaasther’eh. QA aai Qaanoonu thakuge beyrun e Manikfaanu lahvaa biru dhahkaigen kankan kurevi dhaane kamah hee kurumakee varah bodu kuh hee eh.Ekameh nuvaane.
— Abdul Raheem Abdulla (@Banafsaa) February 28, 2019
އެމްޑީޕީގެ ފާޑުކިޔުން ގާސިމަށް އަމާޒުވެފައިވަނީ ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލު މަޖިލީހުން ފާސްނުވެ ދިގުލައިގެންދާތީއެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގާސިމް ގަސްދުގައި ކުރައްވާ ކަމެކެވެ.
އެގޮތުން މި ބިލު ފާސްކުރުމަށް މި ހަފްތާގައި ބޭއްވި މަޖިލީހުގެ ތިން ޖަލްސާ އަށް ވެސް އެޖެންޑާ ކުރިއެވެ. އޭގެތެރެއިން ދެ ޖަލްސާގައި މި ބިލަށް ވޯޓަށް އެހޭ ގޮތް ނުވީ ކޯރަމް ހަމަނުވުމާ ގުޅިގެންނެވެ. މަޖިލީހުގެ ކޯރަމް ހަމަވާނީ 43 މެމްބަރުން ހަމަވުމުން ކަމަށްވާއިރު، ގާސިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުންތަކެއް ޖަލްސާ އަށް ހާޒިރުވެފައެއް ނުވެއެވެ.
އިއްޔެ ބޭއްވި ޖަލްސާ އަށް ވެސް މި ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކުރި ނަމަވެސް މި ބިލަށް ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށް އެ ބިލު މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތަށް ނޫންކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެމްބަރަކު ވިދާޅުވެފައިވާކަން ގާސިމް ވަނީ އިއުލާން ކުރައްވާފައެވެ.
އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް އެ ކޮމިޓީ އަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.