Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

މިމަހު 10 ވަނަ ދުވަހުން ފެށިގެން ބްރިޖް މަތީ ހެލްމެޓް އެޅުން މަޖްބޫރު: ޓްރާންސްޕޯޓު

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖް މަތީގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖްބޫރުކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ ބްރިޖް މަތީގައި ދުއްވާއިރު ހެލްމެޓް އަޅަން މަޖްބޫރު ކަމަށާއި އެކަން ތަންފީޒު ކުރުން ފަސް ނުކުރާނެކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ.

ރަފީއު ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖްބޫރު ކުރި ނަމަވެސް ފިޔަވަޅު ނާޅައި އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހެލްމެޓް ހޯދުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އެޕްރީލް މަހުގެ ނިޔަލަށް ފިޔަވަޅު ނާޅާނެކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

ސިނަމާލެ ބްރިޖް ހުޅުވާލުމާއި އެކު ބްރިޖް މަތީގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެކަމާއި ގުޅިގެން ޓްރާންސްޕޯޓު އޮތޯރިޓީން މީހުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބާއްވާފައިވާ އިރު ވަކި ޓެސްތަކުން ފާސްވާ ބަޔަކަށް ހެލްމެޓު ހިލޭ ދިނުމަށްވެސް ޓްރާންސްޕޯޓުން ވަނީ ނިންމާފައެވެ.

ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.