ކާމިޔާބް ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށްފައިވާ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން "އިމޯޓަލްސް އޮފް މެލޫހާ" ވެގެން ދާނީ އެ ކުންފުނީގެ މޫނުމަތި ބަދަލުކޮށްލާނެ ވަރުގަދަ ފިލްމަކަށް ކަމަށް ކަރަން ޖޯހަރު ބުނެފި އެވެ.
"އިމޯޓަލްސް އޮފް މެލޫހާ" އަކީ އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ އަމިޝް ޓްރިޕަތީގެ ވާހަކައެކެވެ. ފިލްމެެއް ހެދުމަށްޓަކައި ކަރަން ވަނީ އެ ވާހަކައިގެ ރައިޓްސް ގަނެފަ އެވެ. އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ "އިމޯޓަލްސް އޮފް މެލޫހާ" އަކީ އުފައްދަން ފަސޭހަ ވާނެ ފިލްމެއް ނޫން ކަމަށެވެ. އަދި ފިލްމްހެ ކާސްޓުން ހޮވައި، ފިލްމްގެ ޝޫޓިން އާ ހަމަަައަށް ދެވޭނީ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށް ލޯބީގެ "ލައިޓް ހާޓެޑް" ފިލްމްތައް ޑައިރެކްޓް ކުރުމަށް މަޝްހޫރު ކަރަން ބުންޏެވެ.
އޭނާ ބުނީ "އިމޯޓަލްސް އޮފް މެލޫހާ"ގެ އެންމެ އުނދަގޫ އެއް ކަމަކަށް ވާނީ، ސްކްރިޕްޓް ތައްޔާރު ކުރުން ކަމަށެވެ.
"އެއީ ދެ ތިން މަހުގެ ތެރޭގައި ވެސް ކޮށްލެވޭ ވަރަށް ވުރެ އުނދަގޫ ޗެލެންޖިން މަސައްކަތެއް. އިމޯޓަލްސްގެ ފައިނަލް ސްކްރިޕްޓަކާ ހަމަައަށް ދެވޭނީ ވެސް ވަރަށް ބޮޑަށް ފޯކަސްވެ، އޭގެ ފުރަތަމަ ދެ ތިން ޑްރާފްޓެއް ވެސް އެކުލަވާލުމަށް ފަހު،" 2012 ގައި "ސްޓޫޑެންޓް އޮފް ދި ޔެއާ" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
ކަރަން ބުނީ "އިމޯޓަލްސް އޮފް މެލޫހާ" ބެލުންތެރިންނާ ހަަމައަށް ގެނެސް ދެވޭނެ ދުވަހެެއް އަދި ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން މިހާތަނަށް ގެނެސް ދީފައިވާ ފިލްމްތަކަށް ބަލާ އިރު 2012 ގައި ގެނެސް ދިން "އަގްނީޕަތު" އާއި 2010 ވަނަ އަހަރު ގެނެސް ދިން "މައި ނޭމް އިޒް ހާން" ފިޔަވައި އެ ކުންފުނިން މުޅިންހެން ގެނެސް ދީފައި ވަނީ ލޯބީގެ ފިލްމްތަކެވެ.
އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ކަލްހޯ ނަހޯ"، "ދޯސްތާނާ"، "އެކް މޭ އޯރް އެކް ތޫ" ފަދަ ފިލްމްތައް ހިމެނެ އެވެ.
ދަރްމާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީްޒް ވާނީ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅޭ "ޔޭ ޖަވާނީ ހޭ ދީވާނީ" އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ "ވޭކް އަޕް ސިދް" ގެ ޑައިރެކްޓަރު އަޔާން މުކަރުޖީ އެވެ.