Last Updated: May 18, 11:51
Saturday, May 18, 2024
ކުޅިވަރު

ޓޮޓެންހަމް އަށް ވުރެ ކުރީގައި އޮވެ ލީގު ނިންމާލުމަށް އާސެނަލްގެ ކޯޗު އެމެރީ ގޮވާލައިފި

އާސެނަލްގެ ކޯޗު އުނާއި އެމެރީ. --ފޮޓޯ: އޭޕީ

އުތުރު ލަންޑަންގެ ޑާބީގައި މާދަމާ ހަވީރު ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް އާސެނަލް ނިކުތުމުގެ ކުރީން އެ ޓީމުގެ ކޯޗު އުނާއި އެމެރީ އިއްޔެ ދިން އިންޓަވިއުގައި ވަނީ މި މެޗުން އާސެނަލް މޮޅުވެއްޖެނަމަ މިއީ ޓޮޓެންހަމް އަށް ވުރެ ލީގު ތާވަލްގެ ކުރީގައި އޮވެ ނިންމާލަން އެ ޓީމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ބުނެފައެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޗެލްސީ އަދި ބާންލޭ އަތުން ޓޮޓެންހަމް ބަލިވެފައިވާއިރު އާސެނަލް ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ އެ ޓީމާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލައިފައެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުން އާސެނަލް މޮޅުވެއްޖެނަމަ ޓޮޓެންހަމް އާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. މެޗުގެ ކުރީން އާސެނަލްގެ ކޯޗު އެމެރީ ވަނީ އެ ޓީމުގެ ކުޅުންތެރިން މިހާރުވެސް ކުޅެމުން އަންނަ ފޯމުގައި ފުރިހަމަ އިތުބާރާއެކު ކުޅެ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބޯންމައުތު އަދި ސައުތުހެމްޕްޓަން އާ ދެކޮޅަށް ދެއްކި މޮޅު ކުޅުން ތަކުރާރުކުރުމަށް ގޮވާލާފައެވެ.

"މިއީ އަހަރެމެންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއް." ހުކުރު ދުވަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި އާސެނަލްގެ ކޯޗު އެމެރީ ބުންޏެވެ.

"މީގެ ދެ ހަފްތާ ކުރީން އާސެނަލް އާ ޓޮޓެންހަމް ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އޮތް. ނަމަވެސް، މިހާރު ފަރަގު މިވަނީ 4 ޕޮއިންޓަށް ކުޑަވެފައި."

ޓޮޓެންހަމް އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗެއްގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

"އަހަރެން ބޭނުމީ މާދަމާގެ މެޗުގައި ހުރިހާ ކުޅުންތެރިން ގުޅިގެން ކުޅެ، މޮޅުވާން. ދެ ޓީމަށްވެސް މި މެޗުގެ ނަތީޖާ ވަރަށް މުހިއްމު ވާނެ. މިއީ އިތުބާރާއެކު ކުޅެން މި ދަނޑިވަޅުގައި ލިބޭނެ ރަނގަޅު ފުރުޞަތެއް." އެމެރީ ބުންޏެވެ.

ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުތަކުން ނެރުނު ދަށް ނަތީޖާގެ ސަބަބުން ލީގު ތަށި ހޯދުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. އެގޮތުން، ތާވަލްގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލް އާ ދެމެދު އޮތް ފަރަގު ވަނީ 9 ޕޮއިންޓަށް ފުޅާވެފައެވެ.

މާދަމާގެ މެޗަށް އާސެނަލް ނިކުންނައިރު 2014 ވަނަ އަހަރުގެ މާރިޗް މަހުގެ ފަހުން އެ ޓީމަށް ޓޮޓެންހަމްގެ ދަނޑުގައި މޮޅުވެވިފައެއްނުވެއެވެ. އެހެންނަމަވެސް، މި ދެ ޓީމު އެންމެ ފަހުން ލީގުގައި ބައްދަލުކުރި މެޗުގައި 4-2 އިން އާސެނަލް ވަނީ މޮޅުވެފައެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ބޯންމައުތު އާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ މެސުޓް އޮޒިލް (މ) ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މި ވަގުތު ފޯމުގެ ގޮތުން ޓޮޓެންހަމް ވަރަށް ދަށް ކޮށް އޮތް ނަމަވެސް އާސެނަލްގެ ކޯޗު އެމެރީ ވަނީ އެ ޓީމުގެ ފަރާތުން ރަނގަޅު ފައިޓެއް ދޭނެކަމަށް ޤަބޫލުކުރާކަމަށް ބުނެފައެވެ.

"އަހަރެންނަށް ވިސްނޭ ގޮތުގައި މާދަމާގެ މެޗަކީ އެހެން ހުރިހާ މެޗަކާއި މުޅިން ތަފާތު މެޗެއް. ދެ ޓީމު މިވަގުތު އޮތް ފޯމާއި ބެހާގޮތުން ވިސްނުމަކީ މުހިއްމު ކަމެއް ނޫން."

"މި މެޗަކީ ރަށުން ބޭރުގައި ކުޅޭ މެޗަކަށްވުމުން އަހަރެމެންނަށް ވެސް ތަފާތުވާނެ. ޓޮޓެންހަމް އާ ދެކޮޅަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެ." އެމެރީ ބުންޏެވެ.

އާސެނަލް އެންމެ ފަހުން ބޯންމައުތު އާ ދެކޮޅަށް ކުޅުނު މެޗުން 5-1 އިން މޮޅުވިއިރު އެ ޓީމުގެ ކެޕްޓަން ލޯރެން ކޮޝިއެލްނީ އަށް އަނިޔާވެފައިވާއިރު ސްވިޒަލޭންޑްގެ ތަޖުރިބާކާރު ފުލްބެކް ސްޓެފަން ލީޗްޓްސްޓެއިނާ އަނިޔާގެ ސަބަބުން އެ މެޗުގައި ނުކުޅެއެވެ. ނަމަވެސް، މެޗުގެ ކުރީން އާސެނަލްގެ ކޯޗު އެމެރީ އިއްޔެ ދިން އިންޓަވިއުގައި ވަނީ މި ދެ ކުޅުންތެރިންވެސް މިހާރު ތަމްރީންތަކުގައި ބައިވެރިވިކަން ކަށަވަރުކޮށްދީފައެވެ.